ads
ރައީސް މުއިއްޒު ޕާކިސްތާނުގެ 8 ވަނަ ކެއާޓޭކަރ ބޮޑުވަޒީރު އަންވާރުލް ހައްޤގު ކަކަރް އާ ބައްދަލުކުރެއްވުން-- ފޮޓޯ:ރައީސް އޮފީސް
5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު ހާސިލްކުރަން ޕާކިސްތާނާ ގުޅިގެން މަސައްކަތްކުރަނީ
މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރުއޫއެއް ކުރިއަށް ގެންދާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ހާސިލްކުރުމަށް ދިވެހިރާއްޖެއާއި ގުޅިގެން އެކުގައި މަސައްކަތް ކުރެއްވުމަށް ޕާކިސްތާނުން އެއްބަސްވެއްޖެ އެވެ.

ޔޫއޭއީގައި ކުރިއަށްދާ ތިމާވެއްޓާބެހޭ ބައިނަލްއަގުވާމީ ސަމިޓު (ކޮޕް-28)ގައި ގައުމީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވަނީ ތިމާވެށި ހިމާޔަތްކޮށް ސަލާމަތްކުރުމަށް ކުރައްވާނެ މުހިންމު ކަންތައްތަކެއް ފާހަގަކުރައްވާފަ އެވެ. އެގޮތުން މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ އެމަނިކުފާނު ކުރައްވާނެ ކަމަށް ވިދާޅުވި ހާއްސަ އެއްކަމެވެ.

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅު ހާސިލްކުރުމަށް ދިވެހިރާއްޖެއާއި ގުޅިގެން އެކުގައި މަސައްކަތް ކުރެއްވުމަށް ޕާކިސްތާނުން އެއްބަސްވީ ރައީސް މުހައްމަދު މުއިއްޒު، ކޮޕް28 ކޮންފަރެންސްގައި ޕާކިސްތާނުން ބައިވެރިވި މަތީ ފަންތީގެ ވަފުދުގެ އިސްވެރިޔާ، ޕާކިސްތާނުގެ 8 ވަނަ ކެއާޓޭކަރ ބޮޑުވަޒީރު އަންވާރުލް ހައްގު ކަކަރް އާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްއާއި ޕާކިސްތާނުގެ 8 ވަނަ ކެއާޓޭކަރ ބޮޑުވަޒީރު ވަނީ، ދެގައުމަށް ފައިދާހުރި ކަންކަމާ ބެހޭގޮތުންނާއި، ދެ ގައުމުގެ މަސްލަހަތާ ގުޅުންހުރި ދާއިރާތަކުން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. 

މީގެ އިތުރުން، ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ރައީސް އިއުލާނު ކުރެއްވުމާ ގުޅިގެން، އެ ވައުދުފުޅު ހާސިލްކުރުމަށް ދިވެހިރާއްޖެއާއި ޕާކިސްތާނާ ގުޅިގެން އެކުގައި މަސައްކަތް ކުރެއްވުމަށް ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

މި ބައްދަލުވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ރާއްޖޭގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމުން ރައީސް މުއިއްޒަށް މަރުހަބާ ވިދާޅުވެ، ރާއްޖެ އާއި ޕާކިސްތާނާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މީގެއިތުރުން، ދެ ލީޑަރުން ވެސް ވަނީ ދެފަރާތުގެ މަސްލަހަތާއި ހިއްސާކުރާ އަގުތަކާއި އެއްބާރުލުން ދިނުމަށް ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން މަޝްވާރާ ކުރައްވައިފަ އެވެ.

ކޮޕް-28 ސަމިޓުގައި ހަވާސާގައި ގިނަ ގައުމުތަކެއްގެ އިސްވެރިންނާއި ރައީސް ވަނީ ބައްދަލުކުރައްވައިފަ އެވެ. އެގޮތުން:

  • އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް 3
  • އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް
  • އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު އަދި މިހާރުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ކެމެރަން
  • އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ
  • މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ
  • ގަތަރުގެ އަމީރު ޝެއިހު ތަމީމު ބިން ހަމާދު އަލް ޡާނީ
  • ޔޫއޭއީގެ ރައީސް ޝެއިހު މުހައްމަދު ބިން ޒައިދު އަލް ނަހުޔާން
  • ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ 
  • ސީޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަން
  • ބުރުނާއީގެ ރަސްގެފާނު ހަސަނުލް ބުލްކިޔާ
  • އިންޑޮނޭޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯ

ކޮޕް28 ބައްދަލުވުން ވެގެން ދާނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ބައިނަލްއަގުވާމީ މައިދާނުގައި ހިއްސާކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބޭ އަގުހުރި ފުރުސަތަކަށް ކަމަށް ސަރުކާރުން ވިދާޅުވެ އެވެ.

އެ ސަމިޓުގައި ރައީސް އިއްޔެ ވަނީ ތަގުރީރު ކުރައްވައިފަ އެވެ. ރައީސްގެ ތަގުރީރުގައި ބައިނަލްއަގުވާމީ ލީޑަރުންގެ އަރިހުން އެދިވަޑައިގަތީ ކުރިއަށް އޮތް ފަސް އަހަރުތެރޭ ރާއްޖޭގައި އިޔާދަކުރުވަނިވި ހަކަތަ އުފައްދާ ނިޒާމުތައް ގާއިމުކުރަން ބޭނުންވާ ފަންޑު ހޯދުމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަމަށް މަދުވެގެން 600 މިލިއަން ޑޮލަރު ބޭނުންވެ އެވެ.

މިއީ ރައީސް މުއިއްޒު ބައިނަލްއަގުވާމީ ސަމިޓެއްގައި ތަގުރީރުކުރެއްވި ފުރަތަމަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް