ads
ރައީސް މުއިއްޒު އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ތަގުރީރު ކުރައްވަނީ -- ފޮޓޯ:ރައީސް އޮފީސް
ޗައިނާއާ އެކު އޮތް ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ތައްޔާރު: ރައީސް
ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއި ކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފަށަން ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ

ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ފުޖިއަން ޕްރޮވިންސްގައި ރާއްޖޭން އިންތިޒާމު ކޮށްގެން ބާއްވާ ބިޒްނަސް ފޯރަމް ފައްޓަވައި ދެއްވުމަށް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، ވީއެންމެ އަވަހަކަށް އެ އެއްބަސްވުމަށް އަމަލުކުރަން ފަށަން އެމަނިކުފާނުގެ ސަރުކާރުން އޮތީ ތައްޔާރަށް ކަމަށެވެ. 

ރައީީސް އިތުރަށް ވިދާޅުވީ ރާއްޖެއަކީ ދެކުނު އޭޝިއާގެ ގައުމަކާ އެކު ޗައިނާ އިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރި ފުރަތަމަ ގައުމު ކަމަށާއި، މިއީ ދެ ގައުމުގެ މެދުގައި އޮތް ވިޔަފާރީގެ ގުޅުމުގެ ވަރުގަދަކަން ދެހަކޮށްދޭ ކަމެއް ކަމަށެވެ.

ދެ ގައުމުގެ މެދުގައި ވެވިފައިވާ އެއްބަސްވުމުގެ މަގުސަދަކީ ވިޔަފާރި ފުޅާކޮށް، ރާއްޖޭން ޗައިނާއަށް މަސް އެކްސްޕޯޓު ކުރާ މިންވަރު އިތުރުކުރުން ކަމުގައި ރައީސް ވިދާޅުވި އެވެ.

"ފްރީ ޓްރޭޑް އެގްރީމެންޓްގެ އަމާޒަކީ ދެގައުމުގެ ވިޔަފާރި އަދި އިންވެސްޓްމަންޓްތައް ކުރި އެރުވުން. ހާއްސަކޮށް ޗައިނާއަށް މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުން އިތުރުކުރުމަކީ އިސްކަންދޭ ކަމެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ތަރައްގީގެ އެޖެންޑާ ބިނާވެފައި ވަނީ ޓޫރިޒަމް އިތުރަށް ހަރުދަނާކޮށް، އިތުރު ދާއިރާތަކަށް ޑައިވާސިފިފައި ކުރާށެވެ. ތިމާވެށްޓާއި އަޅުގަނޑުމެންގެ ކަނޑުގެ ވަސީލަތްތަކަށް ރަނގަޅަށް ރިއާޔަތް ކޮށްގެން ކުރިއަށް އޮތް 15 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދަށް ބަދަލެއް ގެނައުމުގެ މަގްސަދުގައި ކެރިގެން ތަރައްގީގެ އެޖެންޑާއެއް ހިންގަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށެވެ.

ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ހިތާ އެންމެ ކައިރިު މަޝްރޫއަކީ އާ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާ ރަސްމާލެ ކަން ފާހަގަ ކުރައްވާ އެ ސިޓީގެ ސިފަތައް ފާހަހަކޮށް ދެއްވި އެވެ.  

ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ބައިވެރިއަކަށް ޗައިނާ ވާނެ ކަމާމެދު ޝައްކެއް ނެތް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެ އާއި ޗައިނާގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ އެއްބަސްވުން ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުން 2017 ވަނަ އަހަރު ފާސްކުރި ނަމަވެސް މިދިޔަ ސަރުކާރުން އެ އެއްބަސްވުމަށް އަމަލު ކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް