ads
ފިރުޝާނަށް އެހީ ހޯދުމަށް އާއިލާއިން ނެރެފައިވާ ޕޯސްޓެއް--
ސީލިންގު ދަށުވެ އަނިޔާވި ކުއްޖާ ބޮޑެތި އޮޕަރޭޝަންތަކެއް ކުރަން ޖެހިފައި، އެހީވެދެއްވާ!
ގދ. ގައްދޫއަށް އުފަން އުމުރުން 17 އަހަރުގެ މުހައްމަދު ފިރުޝާންއަކީ އުމުރުން ހަގަސް ވިސްނުން ތޫނު، ޒިންމާދާރު ކުއްޖެކެވެ. ސްކޫލު ނިމުމާއެކު އާއިލާ ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެ، އޭނާ ދާން ފެށީ މަހަށެވެ. ނަމަވެސް މަސް ދޯންޏަށް ދިމާވި މައްސަލައަކާ ގުޅިގެން ލިބުނު ކުރު ޗުއްޓީއެއްގައި އެކުވެރިންނާއެކު ދަތުރު ގޮސް އުޅެނިކޮށް ފިރުޝާނުގެ މުޅި ދިރިއުޅުމަށް އެރީ ކުއްލި ލޮޅުމެކެވެ.

ފިރުޝާން އާއި އޭނާގެ އެކުވެރިން ދަތުރު ދިޔެއީ ގައްދޫ ކައިރީގައި އޮންނަ ލޮނުދޫހުއްޓާ އަށެވެ. މި ރަށަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ފެށުމަށް ފަހު މަސައްކަތް ހުއްޓިފައި އޮތް ރަށެކެވެ. އެހެންކަމުން ގައްދޫގެ ޒުވާނުން އާއްމުކޮށް މި ތަނަށް ދަތުރު ގޮސް ހަދަ އެވެ. އެގޮތުން ފިރުޝާން ވެސް އެކުވެރިންނާއެކު ގޮސް އުޅެނިކޮށް ހަދަން ފަށާފައި ހުރި ކޮޓަރިއެއްގެ ތެރެއިން އޭނާގެ ބޯ މައްޗަށް ވެއްޓުނީ ސީލިންގެވެ.

"މި ވަގުތު ފިރުޝާން އޮތީ އޭޑީކޭގެ އައިސީޔޫގައި. އޭނާގެ އިންޓާނަލް އޯގަންސްއަށް ވަނީ ގެއްލުންވެފައި. ބޮލުގެ ނާށިގަނޑުގައި ރެނދުލައި ސިކުނޑިއަށް ލޭ އެޅިފައި އަދި ފަޔަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި،" ފިރުޝާންގެ ދައްތައަކު ސީއެންއެމްއަށް ކިޔައިދިނެވެ. 

ލޮނުދޫހުއްޓާގައި އުޅެނިކޮށް އަނިޔާވުމާއެކު ފިރުޝާން އެންމެ ފުރަތަމަ ގެންދިޔެއީ ގައްދޫ އަށެވެ. އޭނާގެ ދައްތަ ބުނީ ގަޑިއެއްހާ އިރުގެ ތެރޭގައި އެ ރަށުން ސީ އެމްބިއުލާންސްގައި ގދ. ތިނަދޫއަށް ދެވުނު ކަމަށެވެ. ފިރުޝާންއަށް އެންމެ ފުރަތަމަ ފަރުވާދީފައި ވަނީ ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގަ އެވެ. އެތަނުގައި އޭނާގެ ފައިގެ ސާޖަރީއެއް ވަނީ ހަދާފަ އެވެ. ނަމަވެސް އެ ހޮސްޕިޓަލުން ކަންކަން ކުރި ގޮތާ މެދު އާއިލާއިން ހިތްހަމަނުޖެހޭ ކަމަށް ފިރުޝާނުގެ ދައްތަ ވަނީ ބުނެފަ އެވެ. 

"ތިނަދޫއިން ކުރި ފައިގެ ސާޖަރީ އޭޑީކޭއަށް އައިސް އަލުން ކުރަން ޖެހުނީ. މިކޮޅުން ބުނީ ފަޔަށް ލައްވާފައި އިން ބޯލްޓް މާ ބާރުވުމުން ލޭ ހިނގަން އިންނަ މައި ނާރު ފިތިފައިވާ ކަމަށް. ދެން މި ކޮޅުން އަލުން އެ ސާޖަރީ ހަދައިގެން މިހާރު އެކަން ރަނގަޅުވެއްޖެ،" އޭނާ ބުންޏެވެ. 

މީގެ އިތުރުން ވެސް ތިނަދޫގައި ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށާއި ލަސްވި ކަމަށް ވެސް ފިރުޝާނުގެ ދައްތަ ބުންޏެވެ. އެގޮތުން އެ ހޮސްޕިޓަލުން ބޮލުގެ ސްކޭނެއް ހެދުމެއް ނެތި އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނި ކަމަށާއި ނަމަވެސް މާލެ އައުމުން ބޮލުގެ ސާޖަރީ އާއި އިތުރު ގިނަ ސާޖަރީތަކެއް ހަދަން ޖެހޭ ކަން އެނގުނު ކަމަށް އޭނާ ކިޔައިދިނެވެ. 

ފިރުޝާނުގެ ފައިގެ ސާޖަރީ ނިމިފައި ވާއިރު، އަދިވެސް ފައިގެ އިތުރު ސާޖަރީއެއް ހަދަން ޖެހެ އެވެ. އޭގެ އިތުރުން ބޮލުގެ ބޮޑު އޮޕަރޭޝަނަކާއި ހުންކޮށި ފަޅައިގެން ދިޔުމުން އެކަމާ ގުޅޭ ބޮޑު އޮޕަރޭޝަނެއް ވެސް ކުރަން ޖެހޭ ކަމަށް އޭޑީކޭއިން ވަނީ އާއިލާއަށް އަންގާފަ އެވެ. ފިރުޝާނުގެ ހާލަތު ޑޮކްޓަރުން ކިޔައިދިނުމުން މި ވަގުތު މާލޭގައި ހުރި އޭނާގެ މަންމައަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. މަންމަގެ ހާލު ގޯސްވެ، އޭޑީކޭގައި ބާއްވައިގެން ރޭ ފަރުވާ ދޭން ޖެހުނު ކަމަށް އޭނާގެ ދައްތަ ބުންޏެވެ. 

"މަންމައަށް ފިޓު ޖެހުނީ. މިހާރު ދޫކޮށްލައިފި. މަންމަ މިކޮޅަށް އައީ ކައުންސިލް މެމްބަރަކާއެކު. އެކަމަކު ފިރުޝާނުގެ ހާލު ގޯސްކަން އެނގުމުން މިހާރު އޭނާގެ ދޮން ބައްޕަ އާއި މަންމައާ އެއްބަނޑު ދައްތައެއް ވެސް މިކޮޅަށް އައިސްފި،" އޭނާ ބުންޏެވެ. 

ފިރުޝާނުގެ ދައްތަ ބުނީ އާއިލާގެ ބައެއް މީހުން މާލޭގައި އުޅޭތީ ހުންނާނެ ތަނަކާއި ކެއުމުގެ ކަންކަމުގައި ދަތި ނުވާ ކަމަށެވެ. ނަމަވެސް ގިނަ ބޮޑެތި އޮޕަރޭޝަންތަކެއް ކުރަން ޖެހުމާއެކު ފަރުވާއަށް މާލީ ގޮތުން އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ އާއިލާއިން އެދެނީ ފިރުޝާނުގެ އޮޕަރޭޝަންތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް މާލީ ގޮތުން އެހީވެވެން އޮތް ފަރާތްތަކުގެ ދީލަތި އެހީ އަށެވެ.

އެކައުންޓު ނަންބަރު: 7730000301568

ނަޝީދާ މުހައްމަދު: 7257881

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.  

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް