ads
ލަމްހާ އަބްދުއްރަހްމާން
ލަމްހާއަށް "ބެޑް ރެސްޓު ނުލިބޭ" މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި
މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ ބަލި ހާލަތުގެ ސަބަބުން "ބެޑް ރެސްޓު" ކުރުމަށް ޑޮކްޓަރު ދީފައިވާ ލަފައަށް ކަރެކްޝަނުން އަމަލު ނުކުރާތީ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް އެމައްސަލަ ހުށަހުށަޅާފައިވާ ކަމަށް ލަމްހާގެ ފަރާތުން މިއަދު ކޯޓުގައި ބުނެފި އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ލަމްހާގެ ގާނޫނީ ވަކީލު އަހްމަދު ޔާމީން ވިދާޅުވީ، އެޗްއާރްސީއެމްއަށް އެމައްސަލަ ހުށަހަޅާފައިވަނީ، ލަމްހާގެ ޑިސްކެއްގައި ރެނދު ލާފައިވާކަމަށް ދައްކާތީ "ބެޑް ރެސްޓް" ކުރުމަށާއި ބަރު އެއްޗެހި ނުއުފުލުމަށް ޑޮކްޓަރު ދެއްވި އިރުޝާދަށް ކަރެކްޝަނުން އަމަލުކުރަމުން ނުދާތީއާއި، ބަންދަށްވެސް ދައުލަތުން ލުއި ދީފައި ނުވާތީ ކަމަށެވެ. 

އަދި އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް އެޗްއާރުސީއެމް އިން ބުނެފައިވާކަމަށް ވަކީލު ވިދާޅުވިއެވެ.

ލަމްހާގެ ގާނޫނީ ވަކީލު ވިދާޅުވީ، ލަމްހާގެ ހާލަތު ނާޒުކު ކަމަށާއި، ޖަލު ގޮޅިއެއްްގައި ބެޑް ރެސްޓު ކުރެވޭނެ ބުއްދީގެ ހަމައެއް ނެތް ކަމަށެވެ. އަދި އެގޮތަށް ޑޮކްޓަރަކު ލަފާދޭނީ ބެޑު ރެސްޓު ނުކޮށްފިނަމަ ލަމްހާގެ ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް އޮތުމުން ކަމަށް ވިދާޅުވިއެވެ. 

މިއަދުގެ އަޑުއެހުމުގައި ދައުލަތުން އެދުނީ ލަމްހާ ބަންދުކުރަން ކޯޓުން ނިންމި ނިންމުމަށް ބަދަލެއް އައިސްފައިނުވުމުން ބަންދު ދަމަހައްޓާދިނުމަށެވެ.

ނަމަވެސް ލަމްހާގެ ބަންދާއި މެދު މިއަދު ވެސް ޝަރީއަތުން ގޮތެއް ނުނިންމަ އެވެ. ލަމްހާގެ ސިއްހީ ހާލަތާއި ގުޅޭގޮތުން ޑޮކްޓަރު ދީފައިވާ ލަފައާ ގުޅޭ ގޮތުން އަދިވެސް ބަލަން ޖެހޭ ކަންކަން ހުރިކަމަށް ނިންމާ މިއަދު ގާޒީ ވަނީ އެކަމާއި ގޮތެއް ނިންމާނީ ދިފާއުން ފާހަގަކޮށްފައިވާ ކަންކަމަށް ލިޔުމުން ފަސް ދުވަހުގެ ތެރޭގައި ދައުލަތުން ޖަވާބެއް އެރުވުމުން ދެން އޮންނަ އަޑުއެހުމެއްގައި ކަމަށް ވިދާޅުވެފައެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ނިންމާފައި ވަނީ އަންނަ ބުރާސްފަތި ދުވަހަށެވެ. އެ ދުވަހު ބަންދާ މެދު ގޮތެއް ނިންމުމުގެ އިތުރަށް ދައުލަތުންނާއި ދިފާއުން ހުށަހަޅާ ހެކި ހާމަކުރުން އޮންނާނެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ބޭއްވި ބަންދު މުރާޖައާކުރުމުގެ އަޑުއެހުމުގައި ލަމްހާގެ ދިފާއީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވެފައިވަނީ، ޖަލުގެ ފާހާނާ ތެރެއަށް ވެއްޓިގެން އިމަޖެންސީގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ލަމްހާ ފަރުވާ ހޯދާފައިވާ ކަމަށާއި، އޭގެފަހުން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ޖަލަށް ގެންދިޔަ ކަމަށެވެ.

އަދި އެދުވަހު ހެދި ޓެސްޓުތަކުން، ލަމްހާގެ ޑިސްކެއްގައި ރެނދު ލާފައިވާކަމަށް ދައްކާތީ "ބެޑް ރެސްޓް" ކުރުމަށާއި ބަރު އެއްޗެހި ނުއުފުލުމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އެއީ ބަންދުން ދޫކޮށްލެވޭނެ ހާއްސަ ހާލަތެއްކަމުން ލަމްހާ ގޭބަންދަށް ދޫކޮށްލުމަށް ވަކީލުންގެ ފަރާތުން ވަނީ އެދުވަހު ވެސް އެދިފައެވެ.

ލަމްހާއަށް ވާހަކަދައްކަން އެދުވަހު ލިބުނު ފުރުސަތުގައި އޭނާ ބުނީ އޭނާ އަކީ "ޑިސްކް ޑީޖެނެރޭޓިވް ޑިޒީސް" ތަހަންމަލު ކުރަމުންދާ މީހެއް ކަމަށާއި، ހައްޔަރުކުރުމުގެ ކުރިން އުޅެނީ ވަރަށް ބޮޑަށް ބަލައިގެން ކަމަށެވެ. އޭރު ގަވާއިދުން ކަސްރަތުވެސް ކުރާކަން ފާހަގަކޮށް ލަމްހާ ބުނީ ޖަލުގައި އެ އިންތިޒާމު ހަމަޖެހިފައި ނުވާތީ އެކަން ނުކުރެވި އުޅެނިކޮށް އެމެޖެންސީގައި ހޮސްޕިޓަލަށް ދާންޖެހުނީ ފާހާނާ ތެރެއަށް ވެއްޓިގެން ކަމަށެވެ.

ދެ ބަދައެއްގެ ދެމެދު އިންނަ ޑިސްކެއްގައި ވަރަށް ބޮޑަށް ރެނދުލާފައިވާކަން އެމްއާރްއައިން ވެސް ދައްކާފައިވާ ކަމަށާއި، އެހެންކަމުން ޖަލުގައި ހޭދަކުރަމުންދާ ދުވަސްތަކަކީ ވަރަށް ވޭނީ ދުވަސްތަކެެއް ކަމަށް ލަމްހާ ބުންޏެވެ.

ޖަލުގައި ފެންވަރަށްވެސް ޖެހެނީ ބާލިދީއަށް ފެންފުރައިގެން އެ ބާލިދީ އުފުލައިގެން ކަމުން އެކަމުގެ ސަބަބުންވެސް ވަރަށް ބޮޑަށް އުނދަގޫވާކަން އޭނާ ފާހަގަކުރިއެވެ. އަދި ފަހަތަށް ބިޑި އަޅުވާފައި ހުންނާތީވެސް އުނދަގޫ ވާކަމަށް އޭނާ ބުންޏެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް