
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ޓީމް އިން މިކަމާއި ގުޅިގެން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފަތުރުވެރިން އަތުން ނަގާ ޓީޖީއެސްޓީ އާއި، ވިޔަފާރި ފައިދާއިން ނަގާ ބީޕީޓީ އަދި އާންމުދަނީން ނަގާ އިންކަމް ޓެކްސް އިތުރުކުރުމަކީ ފަގީރުންނާއި މުއްސަދިންގެ ފަރަގު ކުޑަވެގެންދާނެ ކަމެއް ކަމަށް އެޖަމިއްޔާއިން ދެކޭ ކަމަށެވެ.
އަދި ހަމައެހެންމެ ދައުލަތަށް އެކި ފަރާތްތަކުން މިހާތަނަށް ދައްކާންޖެހި ނުދައްކާވާ ޓެކްސް ފައިސާ އާއި ބިމުކުލީގެ ފައިސާތަށް ދައުލަތަށް ހޯއްދެވުމަކީވެސް މިހިދުން މިހިދަށް ނުހަނު މުހިންމު ކަމެއްގެ ގޮތުގައި ވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީގައި އޮތް ޓެކްސް ބޮޑުކުރުމުގެ ބިލުގެ ބަހުސްތައް ހޫނުވެފައިވާއިރު، ޓެކްސް ބޮޑުކުރުން ލަސްކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ގެސްޓް ހައުސްތަކުގެ ޖަމިއްޔާ ގެސްޓްހައުސް އެސޯސިއޭޝަނުން އިއްޔެ ވަނީ މަޖިލީހަށް ލަފާ އަރުވާފަ އެވެ.
އެ ފަރާތްތަކުގެ ލާފާގައި ވަނީ މިވަގުތަކީ ޓެކްސް ބޮޑުކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމުގައި ގަބޫލުނުކުރާ ކަމަށެވެ. ސަބަބަކީ މިދުވަސްވަރަކީ ފަތުރުވެރިކަމުގެ ސިނާއަތު މިހާރުވެސް އެކިއެކި ލޮޅުންތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ ދުވަސްވަރަކަށްވާތީ ކަމަށް ބުނެފައި ވެއެވެ.