ads
މަރުކަޒީ ބޭންކް އެމްއެމްއޭ --
ދައުލަތުގެ ރިޒާވް 30 އިންސައްތަ އިތުރުވެއްޖެ
މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތުގެ ރިޒާވް އިތުރު ވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރަޓީ(އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މަރުކަޒީ ބޭންކުން އެމްއެމްއޭގެ ނެރުނު ކުއާޓާލީ ބުލެޓިންގައި ވާ ގޮތުން، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު ދައުލަތުގެ ރިޒާވްގައި ހުރީ 702.5 މިލިއަން ޑޮލަރެވެ. ނަމަވެސް މިއަހަރުގެ ދެވަނަ ކުއާޓަރު ނިންމާލާފައިވަނީ ޖުމްލަ ރިޒާވުގެ 912.4 މިލިއަން ޑޮލަރާއި އެކުއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 30 އިންސައްތަ އިތުރުވުމެކެވެ. 

މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރިޒާވް ހުރި ވަރަށް ވުރެ ވެސް ބޮޑު އަދަދެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރިޒާވްގައި ހުރީ 844.7 މިލިއަން ޑޮލަރެވެ. އެހެންކަމުން ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ދެވަނަ ކުއާޓަރުގައި އަށް ޕަސެންޓުގެ ކުރިއެރުމެއް ވަނީ ލިބިފަ އެވެ. 

ދައުލަތުގެ ރިޒާވް ކުއްލިއަކަށް އިތުރުވީ ސަރުކާރުން މި އަހަރު ވިއްކި ސުކޫކާއި އިންޑިއާގެ ރިޒާވް ބޭންކުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ސަބަބުން ކަމަށް އެމްއެމްއޭ އިން ބުނެއެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް ރަހުނުކޮށް ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކި ސުކޫކުން އިތުރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ސަރުކާރުން ވަނީ ހޯދާފައެވެ. ދަރުމަވަންތަ އިމާރާތް ރަހުނުކޮށް ވިއްކި ސުކޫކުން 200 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ) ވެސް ސަރުކާރުން ވަނީ ހޯދާފައެވެ. 

ރޮއިޓާޒް ނިއުސް އެޖެންސީއިން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ހާމަކުރި ގޮތުގައި ދިވެހި ސަރުކާރުން ވިއްކި 100 މިލިއަން ޑޮލަރުގެ ސުކޫކުވެސް ވިއްކާފައި ވަނީ ފަސް އަހަރު ދުވަހުން އަނބުރާ ފައިސާ ދައްކާ ގޮތަށް 10.5 ޕަސެންޓުގެ އިންޓަރެސްޓް ރޭޓެއްގަ އެވެ.

އެމިރޭޓްސްގެ އެންބީޑީ ކެޕިޓަލް އާއި އެޗްއެސްބީސީ އަދި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވަލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) މެދުވެރިވެގެން ސުކޫކް ވިއްކަނީ ފިނޭންސް މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސުމަށެވެ. އެގޮތުން އެންމެ ފުރަތަމަ ސުކޫކު ވިއްކައިގެން ހޯދި 200 މިލިއަން ޑޮލަރު ބޭނުންކޮށްފައި ވަނީ ސަރުކާރުން ނަގާފައިވާ 200 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދެއްކުމަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މަޖިލީހުގައި ވިދާޅުވެފަ އެވެ.

ސަރުކާރުން ވިއްކި ސުކޫކާ އެކު ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތް ރަހުނުކޮށް ވިއްކި ސުކޫކުގެ އަގު 300 މިލިއަން ޑޮލަރު (4.63 ބިލިއަން ރުފިޔާ)އަށް ވަނީ އަރާފައެވެ. އަދި 10.5 އިންސައްތައިގެ ބޮޑު އިންޓަރެސްޓާ އެކު 2026 ވަނަ އަހަރު އަނބުރާ ސުކޫކަށް ފައިސާ ދައްކަން ޖެހޭ އިރު ދިވެހި ސަރުކާރުން ގާތްގަނޑަކަށް 387 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭނެ އެވެ.

ސުކޫކު ވިއްކަން ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް ރަހުނު ކުރީ ސުކޫކު ވިއްކާ އަދަދުގެ 51 އިންސައްތައިގެ އަގު ހުރި މުދަލެއް ސުކޫކު ވިއްކާ ފަރާތުން ގެރެންޓީއެއްގެ ގޮތުގައި ބަހައްޓަން ޖެހޭތީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް