ހެއްކާބެހޭ ގާނޫނަކީ، މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުސޫލުތަކާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ އާންމު އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.
މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި، ގާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީއަތްކުރެވުމުގެ ހައްގު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުސޫލު ކަމުގައިވާ ހެކީގެ އުސޫލު ތަފްސޯލުކޮށް ގާނޫނުގައި ބަޔާންކޮށް، ކަނޑައަޅައިދިނުން ހިމެނެ އެވެ.
ހެއްކާއި ބެހޭ ބިލު ރައީސް ސޯލިހު ތަސްދީގު ކުރައްވާފައި ވާއިރު، މި ބިލުގެ ސަބަބުން ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަކުރުން ވަކި ހާލަތްތަކެއްގައި ކޯޓަށް މަޖުބޫރުކުރެވިގެންދެ އެވެ. މަސްދަރު ހާމަ ކުރުމަށް މަޖުބޫރު ކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލް ތަސްދީގު ނުކުރުމަށް އެދި ނޫސްވެރިންގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް މިމަހުގެ ހަތް ވަނަ ދުވަހު ވަނީ ޕެޓިޝަނެއްވެސް ހުށަހަޅާފަ އެވެ. މިބިލު ތަސްދީގު ނުކުރުމަށް އެދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ގެ ފަރާތުން 158 ނޫސްވެރިންގެ ސޮޔާއި އެކު ވަނީ ރައީސް އޮފީހުގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހަށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ.
މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަކަށް ހެއްކާއިބެހޭ ބިލް ފާސް ކުރުމުގެ ކުރިން ރާއްޖޭގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީ މި ބިލާއި ދެކޮޅަށް އަޑު އުފުލާފަ އެވެ.
އެހެން ނަމަވެސް ނޫސްވެރިންގެ ވާހަކަތަކަށް އަޑުއެހުމެއްނެތި މަޖިލީހުން ވަނީ އެ ބިލު ފާސްކޮށްފަ އެވެ. ބިލު މަޖިލީހުގެ މެޖޯރިޓީ ލިބިގެން ފާސްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އުފާފާޅުކޮށް، އެކަމަށް މަޖިލީހުގެ މެމްބަރުންނަށް މަރުހަބާވެސް ދަންނަވާފަ އެވެ. ނަޝީދު ވިދާޅުވީ، އެއީ މަޖިލީހަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އެއީ މަޖިލީހުން ނިންމި އެންމެ މުހިންމު އެއް ބިލު ކަމަށެވެ.
މި ބިލު ރައީސް ތަސްދީގު ކުރައްވާފައި ވާއިރު، މި ބިލު ތަސްދީގު ކުރައްވާފިނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް މީޑިއާ ކައުންސިލުން ވަނީ މީގެ ކުރިން ބުނެފަ އެވެ.
މި ބިލު ރައީސް މިއަދު ތަސްދީގުކުރެއްވުމާއި ގުޅިގެން ހެއްކާބެހޭ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފަ އެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ހަ މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.