ads
އެއްވަނަ އަންހެން އެތްލީޓް ދީމާ
ކުޅިވަރު އެވޯޑް ހާސިލް ކުރި އެތްލީޓުންނަށް މަރުހަބާ
ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި އުޅޭ ފަރާތްތަކަށް ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ގާލާ ނައިޓްގައި އަހަރުގެ އެންމެ މޮޅު އެތުލީޓުންގެ މަގާމް ހޯދި ހުރިހާ އެތްލީޓުންނަށް ސީއެންއެމް ސްޕޯޓްސް ޓީމުގެ ނަމުގައި މަރުހަބާ ދަންނަވަމެވެ. މި ގެނެސްދެނީ އެވޯޑްތައް ހާސިލް ކުރި ފަރާތްތަކުގެ ހުލާސާއެކެވެ.

އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ހޯދީ ބޮޑީ ބިލްޑަރު އަޒްނީން ރަޝާދުއެވެ.  އޭނާއާ މި އެވޯޑަށް ވާދަކުރީ ބޮޑީބިލްޑަރު މުހައްމަދު މޫސާ އާއި ބޮޑީބޯޑަރު، އަލީ ހުޝްރުވާން އަހުމަދު (ކުޑައައްޔަ) އެވެ. އެންމެ މޮޅު އެތްލީޓުގެ މަގާމު ހޯދި އަޒްނީންވަނީ އެއް ވަނަ ބޮޑީބިލްޑަރުގެ މަގާމްވެސް ހޯދާފައެވެ.

އަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދީ ޒުވާން ޓީޓީ ކުޅުންތެރިޔާ ދީމާއަލީއެވެ. ދީމާއާ ވާދަކުރީ ޓީޓީ ކުޅުންތެރިޔާ، އައިޝަތު ރަފާ ނާޒިމް އާއި ޓެނިސް ކުޅުންތެރިޔާ، އާރާ އާސަލް ނާޒިމް އެވެ.

އަހަރުގެ އެންމެ އުންމީދީ އަންހެން އެތުލީޓަކަށްވެސް ހޮވުނީ ޓީޓީން އެތައް މެޑައްޔެއް ރާއްޖެއަށް ގެނެސްދިން ޒުވާން އެތްލީޓް ދީމާއެވެ. ދީމާއާ، އެންމެ އުއްމީދީ އަންހެން އެތްލީޓަކަށް ވާދަކުރީ  ފެތުންތެރިޔާ އާރާ އާއި ފެތުންތެރިޔާ، މެރާލް އައިން ލަތީފްއެވެ.

އެންމެ އުންމީދީ ޒުވާން ފިރިހެން އެތުލީޓަކަށް ހޮވުނީ ބޮޑީބޯޑަރު، އާމިން އުމަރު މޫސާ އެވެ. އޭނާއާ ވާދަކުރީ ފެތުންތެރިޔާ މުހައްމަދު އާން ހުސެއިން އާއި ޓީޓީ ކުޅުންތެރިޔާ، މުހައްމަދު ތާބިން ސުޖާއު އެވެ.

އެތުލެޓިކްސްގެ އެވޯޑްތައް ހޯދީ މިދިޔަ އަހަރު ފިރިހެން އެތުލީޓުގެ މަގާމު ހޯދި ހަސަން ސާއިދުގެ އިތުރުން އައިމިނަތު ޖާއިޝާ ޖުނީޒް އެވެ. އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔާގެ މަގާމު ހޯދީ ނިބާލް އަހުމަދާއި ފާތިމަތު ނަބާހާ އަށެވެ.

އެންމެ މޮޅު ކެރަމްގެ ޓްރޮފީ ފިރިހެން އެތްލީޓުންގެ ތެރެއިން ހޯދީ އިސްމާއިލް އަޒްމީންއެވެ. އަންހެން އެންމެ މޮޅު ކެރަމް ކުޅުންތެރިޔަކީ އައިމިނަތު ވިދާދު އެވެ. އަހަރުގެ އެންމެ މޮޅު ޗެސް ކުޅުންތެރިންނަށް މުހައްމަދު ޝުއާއު އާއި ނިހާޔާ އަހުމަދު އެވެ. އެންމެ މޮޅު ޕޫލް ބިލިއާޑް ކުޅުންތެރިންނަށް ހޮވުނީ މުހައްމަދު ޝަރީފް އާއި އައިމިނަތު ފަތުހީ އެވެ.

އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ އެވޯޑް މި ފަހަރު ވެސް ގެންދިޔައީ އާދަމް ނާސިފް އުމަރު (އާދަޅޭ) އެވެ. އަދި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މި ފަހަރު ވެސް ހޯދީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އަންހެން ފުޓްބޯޅަ ކުޅުންތެރިއެއް ނުހޮވައެވެ. އެންމެ މޮޅު ވޮލީ ކުޅުންތެރިންނަކީ އަލީ ހުޒާމް (ހުޒަންޓެ) އާއި އައިޝަތު މާޖިދާ އެވެ .އެންމެ މޮޅު ހޭންޑްބޯޅަ ކުޅުންތެރިންނަކީ މުހައްމަދު ފިރުނާޝް އަބްދުﷲ އާއި ޒުލައިހާ އިބްރާހިމް އެވެ.

އެންމެ މޮޅު ބާސްކެޓް ކުޅުންތެރިންނަށް ހޮވުނީ އަބްދުﷲ އަމްޒަރު މުހައްމަދު އާއި އައިމިނަތު އިސްރާއު އަބްދުލް ޝުކޫރު (އިއްކޮ) އެވެ. މިއީ ދެމަފިރިންނެވެ. އެންމެ މޮޅު ބޮޑީބޯޑަރަކީ މި ފަހަރު ވެސް ކުޑަ އައްޔަ އެވެ. އެންމެ މޮޅު  ނެޓްބޯޅަ ކުޅުންތެރިޔަކީ މަރިޔަމް ޝިނާއަތު އެވެ.

ސާފިންގެ އެއް ވަނަ ހޯދީ އަހުމަދު އާގިލް (އައްމަޑޭ) އާއި މަރިޔަމް ރާހިލް ނަސީމް (އާޔާ) އެވެ. ސްވިމިން އެވޯޑް ގެންދިޔައީ އާން އާއި އައިޝަތު ސައުސަން އެވެ. ޓީޓީ ކުޅުންތެރިންގެ ޓްރޮފީ ގެންދިޔައީ މޫސާ މުންސިފް އަހުމަދު އާއި ދީމާ އެވެ. ޓެނިސް ކުޅުންތެރިންގެ އެއް ވަނަ ހޯދީ، އަބްދުﷲ ފާއިހް ފަޒީލް (ފާއީ) އާއި އާރާ އެވެ.

އެއް ވަނަ ކުޅިވަރު އެސޯސިއޭޝަނަކަށް ބެޑްމިންޓަން އެސޯސިއޭޝަން ހޮވުނުއިރު، އެއް ވަނަ ސްޕޯޓްސް މެޑިކަކީ ޑރ. އަބްދުﷲ ރާފިއު އެވެ. އެއް ވަނަ ޓެކްނިކަލް އޮފިޝަލުންނަށް އަހުމަދު ނަޝީދު (ތުއްތުކޯ) އާއި އައިޝަތު އަހުމިޔާ ހޮވުނިއިރު، އެއް ވަނަ ކޯޗުގެ ޓްރޮފީ ގެންދިޔައީ ބޮޑީބިލްޑިން ކޯޗު، އަބްދުލް ހަސީބް ހުސެއިން އާއި ނެޓްބޯޅަ ގައުމީ ކޯޗު ނީޝާ ހަލީމް އެވެ.

އެންމެ މޮޅު ކުޅިވަރު ނޫސްވެރިއަކަށް އަދަދު ނޫހުގެ އައްޒާމް އަލިފުޅު ހޮވުނުއިރު، އެންމެ މޮޅު ކުޅިވަރު ފޮޓޯގްރާފަރަކީ މުހައްމަދު ޝާބިން އެވެ. އެންމެ މޮޅު އޮންލައިން މީޑިއާ އަކަށް އަދަދު ހޮވުނުއިރު، ބްރޯޑްކާސްޓިން ދާއިރާ އިން، އެއް ވަނަ ކުޅިވަރު މީޑިއާ އަކީ ރާއްޖެ ޓީވީ އެވެ.

މި އެވޯޑް ހަފްލާގައިވަނީ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފަސް ފަރާތަކަށް "ލައިފްޓައިމް އެޗީވްމެންޓް އެވޯޑް" ދީފަ އެވެ. މިއަހަރު ލައިފް ޓައިމް އެޗީވްމެންޓް އެވޯޑު ދެއްވާފައި ވަނީ، އަލްމަރްހޫމް ސަމަރު ބުލޫ އިބްރާހީމް މަނިކަށާއި، އަލްމަރްހޫމް އަހްމަދު ރިޒާ(ތަރަބޫޒް ރިޒާ) އަށާއި، އަލްމަރްހޫމް އަހްމަދު މަނިކު (ލޯޖެހި އަޙުމަދު މަނިކު)އަށާއި، އަހްމަދު ވަހީދު (ކްއީން ވަހީދު) އަށާއި، މައްލާ ޅަތުއްތު އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް