ads
މީހުން ސަލާމަތް ކުރުމަށް މައިނުގެ ތެރެއަށް ތޮރުފަނީ-- ފޮޓޯ: ގެޓީ އިމޭޖަޒް
ޗައިނާގެ މައިނުގައި ތާށިވި މީހުންގެ ތެރެއިން އެކަކު ސަލާމަތްކޮށްފި
ޗައިނާގެ ރަން ނަގާ މައިނެއްގައި އެއްޗެއް ގޮވާ ތާށިވި މީހުންގެ ތެރެއިން އެކަކު ދެ ހަފްތާ ފަހުން ސަލާމަތް ކުރެވިއްޖެ އެވެ.

ޝަންޑޮންގް ޕްރޮވިންސުގެ ހޫޝާން މައިނުގައި އެއްޗެއް ގޮވާ އެތަނުން ނިކުންނަން ކަނޑާފައި އޮތް ދޮރު ބަންދުވީ ޖެނުއަރީ 10 ވަނަ ދުވަހު އެވެ.

އެ ދުވަހުން ފެށިގެން މައިނުގައި މަސައްކަތް ކުރާ މީހުން ތިބީ ބިމުގެ 600 މީޓަރު އަޑީގައި ތާށިވެފަ އެވެ. ނަމަވެސް އެތަނުން ބަޔަކު ސަލާމަތުން ތިބިކަން އެންގުމަށް މީގެ ހަފްތާއެއް ކުރިން ނޯޓެއް ފޮނުވާފައި ވެއެވެ.

ސަލާމަތުން ތިބި މީހުންގެ ތެރެއިން އެކަކު ފަހުން މަރުވި ނަމަވެސް، އެމީހުންނަށް ފެނާއި، ކާބޯތަކެތި އަދި ބޭސް ތިރިކުރުމުގެ މަސައްކަތް ދަނީ ވާގަނޑެއް ބޭނުންކޮށްގެން ކުރަމުންނެވެ. އަދި އެމީހުންނާ ވާހަކަދެއްކުމަށް ޓެލެފޯން ކަނެކްޝަނެއް ވެސް ގުޅާފައިވާ ކަމަށް ވެއެވެ.

މައިނުގައި އެއްޗެއް ގޮވަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައެއް ނުވެ އެވެ. އެތަނުގައި ތާށިވި މީހުންގެ ތެރެއިން އެކަކު ސަލާމަތްކޮށްފައި ވާއިރު، އޭނާގެ ހާލު ދެރަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަދި އޭނާ ބިމުގެ މައްޗަށް ނެގިއިރު ލޮލުގައި ފޮތިގަނޑެއް އަޅާފައިވާ ކަމަށާއި ވަގުތުން ގެންދިޔެއީ ހޮސްޕިޓަލަށް ކަމަށް ރިޕޯޓުކޮށްފައި ވެއެވެ. ލޮލުގައި ފޮތިގަނޑު އަޅާފައި ހުރީ ބިމުގެ އަޑީގައި އެއްވެސް އަލިކަމެއް ނެތި ދެ ހަފްތާ އުޅުމަށް ފަހު ކުއްލިއަކަށް އިރުގެ އަލިކަން ލޮލަށް ލިބުމުން ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށެވެ. 

މިއަދު ސަލާމަތް ކުރި މީހާއަކީ ފެނާއި ކާބޯތަކެތި ފޯރުކޮށްދިން މީހުންނާ ވަކިން މައިނުގެ އެހެން ހިސާބެއްގައި ތާށިވެފައި ހުރި މީހެކެވެ. މި މީހާ ސަލާމަތް ކުރެވިފައި ވާއިރު، ފެން ލިބުނު މީހުން ތިބީ މައިނުގެ މެދެއްހާ ހިސާބުގަ އެވެ. އެމީހުން ނެރުމަށް މައިނު ތެރެއަށް ތޮރުފަމުން ދާއިރު، އެކަމަށް އެތައް ހަފްތާތަކެއް ނެގުން އެކަށީގެންވެ އެވެ.

އެމީހުންގެ އިތުރުން އަދި އެހެން ބަޔަކު ވެސް އެތަނުގައި ތާށިވެފައި ވެއެވެ. އެކަމަކު އެ 11 މީހުންގެ އެއްވެސް ހަބަރެއް މިހާތަނަށް ވެފައެއް ނުވެ އެވެ. މައިނުގެ މެދުގައި ތިބި މީހުން ބުނެފައި ވަނީ އެމީހުންނާ 100 މީޓަރު ތިރިން އެކަނި ހުރި މީހަކާ ވާހަކަދެކެވުނު ކަމަށެވެ. އެކަމަކު މިހާރު އެމީހާގެ ހިލަމެއް ވެސް ނުވެ އެވެ.

މައިނުތަކުގައި އެއްޗެހި ގޮވާ، ހިތާމަވެރި ހާދިސާތައް އާއްމު ގޮތެއްގައި ޗައިނާގައި ހިނގަ އެވެ. މިކަން ދިމާވަނީ ރައްކާތެރިކަމުގެ ގަވާއިދުތަކަށް ރަނގަޅަށް އަމަލު ނުކުރާތީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް