
އެކަމަކު، ފުލުހުންގެ ތަހުގީގުތެރޭ އޭނާއާއި ސުވާލުކުރުމުން، 30 ކިލޯގެ އިތުރު ލަގެޖެއް ގެނައިކަމަށާއި، ލަގެޖު ގެންދިޔަ މީހަކު ނޭނގޭ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގެ ބައެއް މުހިންމު ދިމާތަކުގައި ސީސީޓީ ކެމެރާ ނެތުމުގެ ސަބަބުން އެ ލަގެޖު ފުލުހުންނަކަށްވެސް ނުހޯދުނެވެ. މަސްތުވާތަކެތި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވުނު ފޮށި "ގެއްލުނީ" އެވެ. އެކަމަކު އެކަށީގެންވާ ހެއްކެއް ނެތިގެން ތުހުމަތުކުރެވޭ މީހާވެސް ޖެހުނީ ދޫކޮށްލާށެވެ.
މިމައްސަލާގައި ކަސްޓަމްސްގެ ވާހަކަތައް ފުލުހުންގެ ވާހަކަތަކާއި މުޅިއަކުން ދިމައެއް ނުވެ އެވެ. ލަގެޖު ފުލުހުންނާއި ހަވާލު ނުކުރާކަމަށް ފުލުހުން ބުނުމުން ވީނުވީއެއް ނޭގި އެ "ޑްރަގް ފޮށި ގެއްލިއްޖެ" ކަމަށް ބުނެ އަމާޒުވަމުންދިޔަ ފާޑުކިޔުންތަކާއި ގުޅިގެން ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ޔަގީންކަން ދިނީ ކަސްޓަމްސްގެ ތެރެއިން އެއްވެސް މަސްތުވާތަކެއްޗެއް ނުގެއްލޭ ކަމެވެ. އެކަމާއި ގުޅޭގޮތުން އިތުރު ވާހަކައެއް ކަސްޓަމްސްއިން އޭރު ނުވެސް ދައްކައެވެ.
މަސްތުވާތަކެއްޗާއިއެކު ގެއްްލުނު ކަމަށް ބުނާ ފޮށީގެ މައްސަލާގައި ތަފްސީލުކޮށް ވާހަކަދެއްކެވީ މިއަދު ރާއްޖެޓީވީގެ "ފަށާއިރު" ޝޯގައެވެ. ކޮމިޝަނާ އޮފް ކަސްޓަމް އަބްދުﷲ ޝަރީފް އެ ޝޯގައި ވިދާޅުވިގޮތުން އެމައްސަލާގައި ފުރަތަމަ މީޑިއާތަކުން ގުޅުމުންވެސް "ނުފެންނަ އެއްޗެއް ގެއްލޭނީ ކިހިނެތްތޯ" ވިދާޅުވެ ފޮށި ގެއްލުނީ ކަމަށް ހަބަރު ނުފެތުރުމަށް އެދިފައި ވާނެ އެވެ.
އަބްދުﷲ ޝަރީފް ވިދާޅުވީ، ރާއްޖެއަށް އަންނަ ފަސިންޖަރުންގެ މައުލޫމާތު ނަގަނީ ޖީޓާސް މެދުވެރިކޮށް ކަމަށެވެ. ޕާކިސްތާނުން އައި މީހާގެ މައުލޫމާތުުތައް ނެގިއިރު ޝައްކުކުރެވިގެން އޭނާ ކްލައަރެންސް ސެކްޝަަނަށް ނެގީވެސް ކަސްޓަމްސްގެ ފަރާތުން އޭނާ އާއި މައާމަލާތުކުރި އޮފިސަރަކީ ޕާކިސްތާން މީހަކަށް ވެގެން ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
ހެނދުނުގެ ވަގުތަކީ އާންމުކޮށްވެސް އެއަޕޯޓުގައި ބާރުބޮޑު ވަގުތަކަށް ވުމުން ފްލައިޓު ރާއްޖެއަށް ޖެއްސުމަށްފަހު އޭނާ ފެންނަނީ އަތުގައި އޮތް އަތްދަބަސް އެކްސްރޭ މެޝިނުން ޗެކްކޮށްގެން ނިކުންނަން ދަނިކޮށް ކަމަށެވެ.
އެ އަތްދަބަހުން ޝައްކުކުރެވޭ އެއްޗެއް ނުފެނުނެވެ. ނަމަވެސް ކަސްޓަމްސްގެ އޮފިސަރުންނަށް އޭނާގެ މައްޗަށް އޮތް ޝައްކު އެހާ ހިސާބަކުން ކުޑައެއް ނުވެ އެވެ. ޗެކު ކުރުމުގެ ތެރޭގައި ޝައްކުކުރެވޭނަމަ ފަސިންޖަރުންގެ ފޯނުވެސް ކަސްޓަމްސް އިން ބަލައެވެ. އޭނާގެ ފޯނުވެސް ބެލީ އެހެންވެ އެވެ. ޝަރީފް ވިދާޅުވިގޮތުން އޭނާގެ ފޯނު ލަގެޖަކާއިއެކު ޗެކިންވެ ނަގާފައިވާ ފޮޓޯއެއް އޭނާގެ ފޯނުގައި އިނެވެ.
ޝަރީފް ވިދާޅުވިގޮތުން، ލަގެޖެއް ނުގެންނަ ކަމަށް އޭނާ ބުނިނަމަވެސް އޭނާގެ ބަހަށް އިތުބާރުކޮށް އެހާ ހިސާބުން ދޫކޮށްލަން ބޭނުން ނުވެގެން ލަގެޖުގެ ޓެގުވެސް ބަލައި ވީއައިއޭގެ ތެރޭގައި ލަގެޖު ހުރިތޯ ކަސްޓަމްސްއިން ޗެކްކުރަން ފެށީ އެވެ. ނަމަވެސް އޭނާ އައި ފްލައިޓުގެ ހުރިހާ ލަގެޖެއް ހުސްވިއިރުވެސް އެ ލަގެޖު ނުފެނުނެވެ.
ޝަރީފް ވިދާޅުވީ، ބައެއްފަހަރު ފަސިންޖަރު އަންނަ ގައުމުން ލަގެޖު ނުފޮނުވޭގޮޮތް ވެއްޖެނަމަ އެމައުލޫމާތު އަޕްޑޭޓުނުވެ ހުންނަ ކަމަށެވެ. އޭނާގެ އަތުން އެއްވެސް އެއްޗެއް ނުފެނުމުން ވެސް އޭނާ ދޫކޮށްނުލައި، ފުލުހުންނާއި ހަވާލުކޮށް އޭނާގެ ކިބައިން އިތުރު މައުލޫމާތު ތަހުގީގުޖތެރެއިން ހޯދިދާނެ ކަމުގެ އުންމީދުގައި ކަމަށެވެ. އެއީ އޭނާގެ ލަގެޖު އެހެން މީހަކު ހިފައިގެން ދިއުމުގެ ފުރުސަތުވެސް އޮވެދާނެތީ އެހެންމީހަކާއި ބައިވެރިވެގެން އޭނާ މަސްތުވާއެއްޗެއް އެތެރެކުރިތޯ ޔަގީން ކުރުމަށްޓަކައި ކަމަށް ވިދާޅުވި އެވެ.
އެކަމަކު އެ ފޮށި ޗެކިން ކޮށްފައި ހުރިކަމާއި، އެއީ 30 ކިލޯގެ ފޮއްޓެއްކަން އެގިިފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. އޭނާ ދޫކޮށްލީ އޭނާ އާއިމެދު މައްސަލައެއް ބެލެވޭވަރަށް ހެކި ނެތުމުން ކަމަށް ޝަރީފް ވިދާޅުވި އެވެ.
މިވާހަކަތަކަށް ބަލާއިރުވެސް ފުލުހުން މިމައްސަލާގައި މީޑިއާތަކަށް ދިން މައުލޫމާތާއި ކަސްޓަމްސްގެ މައުލޫމާތުތަކާއި މުޅިއަކުން ދިމައެއް ނުވެ އެވެ. އެގޮތުން ޝަރީފުގެ ވާހަކައިން އެގޭގޮތުގައި ތުހުމަތުކުރެވޭ މީހާ ކަސްޓަމްސްގެ އޮފިސަރުންގެ ގާތުގައި ބުނެފައިވަނީ "ދަބަހެއް ރާއްޖެ ނުގެންނަން" ކަމަށެވެ.
އެކަމަކު ފުލުހުން މީޑިއާތަކަށް ދިން މައުލޫމާތުގައި ވާގޮތުން 30 ކިލޯގެ ދަބަހެއް ގެނައި ކަމަށާއި އެކަމަކު އެދަބަސް ވީތަނެއް ނޭގޭ ކަމަށް ފުލުހުންގެ ތަހުގީގުގައި އޭނާ ބުނެފައި ވެއެވެ.
ޝަރީފް ވިދާޅުވި ވާހަކަތަކަށް ބަލާއިރުވެސް 30 ކިލޯގެ ދަބަހަކާއިއެކު އޭނާ ޗެކިން ވިކަން އެގިފައި ވެއެވެ. އެކަމަކު އެދަބަސް އޭނާ އައި ފްލައިޓަކުން ނުފެނުނެވެ.