ads
މާފުށީގައި ކުނި އަންދާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް--
މާފުށީގައި ކުނި އަންދަނީ ހުއްދަ ނެތި، ކައުންސިލާއި އީޕީއޭގެ ބަސް ތަފާތު!
ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި އެންމެ ކާމިޔާބު ކަމާއެކު ކުރާ ކ. މާފުށީގެ ކުނީ ހާލަތަކީ އެ ރަށު މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. ކުނި މެނޭޖު ކުރާނެ ވަކި ގޮތެއް ނެތި، އަހަރުތަކެއް ވަންދެން އެ ރަށުގައި ކުނި އަޅަމުންދިޔައީ ދާ ޖަހައިގެން މޫދަށެވެ. އެކަމަކު މިއީ މިކަން ކުރަން އެންމެ އެކަށޭނަ ގޮތް ނޫން ކަމަށް އެ ރަށު ރައްޔިތުން ވެސް ގަބޫލުކުރެ އެވެ.

އަހަރުތަކެއް ވަންދެން ކުންޏާ މެދު އެގޮތަށް އަމަލު ކުރަމުން ދަނިކޮށް، އެ ރަށުގައި ކުނި އަޅާ ސަރަހައްދުގެ ފޮޓޯތަކެއް މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާގައި ދައުރުވާން ފެށި އެވެ. އެއާއެކު އެތަން މިތަނުން ކަންބޮޑުވުމުގެ ޝުއޫރުތައް ފާޅުވެ، ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން މައްސަލަ ހައްލުކުރަން ފިޔަވަޅު އަޅަން މަޖުބޫރުވި އެވެ. އެއް ބަޔަކަށް ގޯސްވީ މާފުށީ ކައުންސިލެވެ. އަނެއް ބަޔަކަށް ގޯސްވީ އެންވާރަމަންޓް މިނިސްޓްރީ އެވެ.

ކޮންމެއަކަސް އެ ފޮޓޯތައް ފެނި އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ މާފުށީގައި ކުނި މެނޭޖުކުރުމުގެ ގަވާއިދާ ހިލާފަށް ތަކުރާރުކޮށް އަމަލު ކުރަމުންދާ މައްސަލަ ބަލާ އެކަން ހުއްޓުވުމަށް އެ ރަށު ކައުންސިލަށް އަންގާފަ އެވެ. އެގޮތުން ރަށުގެ ވޭސްޓް މެނޭޖްމަންޓް ޕްލޭން ތައްޔާރުކޮށް އީޕީއޭގެ ހުއްދަ ހޯދުމަށް ހުށަހެޅުމަށާއި، ރަށުގައި އުފެދޭ ކުންޏާ މެދެ މިހާރު އަމަލު ކުރަމުންދާ ގޮތުގެ ތަފްސީލު ތިން ދުވަހުގެ ތެރޭގައި އީޕީއޭއަށް އެންގުމާއި، ކުނި މެނޭޖްކުރާނެ ސެންޓަރެއް ރަށުގައި ގާއިމުކުރެވެންދެން ރަށުގައި އުފައްދާ ކުނި އަޅާނެ ވަކި ސަރަހައްދެއް ކައުންސިލުން ކަނޑައަޅައި އެ އެޖެންސީން ހުއްދަ ހޯދުމަށް ވަނީ އަންގާފަ އެވެ. 

މީގެ އިތުރުން ރަށުގައި ބަހައްޓާފައިވާ އިންސިނެރޭޓަރުގެ ބޭނުން ހިފުމަށާއި، ރަށުގެ ފަޅުތެރެއަށާއި އަތިރިމައްޗަށް ކުނި އަޅަމުންދާ ފަރާތްތައް ހޯދައި އެކަން ހުއްޓުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށާއި އަދި އެޅި ފިޔަވަޅެއް އެ އެޖެންސީއަށް އެންގުމަށާއި، ފަޅުތެރެއަށާއި މޫދުގައި ފެންސް ޖަހައިގެން ކުނި އެޅުން ވަގުތުން ހުއްޓާލުމަށާއި، އެ ސަރަހައްދަށް އަޅާފައިވާ ކުނިތައް ނަގާ ސާފުކުރުމަށް ވެސް ވަނީ އަންގާފަ އެވެ. 

އެ އެންގުން އެންގިތާ މިހާރު ތިން ދުވަސް ފާއިތުވެފައި ވާއިރު، މިއަދު ސޯޝަލް މީޑިއާއިން ފެނުނީ އަނެއްކާވެސް މާފުށީގެ ކުންޏާ ގުޅޭ މަންޒަރެކެވެ. އެއީ އެ ރަށުގެ ކުނި ނައްތާލުމަށް އަންދަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯ އެކެވެ. ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ޓްވިޓާގައި އާއްމުކުރެއްވި އެ ވީޑިއޯއާއެކު ވިދާޅުވީ އެންވާރަމަންޓް މިނިސްޓަރު މަގާމުން ދުރު ކުރަން ޖެހޭ ކަމަށެވެ. 

މި މައްސަލާގައި މާފުށީ ކައުންސިލުގެ ރައީސް އުސްމާން ރަޝީދު މިއަދު ސީއެންއެމްއަށް ވިދާޅުވީ ކުނި އަންދަމުން ދަނީ އީޕީއޭގެ ހުއްދަ ހޯދުމެއް ނެތި ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަނީ ކުނި މެނޭޖު ކުރެވޭނެ ނިޒާމެއް ރަށުގައި ނެތުމުން ކަމަށް ވެސް އުސްމާން ވިދާޅުވި އެވެ.

"އީޕީއޭގެ ހުއްދަ ނެތި އަންދަމުން ދަނީ. ކުނި އަންދަނީ ކުނި އެންދޭނެ ނިޒާމެއް އަދި މާފުށީގައި ނެތީމައި،" އުސްމާން ވިދާޅުވި އެވެ.

އުސްމާން އެހެން ވިދާޅުވި އިރު، އެންވާރަމަންޓް މިނިސްޓްރީ އަދި އީޕީއޭގެ ޓީމެއް މިއަދު ވަނީ މާފުއްޓަށް ދަތުރުކޮށްފަ އެވެ. ކުނީގެ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރެވޭނެ ގޮތެއް ހޯދުމަށް އެ ޓީމުން ވަނީ އެ ރަށު ކައުންސިލާއެކު މަޝްވަރާކޮށް ބައެއް ނިންމުންތައް ނިންމާފަ އެވެ. އުސްމާން ވިދާޅުވި ގޮތުގައި ހާމައަށް އޮންނަ ތަންތަނުގައި ކުނި އެންދުން ނުވަތަ "އޯޕަން ބާނިން" އަކީ މަނާ ކަމެއް ނޫން ކަމަށް އެ ޓީމުން ވަނީ ބުނެފަ އެވެ. 

"އޯޕަން ބާނިންއަކީ ވެސް މަނާ ކަމެއް ނޫން ކަމަށް އެ ބޭފުޅުން އަޅުގަނޑުމެން ކައިރީގައި ބުނީ. ހާމަކޮށް އޮންނަ ތަނެއްގައި ކުނި އެންދުމަކީ މަނާ ކަމެއް ނޫން. އެކަމަކު މަނާ ކަމަކީ މޫދަށް ފެންސް ޖަހައިގެން އެޅުން. އެކަން ވަގުތުން ހުއްޓާލަން އެންގީ. ދެން އަޅުގަނޑުމެން ބުނިން އެމީހުން ކައިރީގައި ދެން އެކަން އަޅުގަނޑުމެން ހުއްޓާލަނީއޭ. ހުއްޓާލަން ބަލާއިރުގައި ރެޑީވެލަން އެބަ ބޭނުންވޭ ވަގުތުކޮޅެއް. އެހެންވެ އަޅުގަނޑުމެންނަށް މުހުލަތުތަކެއް ދިނީ ކަންކަން ހައްލު ކުރަން،" އުސްމާން ވިދާޅުވި އެވެ. 

އެހެން ނަމަވެސް މި މައްސަލާގައި މާފުށި ކައުންސިލުގެ ރައީސް އާއި އީޕީއޭގެ ޑިރެކްޓަރު އިބްރާހިމް ނައީމުގެ ވާހަކަ ވަރަށް ތަފާތެވެ. ނައީމް ސީއެންއެމްއަށް ވިދާޅުވީ ކުނި މެނޭޖު ކުރާނެ ގޮތުގެ ޕްލޭނެއް ހަދާފައި، އެ ޕްލޭނަށް އީޕީއޭގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި، ކުނި ނައްތާލުމަށް ވަކި ގޮތަކަށް އަމަލު ކުރަން ވާނީ އީޕީއޭގެ ހުއްދަ އޮވެގެން ކަމަށެވެ. 

"ހުއްދަ ހޯދަން ޖެހޭނެ. މި އޮންނަނީ ވޭސްޓް މެނޭޖްމަންޓް ޕްލޭނަކާ އެއްޗެހި ހަދައިގެން ހުއްދަ ހޯދަން. ދެން ދިވެހިން މި ކިޔާ ގޮތަށް ހާމައަށް އޮންނަ ތަނެއްގައި މުޅި ތަނަށް ދުން ބުރުވަމުން ކުނި އެންދުމާއި އިންސިނަރޭޓަރުގައި ކުނި އެންދުމާ ވެސް ތަފާތު،" ނައީމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މާފުއްޓަށް މިއަދު ދިޔަ އީޕީއޭގެ ޓީމުން ރިޕޯޓު ތައްޔާރުކޮށް ނިމުމުން އެކަމުގައި ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށެވެ. 

މާފުށި ކައުންސިލަށް މުހުލަތުތަކެއް

މިއަދު އެ ރަށަށް ދިޔަ ޓީމުން ވަނީ ކުނީގެ މައްސަލަ ހައްލުކުރަން ކައުންސިލަށް މުހުލަތުތަކެއް ދީފަ އެވެ. އެއީ އެއީ ކުރިއަށް އޮތް 15 ދުވަސް ތެރޭގައި ވަގުތީ ގޮތުން ކުނި އަޅާ ތަނަށް ކުނި ބަދަލުކުރުމާއި ވީ އެންމެ އަވަހަކަށް އިންސިނަރޭޓަރު ބޭނުން ކުރުމެވެ. މިދިޔަ ސެޕްޓެމްބަރު މަހު އިންސިނަރޭޓަރު ކައުންސިލާ ހަވާލުކުރި ނަމަވެސް، ވެހިކަލް ނެތް ކަމަށް ބުނެ މިއަދާ ހަމައަށް ވެސް އޭގެ ބޭނުން ހިފާފައެއް ނުވެ އެވެ. 

"އިންސިނެރޭޓަރުގައި ހުރި މައްސަލަތައް މިއަދު އައިސް އެ ޗެކް ކުރީ. ޗެކުކޮށްފައި އެބަ ހުރި ކުދިކުދި މައްސަލަތަކެއް. މިހާރު އެ މައްސަލަތައް ހައްލުވާނެ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި. ހައްލުވީމަ އަޅުގަނޑުމެންނަށް އިންސިނެރޭޓަރު ބޭނުން ކުރަން ފެށޭނެ،" އުސްމާން ވިދާޅުވި އެވެ. 

އެހެން ނަމަވެސް އެ މަސައްކަތް ކުރުމަށް ކައުންސިލަށް މުވައްޒަފުން ބޭނުންވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އިންސިނަރޭޓަރު ބޭނުން ކުރާނެ ގޮތް ދަސްކޮށްދީފައިވާ ތިން މީހަކު މި ވަގުތު ވެސް އެ ރަށުގައި އެބަ ތިއްބެވެ. އެއީ އެމްޑަބްލިއުއެސްސީ، ސްޓެލްކޯ އަދި މާފުށި ޖަލުން މީހެކެވެ. އެކަމަކު އެއަށް ވުރެ އިތުރަށް މުވައްޒަފުން ހޯދަން އެދުމުން، އެލްޖީއޭއިން އެކަމަށް ހުއްދަ ދޭނެ ކަމަށް ބުނެފައިވާ ކަމަށް އުސްމާން ވިދާޅުވި އެވެ. 

"ކުރިއަށް އޮތް ހަފްތާއެއް ދެ ހަފްތާ ތެރޭގައި މީހުން ނަގަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިއުލާނު ކުރާނަން. މާދަމާ އަޅުގަނޑުމެން ހުއްދައަށް އެދޭނަން. ހުއްދަ ލިބުނުހާ އަވަހަކަށް އިއުލާނު ކުރާނަން. މީހުން ނެގުނީމަ ވެމްކޯގެ އެހީތެރިކަމާއެކު ޓްރޭނިން ވެސް ދެއްވާނެ ކަމަށް ވިދާޅުވެފައި އޮތީ. ކުރިއަށް އޮތް ފަނަރަ ނުވަތަ ވިއްސަކަށް ދުވަސް ތެރޭގައި ދާއިމީކޮށް ހިންގަން ފެށޭނެ،" އުސްމާން ވިދާޅުވި އެވެ.

އެކަމަކު އިންސިނަރޭޓަރު ބޭނުން ކުރަން ފެށުމުން އެ ރަށުގެ ކުނީގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމާ މެދު އުސްމާން ޝައްކެވެ. އެއީ މާފުއްޓަކީ ގެސްޓުހައުސް ގިނަ ރަށަކަށްވެފައި ތިން ރަށުގައި އުފެދޭ މިންވަރު ކުނި އެ ރަށުގައި ދުވާލެއްގެ މައްޗަށް އުފެދެމުން ދާތީ އެވެ. އަދި މިހާރު އެ ރަށުގައި އިން ހަތަރު ޓަނުގެ އިންސިނަރޭޓަރުގެ ކެޕޭސިޓީއަށް ވުރެ އިތުރަށް ޖުމްލަ ފަސް ޓަނުގެ ކުނި ރަށުގައި އުފެދެމުން ދެ އެވެ. 

"... މި ވަރުގެ އިންސިނެރޭޓަރަކުން މާފުށި ހިފެހެއްޓިދާނެ ބާއޭ. އަޅުގަނޑަކަށް އަދި ޔަގީނެއް ނޫން މާފުށީގައި އުފެދޭ ހުރިހާ ކުންޏެއް މީގެން މެނޭޖު ކުރެވިދާނެ ކަމަކަށް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ވީ ވަރެއް ކުރާނަން. ދެން އަނެއްކާ އަނެއް ކަމަކީ މި އިންސިނެރޭޓަރަށް ހުރިހާ ވައްތަރެއްގެ ކުންޏެއް ނޭޅޭ. އޭގެ ތެރޭގައި ދަގަނޑު، ބިއްލޫރިއާ ދަގަނޑަށް ވެސް އަޅުގަނޑުމެން ކޮންމެވެސް އެހެން ހައްލެއް ހޯދަން ޖެހޭ،" އުސްމާން ވިދާޅުވި އެވެ.

އޭގެ އިތުރުން އުސްމާން ވަނީ ސޯޝަލް މީޑިއާގައި ފޮޓޯއެއް ދައުރުވާއިރަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން އެކަމަކައިގެން އުޅޭ ކަމަށް ފާހަގަކުރައްވާ ފާޑުވިދާޅުވެފަ އެވެ. 

"ސޯޝަލް މީޑިއާގައި ސަމާލުކަމަށް އައިމަކާ ނޫން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން މިކަހަލަ ކަންކަމާ އުޅެން ޖެހޭނީ. ސޯޝަލް މީޑިއާގައި ފޮޓޯއެއް ދައުރުވި ހިސާބުންތާ އަސްލު މިކަން މިއުޅެނީ ފެށިގެން. އެހެން ނަމަވެސް މި އޮތް ހުރިހާ ދުވަހު މިކަން ކުރަމުން އައީ މިހެންކަން އެބަ އިނގޭ އެންމެންނަށް ވެސް. އަޅުގަނޑުގެ ރިކުއެސްޓަކީ މާފުށި ނޫނަސް އަދި އެހެން ރަށްރަށުގައި ވެސް ކުނި މެނޭޖުކުރުމުގެ ކަންކަން ކަމާ ބެހޭ ފަރާތްތަކުން ކުރަމުންދަނީ ރަނގަޅަށްތޯ ބަލަން ޖެހެއޭ. އެއީ ސޯޝަލް މީޑިއާއިން ފޮޓޯއެއް ފެނިގެން ކުރަން ޖެހޭ ކަމެއް ނޫނޭ،" އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އީޕީއޭގެ ޑިރެކްޓަރު ނައީމް އެ ވާހަކަ ދޮގުކުރެއްވި އެވެ. ނައީމް ވިދާޅުވީ އީޕީއޭއަކީ ސޯޝަލް މީޑިއާގައި ދައުރުވާ ކަންކަމަށް ރައްދުދީ ހަދާ މުއައްސަސާއެއް ނޫން ކަމަށާއި މާފުށީގެ ކުނީގެ މައްސަލާގައި އަމަލު ކުރަންވީ ގޮތުގެ އިރުޝާދު އެތައް ފަހަރެއްގެ މަތިން އެ ރަށު ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް