ads
ފިލްމު އެސޯސިއޭޝަންގެ ބޯޑު ބައެއް މެންބަރުން
މޯލްޑިވްސް ފިލްމު އެސޯސިއޭޝަން ''ޗާޓުން ބޭރުގައި'' ހަތަރު އަހަރު!
މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) އަކީ ދިވެހިރާއްޖޭގެ ހުނަރުވެރި ފިލްމީ ފަންނާނުންނަށް އެހީތެރިވުމަށް ގާއިމްކުރެވިފައިވާ ޖަމިއްޔާއެކެވެ.

މި ޖަމިއްޔާ ރަނގަޅު ގޮތުގައި ފަންގްޝަން ވެގެން ނޫނީ ދުނިޔޭގެ ފެންވަރުގެ ފަންނާނުންތިބި ޅަފަތުގައި މިއޮތް އިންޑަސްޓްރީ ކުރިއަކަށް ނުދާނެއެވެ. 

ނަމަވެސް ފިލްމު އިންޑަސްޓްރީއަށް ދެވިފައި އޮތް ސަމާލުކަން ކުޑަކަމުން އެ އިންޑަސްޓްރީ ކުރިއެރުވުމަށް އެކުލަވާލި ފިލްމު އިންޑަސްޓްރީ "ޗާޓުން ބޭރުގައި" އޮންތާ ހަތަރު އަހަރު ވީއިރު ވެސް ރޭކާ ނުލަނީއެވެ. 

ދިވެހި ފިލްމު އިންޑަސްޓްރީއަކީ ވެސް ދިވެހިރާއްޖެއަށް މަންފާވަންނަ އިންޑަސްޓަރީއަކަށް ހެދިދާނެއެވެ. 

ދިވެހިރާއްޖޭގައި ވެސް މުޅި ސާކު ސަރަހައްދުން އެކްޓުކުރުމުގެ ރޮގުން އެވޯޑު ހޯދާފައިވާ ފަންނާނުންވެސް އެބަތިއްބެއެވެ. 

ފިލްމީ ދާއިރާއަށް އަނދިރި ހަތަރު އަހަރު: 

 ދިވެހިރާއްޖޭގެ ފިލްމީ ދާއިރާ މިހާރު އޮތްތަނުން އިތުރު ހަރުފަތްތަކެއް ކުރިއަށް ގެންދިއުމަށް ފިލްމު އެސޯސިއޭޝަނުން ކުރަމުން ގެންދިޔަ މަސައްކަތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. 

ފާއިތުވީ ހަތަރު އަހަރު ދުވަހުގެ ކުރިއަށް ޖެހިލާނަމަ ފިލްމު އެސޯސިއޭޝަންގެ ރޫހު ހުރީ އެ ދާއިރާގެ ފަންނާނުންނަށް އެހީތެރިވުމަށް މަސަައްކަތްތަކެއް ކުރުމަށެވެ. އެގޮތުން އޭރު ފިލްމު އެސޯސިއޭޝަނުން ކުރި މުހިންމު މަސައްކަތް ތަކުގެ ތެރޭގައި އަބުރުގެ ބިލާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ބަޔާން ނެރުމާއި، ފިލްމީ ދާއިރާގެ ކަންކަން ކުރިއެރުވުމަށް މަޖިލީހުގައި ކޮމެޓީއެއް އުފެއްދުން ފަދަ ކަންކަން ފާހަަގަކޮށްލެވެއެވެ. 

ފިލްމު އެސޯސިއޭޝަނަށް 2018 ޑިސެންބަރު 28 ވަނަ ދުވަހު އައްޔަނުކުރި ބޯޑަށްފަހު ފިލްމު އެސޯސިއޭޝަަންގެ ދުވެލި ވަނީ  ފިނިހަކައެއްގެ ސްޕީޑަށް ވެއްޓިފައެވެ. 

your imageއެމްއެފްއޭގެ ބޯޑަށް މެމްބަރުން ހޮވަން 2018 ޑިސެންބަރު މަހު ބޭއްވި ޖަލްސާ

މިގޮތުން ކޮވިޑުގެ ބަލިމަޑުކަމާ ދިމާވިއިރު ވެސް ދިވެހިރާއްޖޭގައި ފިލްމު އިންޑަސްޓްރީއަށް ބޮޑު ހީނަރު ކަމަކާ ދިމާވިއެވެ. މިގޮތުން ގައުމީ ސިނަމާ އޮލިމްޕަހުގައި ބަންދު ބޯޑު އެޅުވުނެވެ. ރާއްޖޭގެ ފިލްމީ ދާއިރާގެ އާޓިސްޓުން ވަރަށް ބޮޑަށް ހާލުގައި ހެނުނުއިރު ފިލްމު އެސޯސިއޭޝަނުން އިސްނައިގެން އެ މައްސަލަ ހައްލުކުރުމަށް މަސައްކަތެއް ނުކުރެއެވެ. ނަމަވެސް އިކޮނިމިކް މިނިސްޓްރީން ފަންނުވެރިންނަށް ދޫކުރަންފެށި ލޯނަކީ އެސޯސިއޭޝަނުގެ އެއްޗެއްކަމަށް ހެދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން އޮޅުވައެއް ނުލެވުނެވެ. 

your imageފިލްމް އެސޯސިއޭޝަންގެ ޗެއާޕާސަން ޝިވާޒް އަބްދުﷲ (މާސްކޭ) އެވެ.

ފިލްމު އެސޯސިއޭޝަން ޗާޓުން ބޭރުވުން: 

ފިލްމު އެސޯސިއޭޝަން ޗާޓުން ބޭރުވެއްޖެކަމަށް ގިނަބަޔަކު ދެކެނީ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތަކެއް ނުކޮށް ހަތަރު އަހަރަށްވުރެ ގިނަ އަހަރު ނަމެއްގައި އެ އެސޯސިއޭޝަން ހިނގަމުން ގެންދާތީއެވެ. 

މިގޮތުން އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ސާފުކުރިއިރު "އެސޯސިއޭޝަންގެ ބަޖެޓު ވެސް ފާއިތުވީ ހަތަރު އަހަރު ދުވަހު ފާސްކޮށްފައެއް ނެތެވެ. އެ އެސޯސިއޭޝަންގެ ރަސްމީ ބޭންކު އެކައުންޓެއް އެކްޓިވޭޓެއް ނުވެއެވެ. ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެފައެއް ނެތެވެ."
"ދައުރެއްގަ އޮންނަނީ ދެ އަަހަރު ދެން ކިހިނެއްތޯ ހަތަރު އަހަރު ވާނީ؟" ސީއެންއެމްއާ ވާހަކަ ދައްކަމުން މާސްކޭ ވިދާޅުވިއެވެ.


މި މައްސަލައިގައި ފިލްމު އެސޯސިއޭޝަންގެ ޗެއާޕާސަންކަން ފާއިތުވީ ހަތަރު އަހަރު ކުރެއްވުމަށްފަހު އައު ދައުރުގެ ވެސް ޗެއާޕާސަން ކަން ކުރައްވާ، އަބްދުﷲ ޝިވާޒް (މާސްކޭ) މިރޭ ސީއެންއެމްއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބަޖެޓު ފާސްނުކޮށް ހަތަރު އަހަރު ނުވާނެ ކަމަށެވެ. ސަަބަބަކީ ދައުރެއްގައި އޮންނަނީ ދެ އަހަރު ކަމަށް ވާތީ އެވެ.

މާސްކޭ މިހެން ވިދާޅުވި ނަމަވެސް 2018 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އެމްއެފްއޭގެ ބޯޑަށް މެމްބަރުން ހޮވަން އިންތިހާބު ބޭއްވި ފަހުން ދެން އިންތިހާބެއް ބާއްވާފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުއެވެ.

އެ މުއްދަތުގައި ފިލްމު އެސޯސިއޭޝަނުގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ މާސްކޭއެވެ. ސަބަބަކީ ކޮވިޑްގެ ހާލަތާ ގުޅިގެން އިންތިހާބު ނުބެއްވި ލަސްވުމެވެ. 

އެ މުއްދަތުގައި އެސޯސިއޭޝަންގެ ޗެއާގެ ގޮތުގައި ހުންނެވީ މާސްކޭ ނޫންތޯ ސުވާލު ކުރުމުން މާސްކޭ ވިދާޅުވީ ކޮވިޑާހެދި "އެއްވެސްކަމެއް ނޫވާ" ކަމަށެވެ. 

"ކޮވިޑާ ހެދި އޮތީ އެއް އަހަރު ހުއްޓިފަ، ކޮވިޑްގެ ހާލަތުގަ ކީއްތޯ ކުރާނީ؟" މާސްކޭ ސުވާލުކުރެއްވިއެވެ.

މާސްކޭ މިހެން ވިދާޅުވި ނަމަވެސް ކޮވިޑްގެ ހާލަތުގައި ވެސް އަވަށްޓެރި ގައުމުތަކުގައި ވެސް ވަނީ ފިލްމީ ދާއިރާގެ މަސައްކަތް ކޮށްފައެވެ. 

މިސާލަކަށް އަވަށްޓެރި އިންޑާއާގެ ސަރުކާރަށް ފައިދާގެ ގޮތުގައި އެ ގައުމުގެ ފިލްމު އިންޑަސްޓްރީން 2021 ވަނަ އަހަރު 90 ބިލިއަން އިންޑިއަން ރުފީޒް ( 16.8 ބިލިއަން ދިވެހި ރުފިޔާ) ލިބިފައިވެއެވެ.

އެފްއޭއެމްގެ އެކައުންޓު ނުހުޅުވި ލަސްވަނީ ކީއްވެތޯ ސުވާލު ކުރުުމުން މާސްކޭ ވިދާޅުވީ "މިހާރު އެކައުންޓު ހުޅުވިއްޖެ" ކަމަށެވެ. 

މާސްކޭ މިހެން ވިދާޅުވި ނަމަވެސް، ފިލްމި އެސޯސިއޭޝަންގެ ދެވަނަ ދައުރު އިންތިހާބުވިތާ 8 މަސް ދުވަސްވީ އިރުވެސް އެ ވިދާޅުވާ އެކައުންޓެއް އެކްޓިވޭޓެއްނުވެއެވެ. ނަމަވެސް ފިލްމު އެސޯސިއޭޝަނުން ވަނީ ބައެއް އިވެންޓުތައް ވެސް ބާއްވާފައެވެ. ނަމަވެސް އެކައުންޓާއި ގުޅޭގޮތުން އިތުރު ސުވާލެއް ނުކުރެވެނީ މާސްކޭ ވަނީ ފޯނު ކަނޑާލައްވާފައެެވެ. "ޝޫޓިންއެއްގައި ބިޒީކޮށް އުޅުއްވާތީ" އެވެ.

އެކައުންޓު ނުހުޅުވާ ފާއިތުވީ 8 ވަރަކަށް މަސްދުވަހުވެސް ފިލްމު އެސޯސިއޭޝަނުން ވަނީ ތަފާތު އިވެންޓުތައް ބާއްވާފައެވެ. ސުވާލަކީ ފައިސާ ހަރަދުކުރަނީ އަދި ފައިދާއެއް ލިބޭނަމަ ޖަމާވަަނީ ކާކުގެ އެކައުންޓަކަށްތޯ؟ އެވެ.

ފިލްމު އެސޯސިއޭޝަނުގެ ޓައިޓަލްވެސް ދާދިފަހުންވަނީ ވިއްކާލާފައެވެ. 

ކަންމިހެން އޮތްއިރު ދާދިފަހުންވެސް ވަނީ "ހައިރާން" ވާ ޒާތުގެކަމެއް ހިނގާފައެެވެ.  އިންޑިއާގެ ބައެއް ފަންނާނުންނާއި ރާއްޖޭގެ ފިލްމް އިންޑަސްޓްރީގެ ފަންނާނުން ކުރިއަށް ގެންދާގޮތަށް ހަމަޖެހުނު "ޓޯނިވަލް" އިވެންޓާ ރާއްޖޭގެ ފިލްމް އެސޯސިއޭޝަނާ ގުޅުމެއް ނެތްކަމަށް ކުއްލިއަކަށް ބުނެފައެވެ. އެއީ އެ މުބާރަތާމެދު ގިނަބަޔަކު ހިތްހަމަ ނުޖެހި ފާޑުކިޔަން ފެށުމުންނެވެ. މިކަމުގައި ވެސް އަޖައިބުވާ ކަމަކީ އެ މުބާރާތަކީ ކުރިން ފިލްމުއެސޯސިއޭޝަނާ އެމްއޯޔޫއެއްގައި ސޮއިކޮށްގެން ބާއްވަން އުޅުނު މުބާރާތެއް ކަމަށް ބުންޏެވެ. ކުއްލިއަކަށް އެސޯސިއޭޝަން ގެއްލުނީއެވެ. އެ އިވެންޓު ފިލްމު އެސޯސިއޭޝަނުން ނުބޭއްވި ނަމަވެސް އިވެންޓު ބޭއްވުމުގައި ހަރަކާތްތެރިވީ ފިލްމި އެސޯސިއޭޝަނުގެ ބޯޑުގެ ދެ މެންބަރުންނަކަމަށް މުއުތަބަރުކޮށް މައުލޫމާތުލިބެއެވެ.

މުބާރާތް އިންތިޒާމުކުރި ދެ މެންބަރުންނާމެދު ފިޔަވަޅުއަޅާން ސުލޫކީ ކޮމެޓީން އަންގާފައި ވީނަމަވެސް، ފިޔަވަޅު އެޅިކަމެއް ނުވަތަ ނޫންކަމެއް އާންމު މެންބަރުންނަކަށް ނާންގައެވެ. ތުންތުން މަތިން ބުނެވޭ ގޮތުގައި ފިލްމު އެސޯސިއޭޝަނުގެ އެގްޒެކްޓިވް ބޯޑުގެ ދެ މެންބަރުން މިހާރު ވަނީ ވަކިކޮށްފައެވެ. ނަމަވެސް މިކަންވެސް މީޑިއާއަށްވެސް ހާމައެއް ނުކުރެއެވެ. މާސްކޭ އުޅުއްވާނީ މާ ބިޒީކޮށް ޝޫޓިންތަކުގައެވެ. 

ފިލްމު އެސޯސިއޭޝަނުގެ ބަޖެޓު ފާސްނުކުރާތާ ހަތަރު އަހަރު ވެެއްްޖެކަމަށް ދެކެވޭ ވާހަކައަށް މާސްކޭ ދެކޮޅު ހެދި ނަމަވެސް، އެ އެސޯސިއޭޝަނު އައު ދައުރަށް 8 މަސްވީއިރުވެސް އަދިވެސް އައު ދައުރުގެ ބަޖެޓުވެސް ފާސްނުކުރެވެއެވެ. 

މާސްކޭގެ ޗެއާޕާސަންކަމުގައި ފިލްމު އެސޯސިއޭޝަން ޗާޓުން ބޭރުގައި މި ހޭދަކުރީ އަނދިރި ހަތަރު އަހަރެވެ. 

 ނޯޓު: 

މި ހަބަރަށް ވަނީ 14 މާރިޗު 2023 ވަނަ ދުވަހު 22:17 ގައި އިސްލާހެއް ގެނެވިފައެވެ. މިގޮތުން "ފިލްމި އެސޯސިއޭޝަންގެ ދެވަނަ ދައުރު އިންތިހާބުވިތާ 8 މަސް ދުވަސްވީ އިރުވެސް އެ ވިދާޅުވާ އެކައުންޓެއް ނުހުޅުވެއެވެ." ލިޔެފައިވާ އިބާރާތް ވަނީ "ފިލްމި އެސޯސިއޭޝަންގެ ދެވަނަ ދައުރު އިންތިހާބުވިތާ 8 މަސް ދުވަސްވީ އިރުވެސް އެ ވިދާޅުވާ އެކައުންޓެއް އެކްޓިވޭޓެއް ނުވޭ"، މިގޮތަށް ބަދަލުކޮށްފައެވެ. އަދި "އެ އެސޯސިއޭޝަންގެ ރަސްމީ ބޭންކު އެކައުންޓެއް ނެތެވެ" އޮތް އިބާރާތް ވަނީ "އެ އެސޯސިއޭޝަންގެ ރަސްމީ ބޭންކު އެކައުންޓެއް އެކްޓިވޭޓެއް ނުވޭ" މިގޮތައް ބަދަލުކޮށްފައެވެ. 

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް