ads
ރިހިވެލި ރިސޯޓު-- ފޮޓޯ: މޯލްޑިވްސް ޑޮޓް ކޮމް
މާހަލް ޓުއާސްގެ ނުރުހުމުގައި ރިހިވެލި ރިސޯޓުގައި ނުތިބެވޭނެ: ސިވިލް ކޯޓު
މާހަލް ޓުއާސްގެ ފަރާތުން ސޭވް ދަ ޑްރީމަށް ފޮނުވާފައިވާ ޓާމިނޭޝަން ނޯޓިސް އަކީ ސައްހަ އެއްޗެއްކަމަށް ކަނޑައަޅައި، ކ.މަހާނައެޅި ހުރާގައި ތަރައްގީ ކޮށްފައިވާ "ރިހިވެލި ބީޗް ރިސޯޓު" މިވަގުތު ހިންގަމުންދާ ސޭވްދަ ޑްރީމް މޯލްޑިވްސްއަށް، ނުވަތަ ކުންފުނީގެ އެއްވެސް ހިއްސާދާރަކަށް ވެސް މާހަލް ޓްއާސްގެ ހުއްދަނެތި އެރިސޯޓުގައި އިތުރަށް ނުތިބެވޭނެ ކަމަށާއި، އެތަނުން މަންފާ ހޯދުމުގެ ހައްގެއްވެސް ލިބިގެން ނުވާ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސޭވް ދަ ޑްރީމްގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވާ ހުށަހެޅުމުގައި ބުނެފައިވަނީ މާހަލް ޓުއަސް އާއި ދެމެދު ރިހިވެލި ބީޗް ރިސޯޓްގެ ސަބްލީސް 2042 އާ ހަމައަށް ކުއްޔަށް ހިފުމަށް 15 ފެބްރުއަރީ 2018 ގައި އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ތިންވަނަ ފަރާތެއްކަމުގައިވާ ކާސްޓަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މަހަލް ޓުއަސް ކުރިން ކުއްޔަށްދީފައިވާ ރިހިވެލި ރިސޯޓުގެ ސަބްލީސް 2 ޖެނުއަރީ 2018 ގައި ބާތިލުކުރި ކުރުމުގެ މައްސަލަ ދިވެހިރާއްޖޭގެ ކޯޓުތަކުތަކުގައި ހިނގަމުންދާތީ އެ މައްސަލަ ކޯޓުތަކުން ނިމުމުގެކުރިން ދައުވާ ރައްދުވާ މާހަލް ޓުއަސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރާ ފަރާތުގެ މައްޗަށް ނޭދެވޭ ފިޔަވަޅެއް ނާޅައި މަޑުކުރުމަށް އެއްބަސްވުމަށްފަހު، ދައުވާ ރައްދުވާ ފަރާތުން 14 ސެޕްޓެމްބަރ 2020 ގައި ރިހިވެލި ބީޗް ރިސޯޓުގެ ލީސް ބާޠިލުކޮށްފައިވާތީއާއި، 2018 ވަނަ އަހަރު ދައުވާ ރައްދުވާފަރާތުން ރިހިވެލި ލީސް އެހެންފަރާތަކަށް ވިއްކާލާފައިވާތީއާއި، މާހަލް ޓުއަސްގެ ޑިރެކްޓަރުންގެ ބޯޑު ގައިރުޤާނޫނީ ގޮތުން ކުރިއަށްގެންދާތީއާއި، މި ހާލަތްތަކުގައި ދައުވާ ރައްދުވާ ފަރާތުން ނެރޭ ޓާމިނޭޝަން ނޯޓިސް ސައްހަނުވާނޭކަމަށް ކަނޑައަޅައިދިނުމަށާއި، ދައުވާކުރާ ފަރާތަށް ބަދަލުގެ ގޮތުގައި 800,000.00 (އަށްލައްކަ ޔޫއެސް ޑޮލަރު) ދިނުމަށް މަހަލް ޓުއަސް މައްޗަށް އަމުރުކޮށްދިނުމަށް އެދި މާހިލް ޓުއަސް ޕްރައިވެޓް ލިމިޓެޑާއި ތަނޑިނޫމާގެ މުހައްމަދު ޝިހާމްއާއި ތަނޑިނޫމާގެ ހުސައިން ޝިހާމް އަލީގެ މައްޗަށް ހުކުމް ކޮށްދިނުމަށެވެ. 

އެކަމާއި ގުޅިގެން މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ، ރިހިވެލި ބީޗް ރިސޯޓް ސަބްލީސްކުރުމުގެ ގޮތުން މާހަލް ޓުއަސްއާއި ސޭވް ދަ ޑްރީމް މޯލްޑިވްސްއާއި ދެމެދު އަށެއް މެއި 2018 ގައި ސޮއިކުރެވުނު ސަބްލީސް އެގްރީމެންޓް ބާޠިލްކުރުމުގެ މާހަލް ޓުއަސްގެ ފަރާތުން ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ފޮނުވާފައިވާ ޓާރމިނޭޝަން ނޯޓިސްއަކީ ސަބްލީސް އެގްރީމެންޓުގެ ދަށުން ފޮނުވާފައިވާ ސައްހަ ނޯޓިސްއެއްކަމަށް ކަނޑައަޅައި ކަމަށެވެ. އަދި އެނޯޓިސްގެ ދަށުން ސޭވް ދަ ޑްރީމް އާއި، މާހަލް ޓުއަސްއާއި ދެމެދު ސޮއިކުރެވިފައިވާ ސަބްލީސް އެއްބަސްވުން ބާތިލްވެފައިވާތީ ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ނުވަތަ އެކުންފުނީގެ ހިއްސާދާރަކަށްވެސް މާހަލް ޓުއަސް ޕްރައިވެޓް ލިމިޓެޑުގެ
ނުރުހުމުގައި ރިހިވެލި ބީޗް ރިސޯޓުގައި އިތުރަށް ދެމިތިބުމުގެ ނުވަތަ އެތަނުން މަންފާ ހާސިލްކުރުމުގެ ހައްޤެއް ލިބިގެން ނުވާކަމަށާއި، ދައުވާކުރާ ފަރާތުން ބަދަލެއްގެ ގޮތުގައި މާހަލް ޓުއަސްގެ ކިބައިން ހޯދުމަށް އެދިފައިވާ 800,000.00 (އަށްލައްކަ ޔޫއެސް ޑޮލަރު)ވެސް ޝަރީއަތުން ނަގައިދެވޭނެ ގާނޫނީ ހަމައެއް ނެތްކަމަށް ވަނީ ހުކުމްކޮށްފައެވެ. 

އެ ހުކުމް އިއްވިތާ އެންމެ 10 ވަރަކަށް މިނިޓް ތެރޭގައި ބަޔަކު ގަދަކަމުން އެެރަށަށް އަރައި ރަށުގެ ކޮންޓްރޯލް ނަގަން މަސައްކަތް ކޮށް ދަނީ ހަމަނުޖެހުން ހިންގަމުންނެވެ. އަދި ޝަރީއަތް ކުރިއަށްދިޔައިރުވެސް އެހަމަ ނުޖެހުންތަށް ހިންގަމުން ދިޔަ ކަމަށް ވެއެެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރިހިވެލީގައި ހަމަނުޖެހުންތަކެއް ހިނގާކަމުގެ މައުލޫމާތު ލިބުމުން ފުލުހުން އެ ރިސޯޓްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ފުލުހުން މަސައްކަތްކުރަމުން އަންނަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ކަމަށެވެ. ފުލުހުން ބުނީ އެ ރިސޯޓްގައި ހަމަނުޖެހުންތަކެއް ހިނގި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެ އެވެ.

 

ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ނުވަތަ އެކުންފުނީގެ ހިއްސާދާރަކަށްވެސް މާހަލް ޓުއަސް ޕްރައިވެޓް ލިމިޓެޑުގެ ނުރުހުމުގައި ރިހިވެލި ބީޗް ރިސޯޓުގައި އިތުރަށް ދެމިތިބުމުގެ ނުވަތަ އެތަނުން މަންފާ ހާސިލްކުރުމުގެ ހައްޤެއް ލިބިގެން ނުވާކަމަށް ނިންމާ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިއާޔަތްކޮށް ބަލާއިރު، ރިހިވެލި ބީޗް ރިސޯޓުއަކީ ސޭވް ދަ ޑްރީމް ފްރާންސްއާއި، މާހަލް ޓުއަސް އާއި ދެމެދު 15 ފެބުރުއަރީ 2018 ގައި ސޮއިކުރެވުނު "ސޭލް އެންޑް ޕާޗޭސް އެގްރީމެންޓް އިން ރެސްޕެކްޓް އޮފް ރިހިވެލި ބީޗް ރިސޯޓް (މަހާނައެޅި ހުރާ) މޯލްޑިވްސް" އެގްރީމެންޓްގައި މިދެފަރާތުން އެއްބަސްވެފައިވާގޮތުގެ މަތީން، ރިހިވެލި ބީޗް ރިސޯޓް ސަބްލީސްކުރުމަށްޓަކައި އުފެއްދި ޖޮއިންޓް ވެންޗައެއް ކަމުގައިވާ ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، މާހަލް ޓުއަސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 08 މެއި 2018 ގައި ސޮއިކުރެވުނު "އެގްރީމެންޓް ފޯ ދަ ސަބްލީސް އޮފް މަހާނައެޅިހުރާ، އިން އަތޮޅު ފޯ ދަ ރީ-ޑިވެލޮޕްމެންޓް އެންޑް އޮޕަރޭޝަން އޭސް އަ ޓޫރިސްޓް ރިސޯޓު" އެގްރީމެންޓުގެ ދަށުން
ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ސަބްލީސް ކުރެވިފައިވާ ރިސޯޓެއް ކަމަށެވެ.

އެ ސަބްލީސް އެގްރީމެންޓުގެ ދަށުން ސޭވް ދަ ޑްރީމް އާއި ރިސޯޓު ޙަވާލު ކުރެވިފައިވާކަމާއި، އެދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ ސްބަލީސް އެގްރީމެންޓް މާހަލްޓުއަސް ގެ ފަރާތުން ބާޠިލްކޮށްފައިވަނީ ސަބްލީސް އެގްރީމެންޓުގެ ދަށުން ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ފަރާތުން މާހަލް ޓުއަރސް އަށް ދައްކަންޖެހޭ ސަބްލީސް ރެންޓާއި ހެޑްލީސް ރެންޓް އެއްބަސްވުމުގައި ބަޔާންވެގެންވާ ގޮތަށް ދައްކަމުން ނުދާތީކަން ސަބްލީސް އެގްރީމެންޓް ބާޠިލްކުރުމުގެ ގޮތުން މާހިލް ޓުއާސްގެ ފަރާތުން ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ފޮނުވާފައިވާ ނަންބަރު ޓާމިނޭޝަން ނޯޓިސްއިންނާއި، ދައުވާލިބޭ ފަރާތްތަކުގެ ބަހުން އެނގޭ ކަަމަށެވެ. 

އެހެންކަމުން ސަބްލީސް އެގްރީމެންޓުގެ ދަށުން ދައްކަންޖެހޭ ރެންޓް އެއްބަސްވުމާއި އެއްގޮތަށް ދައްކާފައިވާކަން ނުވަތަ ދައްކަމުންދާކަން ޝަރީއަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ހުށަހެޅިފައި ނުވާއިރު، އެއްބަސްވުމާއި އެއްގޮތަށް ސަބްލީސް ރެންޓް ނުދައްކާކަން ސޭވް ދަ ޑްރީމް މޯލްޑިވްސްގެ 50 އިންސައްތަ ހިއްސާ ދާރެއްކަމުގައިވާ ދައުވާކުރާ ސޭވް ދަ ޑްރީމް ފްރާންސްގެ ބަހުންވެސް އެނގެން އޮތުމާއިއެކު، ލީސްއެގްރީމެންޓެއްގެ ދަށުން ދައްކަންޖެހޭ ރެންޓަކީ އެގްރީމެންޓްގެ ޖައުހަރީ މާއްދާއެއް ކަމަށްވުމުން އެފަދަ އެގްރީމެންޓެއްގެ ދަށުން ދައްކަންޖެހޭ ރެންޓް އެއްބަސްވުމާއި އެއްގޮތަށް ނުދެއްކުމަކީ އެ އެގްރީމެންޓް ބާޠިލްކުރުމުގެ ޙައްޤު ކުއްޔަށް ދިންފަރާތަށް ލިބިގެންވާ ކަމެއް ކަމަށެވެ. އަދި ރެންޓް ދެއްކުމަކާނުލައި އެ އެގްރީމެންޓުގެ ދަށުން ލީސް ކުރެވިފައިވާ ތަނަކުން ނުވަތަ އެއްޗަކުން މަންފާ ހާސިލްކުރުމުގެ ޤާނޫނީ ހައިސިއްޔަތެއް ކުއްޔަށް ނަނގާ ފަރާތަށް ލިބިގެން ނުވާކަމީ އެފަދަ އެއްބަސްވުންތަކުގެ އަސާސްކަން ކޮންޓްރެކްޓާ ބެހޭ ގޮތުން އަމަލުކުރެވެމުންދާ އިސްތިގުރާރުވެފައިވާ އުސޫލުތަކަށް ރިއާޔަތްކުރުމުން އެނގެން އޮތް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް