ads
ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމެޓީގެ ބައްދަލުވުމެއް : ފޮޓޯ: މަޖިލިސް
3 އަހަރުތެރޭ މެންބަރުންގެ ވީއައިޕީއަށް 3.7 މިލިއަން ރުފިޔާ ހަރަދުކޮށްފި
މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންގެ އާއިލާގެ މެމްބަރުންނާއި އެކުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލޯންޖް ބޭނުން ކުރުމަށް ދައުލަތުން 3.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.

އަމިއްލަ ފަރާތެއް ކަމުގައިވާ އައިމަން ލަތީފަށް މަޖިލީހުގެ އިދާރާ އިން އެ މައުލޫމާތު ހިއްސާކުރީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މަޖިލީހުގެ މެންބަރުން މިދިޔަ ތިން އަހަރު ވީއައިއޭގެ ވީއައިޕީ ލައުންޖު ބޭނުންކުރި ގޮތުގެ މައުލޫމާތު ހޯދުމަށް މަޖިލީހުގެ އިދާރާ އަށް ހުށަހެޅުމުންނެވެ. 

އެ މައުލޫމާތުގައިވާ ގޮތުން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ 2018 ވަނަ އަހަރުގައެވެ. އެއީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހެވެ. އެ އަހަރު ވީއައިޕީއަށް ލައުންޖަށް މަޖިލީހުން 1،870،686 ރުފިޔާ ހޭދަކޮށްފައިވެއެވެ.

2019 ވަނަ އަހަރު ވީއައިޕީ ލައުންޖަށް މަޖިލީހުން ވަނީ 1،376،595 ރުފިޔާ ހޭދަކޮށްފައެވެ. އަދި 2020 ވަނަ އަހަރު އެ އަދަދު ވަނީ 444،033 ރުފިޔާއަށް ކުޑަވެފައެވެ. އެއީ ވެސް ކޮވީޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދަތުރުފަތުރު ހުއްޓާލުމުން ކުޑަވެގެން ދިޔަ އަދަދެކެވެ.

ތިން އަހަރު ދުވަހުގެ ހިސާބުތަކަށް ބަލާއިރު މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ މެންބަރުންގެ އަނބި/ފިރިކަލުން އަދި ދަރިންނަށް ވުރެ ބޮޑަށް އެހެން އާއިލާ މެންބަރުންނާއި އެކުވެރިންނަށް ވީއައިޕީގެ ހިދުމަތުގެ ހަރަދު ބޮޑަށް ކޮށްފައިވާކަން އެނގެއެވެ.

އެގޮތުން މަޖިލިސް މެންބަރުންގެ ވީއައިޕީއަށް ތިން އަހަރު ހޭދަކުރީ 1،285،749 ރުފިޔާއެވެ. އަނބި/ފިރިކަލުން އަދި ދަރިންނަަށް 918،657 ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި އާއިލާ އެހެން މީހުނާއި އެކުވެރިންނަށް 1،486،908 ރުފިޔާ ހޭދަކޮށްފައިވެއެވެ.

މަޖިލީހުގެ އިދާރާ އިން ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ ކުރިން މެންބަރުކަން ކުރެއްވި ބޭފުޅުން ވީއައިޕީ ބޭނުންކުރެއްވި ނަމަވެސް އެ ބޭފުޅުންނަށް އެކަމަށް ހަރަދުކޮށްފައި ނުވާނެ ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް