ads
ދައުލަތުގެ ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދުމުގެ އުސޫލު ބަޔާންކުރާ ގަވާއިދު އަމަލުކުރަން ފެށި ރަސްމިއްޔާތު
ވައްކަމަށް ހުޅުވި ދޮރުތައް ބަންދުކުރަން ފަސްޖެހުނީ ކީއްވެ!
ރާއްޖޭގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހުއްޓުމެއް ނެތި ކުރިއަށް ދިއުމުގެ އެންމެ ބޮޑު އަސްލަކީ ދައުލަތުގެ ކުންފުނިތަކާ ދައުލަތުގެ އެކިއެކި އިދާރާތަކާ އެކި ވުޒާރާތަކަށް ބޭނުންވާ މުދަލާ ހިދުމަތްތައް ހޯދުމުގައި ހަމައެއްލަމެއެއް ނެތުމެވެ.

ޒަމާނުއްސުރެން ބާރުގަދަ މަދުބައެއްގެ މުށުތެރެއަށް ދައުލަތުގެ ހުރިހާ ބާރުތައް ޖަމާކޮށް، އަދަބުން ސަލާމަތްވުމުގެ ފުރުސަތު ލިބިދީފައިވާ ޒަމާނުގައި ރައީސް ޔާމީނަކީ ސަރުކާރުގެ ހުރިހާ ކުންފުންޏެއްގަ ހެން ޗެއަމަނެވެ.

ދެހާސް ތެރޭގައި ވެރިކަމަށް އައުމަށް ފަހު ވެސް އެންމެ ބޮޑު އިސްކަމެއްދެއްވީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކާއި ކުންފުނިތަކުގެ އިސް މަގާމުތައް އެ މަނިކުފާނު ބޭނުންވާ ގޮތަށް ކުޅިބައި އަތުރާލުމެވެ.

ޔާމީނު ވެރިކަމުގއި ކޯޕަރޭޓް ގަވަނަންސް ކޯޑެއް ނެތެވެ. އެއް ހަމަޔަކުން ކުންފުނިތަކަށް މުދަލާ ހިދުމަތް ހޯދުމުގައި އަމަލުކުރާ ޕްރޮކިއުމަންޓް ޕޮލިސީއެއް ވެސް ނެތެވެ. ދައުލަތައް ކުއްލި ހާލަތްތަކުގައި ގަންނަންޖެހޭ މުދަލުގެ ގޮތުގައި ގުޅުން އޮންނަ ފަރާތްތަކުގައި ބުނެގެން ދުރާލާ ގުދަންކޮށްފައި ހުންނަ މުދާ ކޮރަޕްޝަނަށް ބައި އަޅާ އުސޫލުން ގަންނަނީ އެވެ.

ކުންފުންޏާ މުދާ ހަވާލު ކުރުމުގެ ކުރީން މަދުވެގެން 90 ޕަސެންޓް އެޑްވާންސް ގޮތުގައި މުދަލުގެ އަގަށްވާ ފައިސާ ދޫކުރުމުން "ކަޓު"ގެ ގޮތުގައި ލިބޭ ފައިސާ ކޮންމެވެސް އެމްޑީއެއްގެ ތިމާގެ މީހެއް ނުވަތަ ވިޔަފާރިވެރިއެއްގެ އެކައުންޓް މެދުވެރިކޮށް އެ ފައިސާއެއް ވައްދާތާކަށް ވައްދަނީއެވެ.

ސަރުކާރު ކުންފުނިތަކުގައި އެމްޑީކަންކޮފައިވާ ގިނަ ފަރާތްތަކަށް ނުހައްގު މުއްސަންދިކަމުގެ އިނގިލި ދަނީ ދިއްކުރެވެމުންނެވެ.

މަޖިލިސް 19 ހުވާކުރުމަށް ފަހު މެމްބަރުން އިސްކަމެއް ދިނީ ފާއިތުވީ ހަތް އަހަރު ދުވަހު ދައުލަތުގެ ވިޔަފާރި ކުންފުނިތައް މޮނިޓަ ކޮށް ރެގިއުލޭޓް ކުރާ ގާނޫނުގައި ބުނާ ގަވާއިދުތައް ހެދުމަށް ބާރު އެޅުމާ ކުންފުނިތަކުގެ ބޯޑު ހަރުދަނާ ކުރުމަށެވެ.

މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ރައީސް ޔާމީނު އައްޔަނުކޮފައިވާ ޣައިރު ގާނޫނީ ބޯޑު މެމަބަރުން ވަކިކުރެވި ބަދަލުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް އަށް ފެނިވަޑައިގަންނަވާ ނަންފުޅުތަކަށް މަޖިލީހުން ރުހުން ދެވުނެވެ.

ނަމަވެސް ދޮޅު އަހަރު ވެގެން ދިޔައިރު ވެސް މި ބޯޑުގެ މަސަތްކަތްތައް ވެސް ކުރިއަށް ނުގޮސް މަޖިލީހުން ޕީސީބީގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅާ ނުފޫޒާއި ހެދި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަން އުޒުރުވެރިވެ އިސްތިއުފާދެއްވާ ގެއަށް ވަޑައިގަތީއެވެ.

އަދި ވަކިކުންފުނިތަކުން މުދަލާ ހިދުމަތް ހޯދާ އުސޫލު އިސްލާހުކުރާން އެންގުނެވެ. ކުންފުނި ތަކުގެ އިސް މަސްއޫލުވެރިންނަށް ފިޔަަވަޅު އަޅަން އެންގުނެވެ. ބައެއް ކުންފުނިތަކުގެ މައްސަލަ އޭސީސީ މެދުވެރިކޮށް ދައުވާ ކުރާން ފޮނުވުނެވެ.

މި ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަނުގެ އަޑު މަޑުނުވާ މައިގަނޑު ސަބަބަކީ ސަރުކާރުގެ ހުރިހާ ކުންފުނިތަކަށް ގާނޫނުގައި ބުނާ އުސޫލުން މުދަލާ ހިދުމަތް ހޯދުމުގައި އެއް ހަމައެއްގައި އަމަލުކުރާނެ ނިޒާމެއް ނެތުމެވެ.

ޔާމީނު އެކުލަވާލާފައިވާ ގަވާއިދަކީ ގަވާއިދު ކަމަށް ގަބޫލުކޮށް ކަރަޕްޝަން ވާރުތަކޮށް ގަވާއިދު ބަދަލު ނުކުރާން ގަދަ ހެދުމެވެ. ޕީސީބީ ގާނޫނުގައި ބުނާ ގަވާއިދުތައް މިސަރުކާރަށް ދެ އަހަރުވެގެން ދިޔައިރުވެސް ނުހަދާ ބޭއްވުމެވެ. މިކަމުގެ ސަބަބުން ސަރުކާރަށް އަދި އެމްޑީޕީއަށް ދިއްކުރާ އިނގިލީގެ ޒިންމާ ކޮންމެ ވެސް ފަރާތަކުން ނަގާންޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ކަމާ ބެހޭ އިދާރާއަށް ލިޔުމުންނާއި ކޮމިޓީގެ އެކިއެކި މަރުހަލާގައި އިލްތިމާސް އާއި އިންޒާރުވެސް ޕީސީބީގެ ބޯޑަށް ވަނީ ދެވިފައެވެ. އެސްއޯއީ ކޮމިޓީގެ ޔައުމިއްޔާ ތަކުން މި ހަގީގަތް ހުރީ ފެންނާށެވެ.

ކޮންމެ އަކަސް ދައުލަތުގެ ވިޔަފާރި ކުންފުނިތައް މޮނިޓަކޮށް އެވަލުއޭޓް ކުރުމާބެހޭ ގާނޫނު ތަސްދީގު ކުރާތާ ހަތަރު މަހުން އެކުލަވާލަންޖެހޭ ގަވާއިދު ޔާމީނުގެ ހަތް އަހަރާ މި ވެރިކަމުގެ ދެ އަހަރާ ބަޔަށް ފަހު މިމަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނު 10:25ގައި ގަވާއިދު އިއުލާނުކުރެވުނެވެ.

މިކަމަށް ބޭއްވުނު ހާއްސަ ބައްދަލުވުމެއްގައި މާލީ ވަޒީރާއި ދައުލަތުގެ ކުންފުނިތަކުގެ އިސް މަސްއޫލުވެރިންނާއި އޮޑިޓަ ޖެނަރަލުގެ އިތުރުން ކަމާއި ބެހޭ މަޖިލީސް ކޮމިޓީގެ މުގައްރިރުންގެ ހާޒިރުގައި ނުވަ އަހަރަށް ފަހު ޕީސީބީން ވަނީ ސަރުކާރު ކުންފުނިން މުދަލާއި ހިދުމަތް ހޯދުމުގެ އުސޫލުތައް ބަޔާން ކުރާ ގަވާއިދު އެކުލަވާލެވިއްޖެކަމަށް އިއުލާނުކުރެވުނެވެ.

އެޑިޓަރުގެ ނޯޓް:

އިބްރާހީމް ރަޝީދު(ބޮންޑާ)އަކީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރެވެ. އޭނާއަކީ ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުއްލަވާ ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް