ads
ކޮމަންވެލްތު ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފުރިހަމަ އައިޓަމްތަކަކާއެކު ކޮމަންވެލްތް ގޭމްސް ފަށައިފި
ބަރމިންގހަމްގެ ސަގާފީ އައިޓަމްތައް ހިމެނޭ ގޮތުން ކުލަގަދަ ރަސްމިއްޔާތަކުން ކޮމަންވެލްތް ގޭމްސް ރަސްމީކޮށް ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ ބަރމިންގހަމްގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ކޮމަންވެލްތުގެ މެންބަރު ގައުމުތަކުން ފަސްހާހަށްވުރެ ގިނަ އެތްލީޓުން ވާދަކުރެއެވެ. އޭގެ ތެރޭގައި ރާއްޖޭން ބައިވެރިވާ ފަންސާހަކަށް އެތްލީޓުންވެސް ހިމެނެއެވެ. ބުރާސްފަތި ދުވަހުގެ ރޭ، ރަސްމީކޮށް ކޮމަންވެލްތު ގޭމްސް ހުޅުއްވައިދެއްވީ އިނގިރޭސި ރާނީގެ ދަރިކަލުން ޕްރިންސް ޗާލްސްއެވެ.

ކޮމަންވެލްތު ގޭމްސްގައި މި ފަހަރު ރާއްޖޭން ފަސް ކުޅިވަރެއްގައި ވާދަކުރާނެއެވެ. އެއީ ޓީޓީ، އެތުލެޓިކްސް، ފެތުން، ބީޗް ވޮލީބޯލް އަދި ބެޑްމިންޓަނެވެ.

މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން މި ބައިވެރިވަނީ މެދު ކެނޑުމަކަށް ފަހުއެވެ. ނަވާރަ ސަތޭކަ އަށްޑިހަ ހަވަނަ އަހަރުން ފެށިގެން ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ބައިވެރިވަމުން އައިނަމަވެސް، ދެހާސް ސޯޅަވަނަ އަހަރު ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނުވަނީ ރާއްޖެ ކޮމަންވެލްތުން ވަކިކޮށްފައެވެ. އަދި އެއާއި އެކު ދެހާސް އަށާވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓްގައި އޮތް ކޮމަންވެލްތު ގޭމްސްއިން ރާއްޖެއަށް ފުރުސަތު ގެއްލުނެވެ.

ވެރިކަން ބަދަލުވެ، އަލުން ކޮމަންވެލުތާ ރާއްޖެ ގުޅުމަށް ފަހު، މި ފަހަރު މިއީ ރާއްޖޭން އަލުން ބައިވެރިވާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ރާއްޖޭން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވެފައިނީ ދެހާސް ސާދަވަނަ އަހަރުއެވެ. އެ އަހަރުގެ ގޭމްސް އޮތީ ގްލާސްގޯގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް