ads
މެމްބަރު ސަލީމް--
އިދިކޮޅުން އެދުނީ 25 ބިލިއަން ރުފިޔާ އަށް ބަޖެޓު ކުޑަކުރަން
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު 25 ބިލިއަން ރުފިޔާ އަށް ކުޑަ ކުރަން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގޮވާލައްވައިފި އެވެ.

ސަލީމް މިފަދަ އިން ގޮވާލެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

"ބަޖެޓުގެ ދަރަނި ބޮޑުވެގެން ގޮސް ޑޮލަރުގެ އަގު ނުހިފިހެއްޓިގެން މި އުޅެނީ. ޑޮލަރު ރާއްޖެ އަށް ނުވަންނަކީ ނޫން. ޑޮލަރު ރާއްްޖެ އަށް ބޭނުންވާ ވަރަށް އެބަ ވަދޭ. އެއީ ބޮޑު އަގުގައި ގަންނަން ވެއްޖިއްޔާ ފައިސާ އެބަ ލިބޭ ވިއްޔާ. ނުލިބިގެން އުޅޭކަށް ނުޖެހޭ. އެހެންވީމާ އަޅުގަނޑުމެން އެ ކަންތައްތައް ކުރިއަށް ދެވޭނީ ދައުލަތުގެ ދަރަނި އިންތިހާ އަށް ކުޑަކޮށްގެން. އަޅުގަނޑު ގޮވާލަން ދައުލަތުގެ ބަޖެޓު 25 ބިލިއަނަށް ކުޑަކުރުމަށް. ކުޑަކޮށްފައި އަލުން ބަޖެޓު މި މަޖިލީހަށް ގެނައުމަށް." ސަލީމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށާއި އަދި ކުރިން ވެސް ކަނޑައަޅާފައި އޮތް ކުލި އެތަނުން ނެގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމަށް ވެސް ސަލީމް ވަނީ ގޮވާލައްވައިފަ އެވެ. 

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ފިނިޝިން ނުނިންމާ ރައްޔިތުންނަށް ހިޔާ ފްލެޓްތައް ސަރުކާރުން ދިނީ ރައްޔިތުންނަށް ޖެއްސުން ކުރަން ކަމަށެވެ. "އެތަނުގައި އެއްބަޔަކު މުށި ޖަހަނީ. އަނެއްބަޔަކު ތަންތަން ތަޅަނީ. މުޅި ތަނުގައި އޮންނަނީ ހިރަފުސް. ދެން ކިހައި ނިކަމެތި ހާލަތެއްގައިތޯ އެތަނަށް ބަދަލުވާ މީހުން ވެސް ތިބޭނީ. އެއްވެސް ސަރުކާރަކުން މިފަދަ ކަމެއް ކޮށްގެން ނުވާނެ. ހިޔާ ފްލެޓްގެ ފިނިޝިން ނިންމަން ކޮންމެ އާއިލާ އަކަށް އެއް ލައްކަ ރުފިޔާ ދޭން އަޅުގަނޑު ހުށަހަޅަން." ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން ބޭނުންވާ 130 ވަރަކަށް މިލިއަން ރުފިޔާ އަކީ ދައުލަތުގެ ބަޖެޓްގައި ހުރި ބޭކާރު ބޮޑެތި ހަރަދުތައް ކުޑަކޮށްގެން ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ ދައުލަތުގެ ވެރިން ދަތުރު ތަކުގައި ވަޑައިގަންނަވާއިރު 40 މީހުން 60 މީހުން ގެންދަވާތަން. އެ ހަރަދުތައް ކުޑަކުރަންވީ. ކުންފުނި ތަކަށް ވަމުންދާ ގެއްލުންތައް ފޫބައްދަން ވެސް ދެ ބިލިއަން ރުފިޔާ އެބައޮތް ބަޖެޓްގައި ހިމަނާފައި. ކުންފުނިތަކުގެ ދަރަނި ފޫބައްދަން ފައިސާ ދޭކަށް ނުޖެހޭ. ކުންފުނި ތަކުން ފައިސާ ނަގަނީ ވަގަށް." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓް ވާނީ 9.7 ބިލިއަން ރުފިޔާ އިން ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި ނަމަވެސް ބަޖެޓްގެ ޑެފިސިޓް 14 ބިލިއަނަށް ނުވަތަ 15 ބިލިއަނަށް އިތުރުވެގެން ދާނެ ކަމަށެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި މިއަދު މަޖިލީހަށް ހުށަހަޅާފައި ވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުން އަންނަ އަހަރު 34 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވާއިރު އޭގެތެރެ އިން ރިކަރަންޓް ހަރަދުގެ ގޮތުގައި 24.8 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވެ އެވެ. އަންނަ އަހަރުގެ އާމްދަނީއަށް ބަލާއިރު ޓެކުހުގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އެހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ ހަ ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން 2.9 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ވެސް ސަރުކާރުން ލަފާކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް