ads
ވީޑިއޯ ރިޕޯޓް
ކޮވިޑަށް ވުރެ އެސެމްބްލީ މުހިންމު؟
މިއަދަކީ ރާއްޖޭގެ ކިޔަވާ ކުދިންނަށް ވަރަށް ވެސް ހާއްސަ ދުވަހެކެވެ. އެއީ އެތައް ދުވަހެއްގެ ދިގު އިންތިޒާރަކަށް ފަހު ސްކޫލުތައް ހުޅުވިގެން ދިޔައީމައެވެ. މިއީ ބޭބީ ނާސަރީއިން ފެށިގެން ގްރޭޑް 12 ގެ ދަރިވަރުންގެ ދިރާސީ އާއަހަރު ފެށިގެން ދިޔަ ދުވަހެވެ.

ސްކޫލުތައް ހުޅުވޭއިރު ގިނަ ބެލެނިވެރިން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގަ އެވެ. ނަމަވެސް ހާސް ނުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފަ އެވެ. ދަރިވަރުންގެ ފުރިހަމަ ޒިންމާ ނަގާނެ ކަމަށް އެބޭފުޅުން ބުނަމުން ދެއެވެ.

މިހެން ބުނެފައިވާ އިރު އެންމެ ފުރަތަމަ ދުވަހު ވެސް ފެނުނު މަންޒަރަކީ އެސެމްބްލީއެއް ބޭއްވި މަންޒަރެވެ. އެސެމްބްލީ އޮންނާނީ ގައިދުރުކަން މަތީގައި ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ. ނަމަވެސް ދަރިވަރުން އެންމެ 4-5 ގަޑިއިރަށް ސްކޫލުތަކަށް ކިޔަވަން ދާއިރު، ހުރިހާ ކުދިން އެއްކޮށް ބޮޑު އެސެމްބްލީއެއް ބޭއްވުމުގެ އެއްވެސް ފައިދާއެއް ނެތެވެ. ހަމައެކަނި ގެއްލޭނީ ވަގުތުތަކެކެވެ. ވަނީ ކޮވިޑްގެ ބިރު ބޮޑެވެ.

އެހެންކަމުން މި ފެނިގެންދަނީ ފުރަތަމަ ދުވަހު ވެސް އެޑިއުކޭޝަން ފެއިލްވާން ފަށައިފައިވާ މަންޒަރެވެ. އެ މިނިސްޓްރީގެ ވިސްނުން ކޮށި ކަމެވެ. ގައިދުރުކަން ބަހައްޓައިގެން ވެސް ގިނަ ދަރިވަރުންތަކެއް އެއްކޮށްލުމުން ވާނޭ ގޮތް އެބޭފުޅުންގެ ސިކުނޑިއަށް ނުވިސްނެނީ ބާއެވެ؟ ހުކުރު ދުވަހު އެކަނިވެސް 52 މީހުން ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވެފައިވެ އެވެ. އެހެންކަމުން ދަރިވަރުން މިހެން އެއްކުރާ ނަމަ ކިތައް ކޭސް ފެންމަތި ވެދާނެތޯއެވެ؟

އެޑިއުކޭޝަނުން ރައްކާތެރިކަން ދޭން އެއްބަސްވީމިހެން ހެއްޔެވެ. ހަމައެކަނި އަތް ދޮންނަ ސާމާނު ސްކޫލްތަކުގައި ބެހެއްޓުމުން ޒިންމާއެއް ނުނިމެ އެވެ. ދަރިވަރުންނަށް މާސްކް އަޅަން މަޖުބޫރު ކުރުމުން ކޮވިޑުން އެ ކުދިން ރައްކާތެރިއެއް ނުކުރެވޭނެ އެވެ. ކުދިން ގައިގޯޅި ވެގެން އުޅޭ ކަހަލަ ހަރަކާތްތައް ނުބޭއްވުން މުހިންމެވެ. އަދި އެކުދިންނަށް ކިޔަވަން ލިބޭ މަދު ވަގުތުކޮޅުގައި އެސެމްބްލީ ކަހަލަ ބޭކާރު ކަންކަން ތާވަލް ނުކުރުން ބުއްދިވެރި އެވެ. އޭގެ ބަދަލުގައި އެ ކުދިންގެ ގެއްލިފައިވާ ފިލާވަޅުތައް ކިޔަވައިދިނުމަށް މުހިންމުކަން ދޭންޖެހެ އެވެ.

އަހަރެންގެ ނަޒަރުގައި ހަމައެކަނި ދަރިވަރު ބަލިވުމުން ނޫނީ ކޮވިޑް ޖެހުމުން ފިޔަވަޅު އެޅުމަށް މަޑުކުރުމުގެ ބަދަލުގައި ބަލި ނުފެތުރޭނެ ކަންކަމަށް ސަމާލުކަންދީ ދަރިވަރުން އެކަމަށް އަމަލުކުރޭތޯ ބެލުން މުހިންމެވެ. 

އެހެން ނޫނަމަ ރީތި ދަބަސް އަޅައިގެން ސްކޫލަށް ވަންނަ ދަރިވަރު އެތަނުން ނިކުންނަތަން ފެންނާނީ "ހުދު ކަފުނުގައި ސަންދޯކުގަ" އެވެ. މިހެންކަމުން ކޮވިޑުގެ މި ހާލަތުގައި އެސެމްބުލީ ބޭއްވުމަކީ ބިރުވެރިކަމެއް ނޫންތޯ އެވެ؟ އަދި އެސެމްބްލީ ބޭއްވުމަކީ ކޮވިޑް 19 ގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވުރެ މުހިންމު ކަމެއް ތޯ ވެސް ސުވާލުއުފެދެ އެވެ. 

11%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
78%
ވަރަށް ސަލާމް
ކޮމެންޓްސް