ads
ރާއްޖެއަށް އައި ފަތުރުވެރިންތަކެއް -- ފޮޓޯ: ހުރިހާ
ގްރީން ޓެކްސް މިހާރުން ފެށިގެން ނެގޭ ގޮތަށް އިސްލާހު ކޮށްފި
މި އަހަރުގެ ޖުލައި މަހު ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހަކާއި ގުޅިގެން ނެގުން ހުއްޓިފައި އޮތް ގްރީން ޓެކްސް ނަގަން ފެށޭނެ ގޮތަށް އެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ޓޫރިޒަމާއި ބެހޭ ގާނޫނަށް ގެނައި 11 ވަނަ އިސްލާހުގައި ވާގޮތުން ގްރީން ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ، އަންނަ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެނެނެވެ. މި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުން ޖޫން މަހުގެ 30 ވަނަ ދުވަހު ފާސްކުރި އިސްލާހެކެވެ. 

ގްރީން ޓެކްސް ނަގަން ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ހުށަހެޅީ މިމަހު އެވެ. މި އިސްލާހު މަޖިލީހުން މިއަދު ފާސް ކުރި އިރު، މިއަދުގެ ވަގުތެއްގައި ރައީސް ސޯލިހު ވަނީ ގްރީން ޓެކްސް ނެގޭ ގޮތަށް އޮތް ޓޫރިޒަމް ގާނޫނުގެ 12 އިސްލާހު ތަސްދީގު ކުރައްވާފަ އެވެ. 

މި އިސްލާހުގައިވާ ގޮތުން އިސްލާހަށް އަމަލުކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާ ނުދައްކާނަމަ އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވެސް ޖެހެ އެވެ.

މީގެ އިތުރުން ގާނޫނުގައި ބުނާ ބައެއްގެ އަތުން ފިޔަވައި އެހެން ބައެއް އަތުން ގްރީން ޓެކްސް ނަގާފައިވާނަމަ ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާ ނުދައްކާ އޮތް ނަމަ އެ ބަޔަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެ ކަމުގައިވެސް ބުނެފައިވެ އެވެ.

މި އަހަރުގެ ބަޖެޓުގައި ފްރީން ޓެކްސްގެ ގޮތުގައި، 824 މިލިއަން ރުފިޔާ ހޯދުމަށް ކަނޑައަޅާފައި ވާއިރު، މި ދިޔަ އޮގްސްޓު މަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި 617 މިލިއަން ރުފިޔާ ވަނީ މީރާއިން ބަލައިގެންފަ އެވެ. 

ގްރީން ޓެކްސްގެ ގޮތުގައި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ހަ ޑޮލަރު ދައްކަން ޖެހޭނެ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް