ads
އައްޑޫ ސިޓީ ހިތަދޫ
އައްޑޫއިން ފުލުހުންނަށް އިންޒާރުދިން 2 މީހަކު ހައްޔަރުކޮށްފި
ސައިކަލެއް ޓޯ ކުރުމުން، ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ބުނި ދެ މީހަކު އައްޑޫން ހައްޔަރުކޮށްފި އެވެ.

އެ ދެ މީހުން ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ އިންޒާރުދީފައިވަނީ، އިއްޔެ އެވެ. މިމައްސަލާގައި މިއަދު ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަދި 22 އަަހަރުގެ ދެ ޒުވާނުން ނެވެ.

ފުލުހުން ބުނީ، އޭނާގެ ސައިކަލް އިއްޔެ ޓޯ ކުރީ އައްޑޫ ސިޓީ ހިތަދޫގައި ލައިސެންސް ނެތި ނުރައްކާތެރިކޮށް ދުއްވަމުންދާތީ ކަމަށެވެ.

”ސައިކަލް ޓޯ ކުރުމުން ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރުދީފައިވޭ. މިމައްސަލާގައި އެ ދެ މީހުން ހައްޔަރު ކުރީ މިއަދު ކޯޓު އަމުރަކުން،“ ފުލުހުން ބުންޏެވެ.

ސައިކަލެއް ޓޯކޮށްގެން ފުލުހުންނަށް އިއްޔެ އަނެއްކާ ވެސް އިންޒާރުދިން އިރު، އޭގެ ކުރީ ދުވަހު، ވައްކަމުގެ ތުހުމަތެއްގައި ގޭންގަކަށް ނިސްބަތްވާ މީހަކު ހައްޔަރު ކުރުމުން ވެސް ގޭންގަކުން މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ކޮންސްޓަބަލަކަށް މަރުގެ އިންޒާރު ވަނީ ދީފަަ އެވެ.

ހަމަ އެ ރޭ އޭނާ ފުލުހުން ހައްޔަރު ކުރި ނަމަވެސް މުއްދަތު ޖަހަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ހައްޔަރު ކުރި ގޮތް ގޯސްވެގެން އޭނާ ވަނީ ކްރިމިނަލް ކޯޓުން ދޫކޮށްލާފަ އެވެ.  

އޭނާ ދޫކޮށްލީ ކުށުގެ ވެށިން ނޫންގޮތަކަށް ކޯޓު އަމުރަކާއި ނުލާ ހައްޔަރު ކުރިކަމަށް ބުނެ އެވެ.

މީގެ އިތުރުން ޑިއުޓީ ގަޑިން ބޭރުގައި އުޅެނިކޮށް، ޑްރަގް އެންފޯސްމެންޓް ޑިޕާޓުމެންޓް(ޑީއީޑީ)ގެ ތިން ފުލުހަކަށް ވެސް ގޭންގަކުން ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ހަމަލާދީފަ އެވެ. 

ހަތިޔާރު ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން އެ މައްސަލާގައި ހަމަ އެ ދުވަހު 18 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހަކު ހައްޔަރު ކުރި އެވެ. އޭގެ ފަހުން މި މަހުގެ 12 ވަނަ ދުވަހު އިތުރު މީހަކު ހައްޔަރުކުރި އެވެ. އަދި މިހާތަނަށް 10 މީހަކު އެމައްސަލާގައި ވަނީ ހައްޔަރުކޮށްފަ އެވެ.

މިމައްސަލަތަކާ ގުޅިގެން ސީޕީ ހަމީދު ވަނީ، ޖަމާއަތް ހަދައި، ކުށް ކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލުތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް