ads
މަޖިލީހުގެ ރައީސް ނަޝީދު
އަންނަ މަހު ދައުލަތުގެ ރިޒާވް ނުރައްކާ ވާވަރަށް ދަށްވެދާނެ: ރައީސް ނަޝީދު
އަންނަ ޖުލައި މަހު ރާއްޖޭގެ ދައުލަތުގެ ރިޒާވް ނުރައްކާ ވާވަރަށް ދަށަށް ހިނގައިދާނެ ކަމުގެ ބިރު ހީވެފައި ވާކަމަށް، ރާއްޖޭގެ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވާއިރު، ސަރުކާރުން ނެގި ލޯނު ތަކާއި، ސޮވެރިން ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނި 99 ބިލިއަން ރުފިޔާ އަށް އަރާފައި ވާކަމަށް ފިނޭންސް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ. މިއީ ކޮންމެ ދިވެއްސެއްގެ ބޮލަށް 182،943 ރުފިޔާގެ ދަރަންޏެކެވެ. 

މިއީ މިދިޔަ އަހަރު ނިމުނު އިރު ދަރަނި ހުރި އަދަދާ އަޅާބަލާއިރު 4.8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. 

ރާއްޖޭގެ ދަރަނި މިހާ ބޮޑުވެފައި ވަނިކޮށް، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ރައީސް ނަޝީދު ރޭގެ ވަގުތެއްގައި ފޮނުއްވި މެސެޖުތަކުގައި ދަރަނި ރީސްޓްރަކްޗާ ކުރުމު މުހިއްމު ކަމުގެ މައްޗަށް ވަނީ ވާހަކަ ދައްކާފަ އެވެ. 

"ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މުހިއްމުކަމުގެ ވާހަކަ 2019 އާއި 2020 ގައި ދެއްކީ އެކަން ނުކޮށް، ބޮންޑު ވިއްކާ ނަމަ އޭގެ ތަކްލީފާ ފަހުން ކުރިމަތިވާނޭކަން އެނގިވަޑައިގެން ހުރެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެމްބަރުންނަށް އަދިވެސް ކަންކަން ހިނގަމުން އަންނަ ގޮތް ނޭނގޭ ކަމަށާއި، ކުރިއަށް ހުރި މަސްތަކުގައި ދައްކަން ހުރި ދަރަނީގެ މިންވަރާ ފައިސާ ހޯދާނެ ގޮތް ސާފު ނުވާ ކަމަށެވެ. އަދި މިކަންކަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ސާފުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑު ލަފާ ކުރާ ގޮތުގައި އަންނަ މަހު ދައުލަތުގެ ރިޒާވް ނުރައްކާވާ މިންވަރަކަށް ދަށްވެދާނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ދަރަނި 103 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ސަރުކާރުން މި އަހަރު ހުށަހެޅި ބަޖެޓު ފާސްކުރުމަށް އެމްއެމްއޭއިން ދިން ލަފާގައި ވަނީ ފާހަގަ ކޮށްފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އަންނަ އަހަރު ހުސްވެ ދަރަނި ނުދެއްކޭ ހިސާބަށް ރާއްޖެ ހިނގައިދާނެ ކަމަށް، ޖޭޕީމޯގަން އިން ދާދި ފަހުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް