ads
'އައިކޮނީ 2023' ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަފުޅުދައްކަވަނީ - ފޮޓޯ:އައިޔޫއެމް
އިސްލާމިކް ފައިނޭންސް އާ ގުޅުންހުރި ކަންކަން ކުރިއެރުވުމަކީ އަމާޒެއް: އަމީރު
އިސްލާމިކް ފިނޭންސް އާއި ގުޅުން ހުރި ކަންކަން ރާއްޖޭގައި ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އިސްލާމިކް އިކޮނޮމިކްސް އާ ގުޅޭގޮތުން އައިޔޫއެމުން ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ކޮންފަރެންސް 'އައިކޮނީ 2023' ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އަމީރު ވިދާޅުވީ އެކި ސިނާއަތްތަކާ ގުޅުން ހުރި މުހިންމު ސިޔާސަތުތައް އެކުލަވާލާ ތަންފީޒު ކުރުމުގައި އިލްމީ ހޯދުންތަކާއި ދިރާސާތަކަކީ މުހިންމު އެއްޗެއް ކަމަށެވެ. 

އެގޮތުން އިގުތިސޯދީ ދާއިރާ އާ ގުޅުންހުރި ކަންކަން ބައްޓަން ކުރުމުގައި އެ ފަދަ ހޯދުންތަކާއި ދިރާސާތަކުން ހޯދާ މައުލޫމާތުގެ ބޭނުންތެރިކަން އަމީރު ފާހަގަކުރެއްވިއެވެ.

އިސްލާމިކް ފިނޭންސްގެ ދާއިރާއަކީ ދުނިޔޭގައި މިހާރު ފުޅާވެ، ކުރިއަރަމުން އަންނަ ދާއިރާއެއްކަން ފާހަގަކުރައްވާ އަމީރު ވިދާޅުވެފައިވަނީ ރާއްޖޭގައި މި ދާއިރާ އާ ގުޅުންހުރި ކަންކަން ހަރުދަނާކޮށް ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. 

އެކަން ކުރެވޭނެ ގޮތްތައް ބަލާ އެމަގަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަމީރުގެ ވާހަކަފުޅުގައި އިސްލާމިކް ފިނޭންސްގެ ދާއިރާއިން އިލްމީ ގާބިލު މީހުން އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

your image'އައިކޮނީ 2023' ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު - ފޮޓޯ:އައިޔޫއެމް

'އައިކޮނީ 2023' ގެ ނަމުގައި ބާއްވާ މި ކޮންފަރެންސަކީ އައިޔޫއެމްގެ ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީސް (ކެމްސް) އާއި މެލޭޝިއާގެ ޔުނިވަސިޓީ އިސްލާމް އަންޓަރަބަންގްސާ ސެލަންގޯގެ އިންޓަނޭޝަނަލް ރިސާޗް ސެންޓާ އޮފް އިސްލާމިކް އިކޮނޮމިކްސް އެންޑް ފިނޭންސް އާ ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގެ ޝިއާރަކީ 'އެޗީވިން އަދްލު އެންޑް އިހްސާން ވިއާ އިސްލާމިކް އިކޮނޮމިކްސް' އެވެ. އައިޔޫއެމުން ބުނެފައިވާ ގޮތުގައި މި ކޮންފަރެންސްގެ މަގުސަދަކީ އަދުލާއި އިހުސާންތެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަރައްގީއަށް އިސްލާމީ އިގުތިސޯދުގެ މުހިންމުކަން އަންގައިދިނުމެވެ.

މި ކޮންފަރެންސްގެ ޝިއާރުގެ މައްޗަށް ބިނާކޮށް ތިން ފޯރަމެއް ކުރިއަށް ގެންދިއުމާ އެކު ދާއިރާ އާ ގުޅޭ ދިރާސީ ކަރުދާސްތައް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. މި ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިލްމީ ބޭފުޅުންނާއި ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް