ads
އެމްޑީޕީ ލީޑަރު ރައީސް ސޯލިހު، އަދި އެމްޑީޕީގެ ރައީސް ނަޝީދު ވޯޓުލައްވައިފި
އެމްޑީޕީގެ ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފި އެވެ.
Advertisement

ރައީސް ސޯލިހު ވޯޓުލާން ދަރުމަވަންތައަށް ވަޑައިގެން ވޯޓުލެއްވީ، 10:30ގައެވެ. އެމަނިކުފާނު ވޯޓުލެއްވީ ދަރުމަވަންތަ ސްކޫލްގައި ހުރި ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށެވެ. 

އަދި ރައީސް ނަޝީދު ވޯޓު ލެއްވީ އޭގެ ކުޑައިރުކޮޅެއް ކުރިން ޖަމާލުއްދީންގައެވެ. އެމަނިކުފާނު ވޯޓުލެއްވީ ޖަމާލުއްދީންގައި ހުރި ގަލޮޅު އުތުރު ދާއިރާގެ ވޯޓު ފޮއްޓަށެވެ.

ދެފެކްޝަނަކަށް އޮތް އެމްޑީޕީތެރޭ ޗެއަކަމަށް ވާދަވެރި ދެ ކެންޑިޑޭޓުން ވާދަކުރާއިރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދިފާއުކުރުމަށެވެ. ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހުންނެވީ، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީން އެކަހެރި ނުކުރުމުގެ އަޒުމުގައެވެ. 

ދެފެކްޝަނެއްގައި އޮތް އެމްޑީޕީން ފާހަގަކުރަނީ ޕާޓީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޮންނާނެ ގޮތެއް ނިންމުމަށް ވަރަށް މުހިންމު ރޯލެއް އަދާކުރާނެ އިންތިހާބަކަށް މި އިންތިހާބު ވެގެން ދާނެ ކަމަށެވެ.

ރައީސް ނަޝީދު ވަނީ މި އިންތިހާބުގެ ކެމްޕެއިންތެރޭގައިވެސް ފާޅުކަން ބޮޑުގޮތެއްގައި އިންތިއަށް ކެމްޕެއިން ކޮށްދެއްވާފަ އެވެ. 

ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަކުރައްވާނެކަން ރައީސް ނަޝީދުގެ ކޮއްކޯފުޅު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ހާމަކުރައްވާފައެވެ. އެމްޑީޕީގެ ޗެއަޕާސަން އިންތިހާބަކީ ރައީސް ނަޝީދާއި ގުޅުމެއްް ނެތް އިންތިހާބެއް ކަމަށް ގަބޫލުކުރުމަކީ "ވަހުމެއް"ކަން ފާހަގަކުރައްވާ އީވާ ވިދާޅުވެފައިވަނީ، 2023ވަނަ އަހަރުވެސް ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި ބާއްވަން ކަމަށާއި، އެ އިންތިހާބުގައި ރަައީސް ނަޝީދު ކުރިމަތިލައްވާނެ ކަމަށެވެ.  

އީވާ ވިދާޅުވީ ކުރިއަށް އޮތް ޗެއަ ޕާސަން އިންތިހާބާއި އެމްޑީޕީގެ މުސްތަގުބޮލާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށާއި، މި އިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތަކުން އެމްޑީޕީގެ މުޅި މުސްތަގު ބޮލު ބިނާވެގެން ދާނެ ކަމަށެވެ. 

މިފަހުން ހޫނުވެފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގުރޫޕުގައި ޖައްސަވާ މެސެޖުތަކުންވެސް އިތުރަށް މި ސަރުކާރުގައި އޮންނަން ބޭނުން ނުވާކަމާއި، ރައީސް ސޯލިހު އަންނަ އިންތިހާބެއްގައި ވެރިކަމުގައި ބަހައްޓަވަން ބޭނުންނުވާ ބީދައަކުން ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދުކުރާ މެމްބަރުން ދަނީ ވާހަކަދައްކަވަމުންނެވެ. އަދި ހުދު ރައީސް ނަޝީދު މިފަހުން ވަނީ އެމްޑީޕީ ސަރުކާރާއި ފެޔަށް ޖެހުމަށްވެސް ގޮވާލައްވާފައެވެ. 

ރައީސް ސޯލިހުގެ ފަޅިއަކީ ފައްޔާޒު ކަމަށް އަޑުފެތުރުނަސް އެކަމުގައި ރައީސް ހުންނެވި ފަޅިއެއް ސީދާ ހާމައެއް ނުކުރެއެވެ. އަންނަ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަންވެސް ރައީސް ހާމައެއް ނުކުރެއެވެ. އަދި އެކަމަށް ވަކި އެއްޗެއްވެސް މިހާތަނަށް ވިދާޅެއް ނުވެއެވެ. އެކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވަމުންދަނީ ރިޔާސީ އިންތިހާބަކާއި މެދު ވިސްނެވުމަށްވުރެ ބޮޑަށް އެމަނިކުފާނުގެ ފޯކަސް އޮތީ ވެފައިވާ ވައުދުތައް ފުއްދުން ކަމަށެވެ. އެކަމާއި ވިސްނަވާނީވެސް އެއަށްފަހު ކަމަށެވެ.

ނަމަވެސް ފައްޔާޒު ވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ބޭނުންވާ ކަމަށް މި އިންތިހާބުގެ ކެމްޕެއިންތެރޭގައި ވިދާޅުވެފައެވެ. އެމްޑީޕީގެ ޗެއަޕާސަން އިންތިހާބުގައި ކުރަމުންދާ އެންމެ ބޮޑު މަސައްކަތަކީ ވެސް އަންނަ ރިޔާސީ އިންތިހާބު ރައީސް ސޯލިހަށް ހޯދައިދިނުމުގެ މަސައްކަތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް