ads
މިނިމަމް ވޭޖު ކަނޑައެޅުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ފައްޔާޒު ވާހަކަފުޅު ދައްކަވަނީ: ފޮޓޯ: ވަގުތު
އެންމެ ކުދި ވިޔަފަރިތައް މިނިމަމް ވޭޖުން އިސްތިސްނާ ވާނެ: ފައްޔާޒު
މިނިމަމް ވޭޖް ދިނުމުގައި އެންމެ ކުދި ފަންތީގެ ވިޔަފާރިތައް އިސްތިސްނާ ވާނެކަމަށް އިކޮނޮމިކް މިނިސްޓީ އިން ބުނެފި އެވެ.

ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖް ކަނޑައެޅިގެން ދިޔައިރު އެންމެ ކުދި ފަންތީގެ ވިޔަފާރި ތަކުން މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ ޢަދަދަށް ފައިސާ ދޭކަށް ނުޖެހޭނެ އެވެ.

ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނުގައި ވާ ގޮތުން އެންމެ ކުދި ފަންތީގެ ވިޔަފާރިއެއް ނުވަތަ މައިކްރޯ އެންޓަޕްރައިޒް ގޮތުގައި ބަލާނީ، އެ ވިޔަފާރީގެ ޖުމްލަ އާމްދަނީ އަހަރެއްގެ މައްޗަށް ފަސް ލައްކަ ރުފިޔާ އަށް ވުރެ މަތި ނުވާ އަދި ސާފު ފައިދާ 75،000 ރުފިޔާ އަށް ވުރެ މަތި ނުވާ ވިޔަފާރި ތަކަށެވެ.

މިނިމަމް ވޭޖް އެންމެ ދަށްކޮށް ދޭން ޖެހޭނީ މަހެއްގެ މައްޗަށް 4500 ރުފިޔާ ކަމަށް ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. މިއީ އެންމެ ކުދި ފަންތީގެ ވިޔަފާރިތައް ފިޔަވައި ދެން ހުރި ޕްރައިވެޓް ސެކްޓަރގައި ހަރަކާތްތެރިވާ ވިޔަފާރި ތަކުން ދޭން ޖެހޭ މިންވަރެވެ. އަދި މިއީ ކުދި ވިޔަފާރި ތަކުގައި ދުވާލަކު 8 ގަޑިއިރު މުވައްޒަފަކު މަސައްކަތް ކުރުމުން މަހެއްގެ މައްޗަށް ދޭންޖެހޭނެ މިންވަރެވެ.

މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށް 5،700 ރުފިޔާ ކަނޑައެޅި ނަމަވެސް އެ އަދަދު ވަނީ 4،500 އަށް ކުޑަކޮށްފަ އެވެ. މިނިމަމް ވޭޖް ކަނޑައެޅުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢިލް ވިދާޅުވީ ބޯޑުން ކަނޑައެޅި އަދަދަށް ކުދި ވިޔަފާރި ތަކުން ދޭން ޖެހިއްޖެ ނަމަ ބޮޑެތި ގޮންޖެހުން ތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

މިނިމަމް ވޭޖް ބޯޑުން ޕްރައިވެޓް ސެކްޓަރަށް ދިން ލަފާ

  • ކުދި ފަންތީގެ ވިޔަފާރި ތަކަށް ގަޑިއިރަކަށް 24.04 ރުފިޔާ
  • މެދު ފަންތީގެ ވިޔަފާރި ތަކަށް ގަޑި އިރަކަށް 33.65
  • ބޮޑެތި ވިޔަފާރި ތަކަށް ކަނޑައަޅާފައި ވަނީ ގަޑި އިރަކަށް 42.79

ބޯޑުން ލަފާދިނީ ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 24.04 ރުފިޔާ އެވެ. އެއީ އެންމެ ގިނަވެގެން ހަފްތާއަކަށް މަސައްކަތް ކުރެވޭނެ 48 ގަޑިއިރުގެ ނިސްބަތުން މަހަކަށް 5،000 ރުފިޔާ އެވެ.

މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ލަފާދީފައި ވަނީ ގަޑި އިރަކަށް 33.65 ރުފިޔާ އެވެ. އެއީ މަހެއްގެ މައްޗަށް ބަލާއިރު 7،000 ރުފިޔާ އެވެ. އަދި ބޮޑެތި ވިޔަފާރި ތަކަށް ކަނޑައަޅާފައި ވަނީ ގަޑި އިރަކަށް 42.79 ރުފިޔާ އެވެ. އެއީ މަހަކަށް 8900 ރުފިޔާ އެވެ.

ބޯޑުން ދިން ލަފާ ދިރާސާކޮށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވީ ޕްރައިވެޓް ސެކްޓަރުގެ ދެ ފަންތިއެއްގެ މިނިމަމް ވޭޖު ކަނޑައަޅާފައި ވަނީ ބޯޑުން ލަފާ ދިން ވަރަށް ވުރެ ކުޑަކޮށް ކަމަށެވެ. އެއީ ކޮވިޑާއި ގުޅިގެން ގައުމުގެ އިގްތިސާދަށް އަސަރުތަކެއް ކޮށްފައި ވާތީ ކަމަށެވެ.

ޕްރައިވެޓް ސެކްޓަރަށް މިނިމަމް ވޭޖް ކަނޑައެޅިވަރު

  • ކުދި ފަންތީގެ ވިޔަފާރި ތަކަށް ގަޑިއިރަކަށް 21.63ރ.
  • މެދު ފަންތީގެ ވިޔަފާރި ތަކަށް ގަޑިއިރަކަށް 33.65ރ.
  • ބޮޑެތި ވިޔަފާރި ތަކަށް ގަޑިއިރަކަށް 38.46ރ.

އެގޮތުން މިނިސްޓަރު ވިދާޅުވީ ޕްރައިވެޓް ސެކްޓަރުގައި ކުދި ފަންތީގެ ވިޔަފާރި ތަކަށް މިނިމަމް ވޭޖު ގޮތުގައި ކަނޑައަޅާފައި ވަނީ މަހަކު 4،500 ރުފިޔާ ކަމަށެވެ. އަދި ޕްރައިވެޓް ސެކްޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރޭގައި ނުހިމެނޭ ބޮޑެތި ވިޔަފާރި ތަކަށް މަހަކަށް 8،000 ރުފިޔާގެ މިނިމަމް ވޭޖެއް ވަނީ ކަނޑައަޅާފައިވާ ކަމަށެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް