ads
މަޖިލިސް
ލިވާތު ކުށަކަށް ހަދާ ބިލާއި، މުރުތައްދުވާ މީހާގެ އަދަބު ބޮޑުކުރުމުގެ ބިލު ބޭރުކޮށްލައިފި
އެއްޖިންސުން ގުޅުން ހިންގާ މީހާގެ އަދަބު ބޮޑުކުރުމާއި، ދީނަށް ފުރުއްސާރަކޮށް، މުރުތައްދުވާ މީހާގެ އަދަބު ބޮޑުކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހުށަހެޅުއްވި ދެ ބިލު ވެސް މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ސޯޝަލް މީޑިއާގައި އާއި އެހެން ގޮތްގޮތުން ފާޅުގައި، އިސްލާމް ދީނަށާއި، މާތްﷲ އަށް އަދި ރަސޫލާއަށް ފުރައްސާރަ ކޮށް، މުރުތައްދުވާ މީހާއަށް ގާނޫނުގައި އޮންނަ އަދަބު ކުޑަވުމުން، އެ އަދަބު ބޮޑުކުރުމަށާއި، އެއްޖިންސުން ގުޅުން ހިންގުން ޖިނާއީ ބޮޑުކުށަކަށް ހެދުމަށް ރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް މެމްބަރު ގާސިމް ހުށަހެޅުއްވީ މިދިޔަ އޮގަސްޓު މަސްތެރެ އެވެ.

އެ ބިލުތައް މަޖިލީހަށް ބަލައިގަތުމާއިމެދު މިއަދު ނެގުނު ވޯޓުގައި މުރުތައްދުވާ މީހާގެ އަދަބު ބޮޑުކުރުމުގެ ބިލު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލީ، ވޯޓުގައި ބައިވެރިވި 36 މެމްބަރުންގެ ތެރެއިން 22 މެމްބަރުންގެ ވޯޓުން ނެވެ. ބިލުބަލައިގަތުމަށް ވޯޓު ދެއްވީ 13 މެމްބަރުން ނެވެ. 25 މެމްބަރުން ވޯޓުގައި ބައިވެރިވެސް ނުވެ އެވެ.

އަދި އެއްޖިންސުން ގުޅުން ހިންގުން ޖިނާއީ ބޮޑުކުށަކަށް ހެދުމަށް ރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ބޭރުކޮށްލީ ވޯޓުގައި ބައިވެރިވި 38 މެމްބަރުންގެ ތެރެއިން 25 މެމްބަރުންގެ ވޯޓުން ނެވެ. މި ބިލު ބަލައިގަތުމަށްވެސް ވޯޓު ދެއްވީ އެންމެ 13 މެމްބަރުން ނެވެ. 23 މެމްބަރުން ވޯޓުގައި ބައިވެރިވެސް ނުވެ އެވެ.

ގާސިމުގެ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ އިސްލާހުގައި ވަނީ އެއް ޖިންސުން ގުޅުން ހިންގާ މީހުންނަކީ މުޖްތަމައުއަށް ނުރައްކާތެރި ބައެއް ކަމަށާއި، އެފަދަ މީހުންގެ ވަސްވާސް އެމީހާގެ އަމިއްލަ އާއިލާއާއި މުޅި މުޖްތަމައުއަށް ފޯރުމުގެ ކުރީން މުޖްތަމައުން އެކަހެރި ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. 

އެހެން ކަމުން ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި ބޮޑެތި ކުށްތަކެއް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި އެ ކުށް ހިމެނިފައި އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭތީ އެ އިސްލާހު ފާސްކޮށްދެއްވާ އެ ކުށް ޖިނާއީ ބޮޑެތި ކުށުގެ ތެރޭގައި ހިމަނަން ގާސިމްވަނީ ހުށައަޅުއްވާފަ އެވެ.

މީގެ އިތުރުން، މުރުތައްދުވާ މީހާގެ އަދަބު ބޮޑުކުރުމުގެ ބިލުގައި ބުނެފައިވަނީ، އިސްލާމްދީނަށް ތައުހީނުކުރުމާއި، މާތްﷲ އާއި ކީރިތި ޤުރުއާނަށް، ކީރިތި ރަސޫލާއަށް ފުރުއްސާރަކުރުން ދިވެހިންގެ ތެރެއިން ބައެއްގެ މެދުގައި އާއްމުވަމުންދާ ކަމަށެވެ.

ހާއްސަކޮށް ސޯޝްލް މީޑިއާ މެދުވެރިކޮށް، އެފަދަ އަމަލުތައް ކުރުން ފާޅުގައި އިތުރުވަމުންދާއިރު، އެ ކުށުގެ އަދަބު ރާއްޖޭގައި ކުޑަވުމުގެ ސަބަބުން އެކަންކަން އިތުރަށް އިތުރުވަމުންދާ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ގާސިމު މި އިސްލާހު ހުށަހެޅެއްވި މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ސޯޝަލް މީޑިއާގައި ފާޅުގައި، އިސްލާމް ދީނަށާއި، މާތްﷲ އަށް އަދި ރަސޫލާއަށް ފުރައްސާރަ ކުރި، ގދ. ތިނަދޫ، އަލިވާގެ، މުހައްމަދު ރުސްތުމް މުޖުތަބާ، ކޯޓުގައި ފާޅުގައި އެކަމަށް އިއުތިރާފުވެ އަމަލު ތަކުރާރުކުރާނެކަމަށް ބުނެފައި އޮއްވާވެސް އޭނާގެ މައްޗަށް އައީ އެންމެ ތިންމަހުގެ ޖަލު އަދަބަކަށް ވުމެވެ. އަދި އެ އަދަބު އޭނާގެ މައްޗަށް އިއްވުނުއިރު، ޖަލު ބަންދުގައި ހަ މަސް ހޭދަކޮށްފަވާކަމަށް ބުނެ، އޭނާ ޖަލުން މިނިވަންވެފައި ވުމެވެ. 

“އިސްލާމް ދީނާ އިދެކޮޅު އަމަލު ހިންގުން” ކުށް މިހާރު އޮންނަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބަތުގެ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގަ އެވެ. މިދަރަޖައިގައި ކުށުގެ އަދަބަކަށް އޮންނަނީ އެއް އަހަރަށްވުރެ ގިނަ ނޫން މުއްދަތަަކަށް ޖަލަށް ލުމަށެވެ.

ގާސިމް ހުށަހެޅުއްވީ އެ ކުށުގެ ދަރަޖަ ދެވަނަ ދަރަޖައިގެ ކުށަކަށް ބަދަލުކޮށް އަދަބު ބޮޑުކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް