
ފުލުހުން މިހާރު ބާއްވަމުންދާ ޕްރެސް ކޮންފަރެންސްގައި މި މަރުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން ފުލުހުން ހާމަކުރި ގޮތުގައި އެ އަނިޔާތަށް ދެނެގަނެވިފައިވަނީ، ޝިއާއުގެ ޕޯސްޓުމޯޓަމްގެ ނަތީޖާ އިންނެވެ.
މަރާލުމަށްފަހު ޝިއާއުގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް ފުލުހުން ބުނިނަމަވެސް އެ އަނިޔާތަކުގެ ތަފްސީލެއް ނުދެއެވެ. ނަމަވެސް ފުލުހުން ބުނީ ޝިއާއު މަރުވީވެސް ދިން ބޮޑެތި އަނިޔާތަކުގެ ސަބަބުން ކަމަށާއި، އެޔަށްފަހުވެސް ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ޕޯސްޓުމޯޓަމް އިން ދައްކާ ކަމަށެވެ.
ފުލުހުން ބުނީ އެމައްސަލާގައި އަދި ލިބިފައިވަނީ ވަގުތީ ނަތީޖާއެއް ކަމަށާއި، އެމައްސަލާގެ ފުރިހަމަ މައުލޫމާތުތައް ހިއްސާކުރެވޭނީ ދާއިމީ ނަތީޖާ ލިބުމުން ކަމަށެވެ. އެ ނަތީޖާ ލިބެން ވަގުތު ނަގާނެ ކަމަށް ވެސް ފުލުހުން މިއަދު ބުންޏެވެ.
ފުލުހުން މިއަދު ބުނީ އެމައްސަލާގެ ތަފްސީލީ މައުލޫމާތު ދިނުން ލަސްވަމުންދަނީ އެ ހަމަލާ ދިން ސަބަބު ދެނަގަތުމުގެ މަސައްކަތް ކުރެވެމުންދާތީ ކަމަށެެވެ. އެކަން ދެނެގަތުމުގެ ކަންކަން މިހާރު ކުރަމުންދާއިރު މައްސަލަ ސާބިތުކުރެވޭ ވަރަށް ޝާހިލުގެ މައްޗަށް ހެކި ލިބިފައިވާ ކަމަށާއި، މިމައްސަލަ ކާމިޔާބު ކުރެވޭނެ ކަމަށް ވެސް ފުލުުހުން މިއަދު ބުންޏެވެ.
ފުލުހުން ބުނީ މިމައްސަލާގައި މިހާތަނަށް ލިބުނު މައުލޫމާތުން ޝިއާއުގެ މަރުގައި ޝާހިލު ނޫން އެހެން މީހަކު ބައިވެރިވެފައި ނުވާކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.
ޝިއާއު މަރާލާފައި އޮތްވާ ފެނުނު އިރު، ގިނަ ހަމަލާތަކެއް ދީފައިވީ ނަމަވެސް އެއީ ލާއިންސާނީ އަނިޔާތަކަކަށް ވުމުންނާއި، އާއިލާގެ އެދުމުގެ މަތިން އެ ތަފްސީލެއް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ އުމުރުން 23 އަހަރުގެ އަލީ ޝާހިލް އެ އެޕާޓްމަންޓުން ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރު ކުރި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޭނާގެ ގައިގައި ގިނަ އަދަދެއްގެ ލޭ ހުރި އިރު، ޝިއާއު މަރާލުމަށް ބޭނުން ކުރި ހަތިޔާރުވެސް ހޯދާފައި ވާކަމަށް ވަނީ މީގެ ކުރިން ބުނެފަ އެވެ.