ads
ބޮޑެތި ވިޔަފާރިތަކުގެ ކޮންޓެއިނާތައް ސީދާ ސައިޓަށް ގެންގޮސް ކްލިއާ ކުރަނީ
ބޮޑެތި ވިޔަފާރިތަކުގެ ކޮންޓެއިނާތައް ސައިޓްތަކަށް ގެންދިޔުމަށް ފަހު ކްލިއާ ކުރާގޮތަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

ހޯމްލޭންޑު މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވި ގޮތުގައި، ބޮޑެތި ވިޔަފާރިވެރިންގެ ކޮންޓެއިނާތައް އެމްޕީއެލް ސަރަހައްދުގައި ކްލިއާކުރުމުގެ ބަދަލުގައި ތަޅެއް އެޅުވުމަށް ފަހު ސީދާ ވިޔަފާރިވެރިންގެ ސައިޓް ތަކަށް ގެންގޮސް، އެތަނަށް ކަސްޓަމްސްގެ އޮފިސަރަކު ފޮނުވައިގެން ކްލިއާ ކުރާ ގޮތަށް ހަމަ ޖައްސާފައިވާ ކަމުގަ އެވެ.

"އޭގަ ތަޅެއް އަޅުވާފަ އަޅުގަނޑުމެން މި ފޮނުވާލަނީ އެ ބޭފުޅުންގެ ސައިޓަށް، ފޮނުވާލާފަ ދެން އެ ބޭފުޅުންގެ އޯން ޓައިމްގައި އަޅުގަނޑުމެން މި ފޮނުވާލަނީ ކަސްޓަމް އޮފިސަރެއެ އޭތި ޗެކްކުރަން." މާނިއު ވިދާޅުވި އެވެ.

މާނިއު ވިދާޅުވީ އެގޮތަށް ކަން ކުރުމުގެ ސަބަބުން އަވަސް ގޮތަކަށް އެމްޕީއެލް ބަނދަރު ވަރަށް ބޮޑަށް ހުސްވެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެއާއެކު ކުދި ވިޔަފާރި ތަކަށް ވެސް އަވަހަށް ކޮންޓެއިނާތައް ކްލިއާ ކުރުމަށް ފުރުސަރު ފަހި ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން މުދާ ކްލިއާކުރުމުގެ މަރުހަލާގެ ހުރިހާ ހިދުމަތްތަކެއް އެއްކޮށް ޑިޖިޓަލައިޒް ކޮށް، އެއްވެސް ކަރުދާހެއް ހުޅަހަޅަން ނުޖެހޭ ގޮތަށް ހަދަން ނިންމާފައިވާ ކަމަށް މާނިއު ވިދާޅުވި އެވެ.

މާނިއު ވިދާޅުވީ އެކަންކަން ޑިޖިޓަލައިޒް ކުރުމުން ކަސްޓަމްސް އޮފިސަރާއި ސީދާކޮށް ދިމާ ނުވާނެ ކަމަށާއި، މުދާ ކްލިއާ ކުރުމުގެ މަރުހަލާގައި ކޮރަޕްޝަންގެ އަމަލުތައް ހިނގުންވެސް އެއާއެކު މަދުވާނެ ކަމަށް އޭނާ ފާހާގަ ކުރެއްވި އެވެ. އެގޮތުން ވަކި ބައެއްގެ އެއްޗެހި ކުރިން ކްލިއާ ކުރުމުގެ މައްސަލަތަކަށް އެކަމުން ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް