ads
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ. ފޮޓޯ:މީރާ
ޖޫރިމަނާގެ ގޮތުގައި 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ
މިހިނގާ 2022 ވަނަ އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ތެރޭ ޖޫރިމަނާގެ ގޮތުގައި 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ މީރާއަށް ބަލައިގެންފިއެވެ.

މީރާ އިން އާއްމު ކޮށްފައިވާ 2022 ވަނަ އަހަރުގެ ޖަނަވަރީ އަދި ފެބްރުއަރީ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖޫރިމަނާގެ ގޮތުގައި މިދިޔަ ދެމަހު 18.7 މިލިއަން ރުފިޔާވަނީ ބަލައި ގަނެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މީރާއިން ވަނީ 23.4 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ބަލައިގެންފައެވެ. 

މީރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު ޖުރިމަނާގެ ގޮތުގައި އެއިދާރާއަށް 9.5 މިލިއަން ރުފިޔާ ލިބިފައިވާއިރު ފެބްރުއަރީ މަހު ޖޫރިމަނާގެ ގޮތުގައި 8.99 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 

ދައުލަތުން 2022 ވަނަ އަހަރަށް މަޖިލީހަށް ހުށައެޅި ބަޖެޓުގައި 62.4 މިލިއަން ރުފިޔާ ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށްވަނީ އަންދާޒާ ކޮށްފައެވެ.

މީރާއިން މީގެ ކުރިން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހު މީރާއަށް އާމްދަނީގެ ގޮތުގައި، 2.36 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޖެހިގެން އައި ފެބްރުއަރީ މަހު މީރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، 1.41 ބިލިއަން ރުފިޔާ ކަމަށްވެސް މީރާއިން ވަނީ ހާމަ ކޮށްފައެވެ. 

މިއަހަރުގެ ‎ފެބުރުވަރީގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 69.1 އިންސައްތަ ނުވަތަ 972.10 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 9.8 އިންސައްތަ ނުވަތަ 138.21 މިލިއަން ރުފިޔާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް