ads
ފެތުރެމުންދާ ބަލި ރުކަށާއި ދަނޑުގައި ހައްދާ ގަސްތަކަށާއި ބަގީޗާ ގަސްގަހަށް ޖެހޭކަން ކަށަވަރުކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނޭ - ފޮޓޯ:އަވަސް
ސަމާލު: ގަސް ތަކަކުން ނުރައްކާތެރި ބައްޔެއް ފެތުރެނީ
ރާއްޖޭގައި ރުއްރުކާއި ގަސްތަކުގައި އަށަގަންނަ ނުރައްކާތެރި އާ ބައްޔެއް ހަލުވިކަމާ އެކު ފެތުރެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެގްރިކަލްޗަރު މިނިސްޓްރީން ބުނެފިއެވެ.

އެގްރިކަލްޗަރު މިނިސްޓްރީން ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ މި ބައްޔަކީ ދިރޭ ސޫތްޕެއްގެ ސަބަބުން ރުއްތަކާއި ގަސްތަކަށް ޖެހޭ ބައްޔެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މި ބަލި ޖައްސާ ފަނިފަކުސާ ރުކުގެ ފަނާއި ގަސްގަހުގެ ފެހި ބައިތަކަށް ހަމަލާދިނުމުން ސޫޓީމޯލްޑް ކިޔާ ކަޅުކުލައިގެ ފަންގަސްއެއް ފެތުރި ގަސްތައް ނިކަމެތިވެ، ބައެއް ގަސްތައް މަރުވަމުން ދާކަން ފާހަގަކުރެވިފައިވާ ކަަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ބަލި ރުކަށާއި ދަނޑުގައި ހައްދާ ގަސްތަކަށާއި ބަގީޗާ ގަސްގަހަށް ޖެހޭކަން ވަނީ ކަށަވަރުކުރެވިފައިކަން ހާމަކޮށް އެގްރިކަލްޗަ މިނިސްޓްރީން ބުނެފައިވަނީ ބަލި ޖައްސާ ފަނިފަކުސާއާއި ޖަރާސީމު ދެނެގަނެ، ބަލި ކޮންޓްރޯލް ކުރުމަށް ކުރަން ޖެހޭ ހާއްސަ މަސައްކަތްތައް ދެނެގަތުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރިއަށް ގެންދެވޭނެ ކަަމަށެވެ.

މި ބައްޔާ މެދު ގަސްވިއްކާ ފަރާތްތަކުންނާއި ގަސްގަންނަ ފަރާތްތަކުން މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށް އެގްރިކަލްޗަރު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ގަހާއި ގަހުގެ ބައިތައް އެއްރަށުން އަނެއް ރަށަށް ގެންދާނަމަ، ދަނޑުތަކާ ދުރުގައި ވަކި ތަނެއްގައި ގަސްތައް ބަހައްޓައި، މި ބަލީގެ އަލާމާތެއް ނެތްކަން ކަށަވަރު ވަންދެން ބެހެއްޓުމަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ވަރަށް މުހިންމު ކަމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެގްރިކަލްޗަރު މިނިސްޓްރީން ބުނި ގޮތުގައި މި ބަލި އުޅޭކަމުގެ އެއްވެސް އަލާމާތެއް ގަސްގަހާގެހިން ފެނިއްޖެނަމަ ނުވަތަ ޝައްކު ކުރެވިއްޖެނަމަ، އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް މިނިސްޓްރީއަށް އެކަން އެންގުމަށް އެދޭ ކަމުގައެވެ. މި ކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންވާ ނަމަ، އެ މިނިސްޓްރީގެ ޕްލާންޓް ޕްރޮޓެކްޝަން އެންޑް ކަރަންޓީން ސާވިސް ސެކްޝަންގެ ނަންބަރު 3339209 ފޯނަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށް އެގްރިކަލްޗަރު މިނިސްޓްރީން ބުނެއެވެ.

43%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް