ads
ދުނިޔޭގެ ކޯޓުގެ އަމުރުން ބައިނަލްއަގުވާމީ ގާނޫނުގެ ބާރު ފެނިގެން ގޮސްފި
ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ގާޒާގައި ގަތުލު އާންމެއް ހިންގާ ކަމަށް ބުނެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހެޅި މައްސަލައިގައި، ގާޒާގައި ޔަހޫދީ އިސްރާއީލުން ސީދާ ގަތުލުއާންމު ހިންގުމަށް ހިތްވަރުދިނުން ހުއްޓުވައި، އަދަބު ދިނުމަށް ގޮވާލާ އެ ކޯޓުން އިއްޔެ ކުރި އަމުރުން، ބައިނަލްއަގުވާމީ ގާނޫނުގެ ބާރު ދުނިޔެ އަށް ފެނިގެން ގޮސްފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ކުށެއް ނެތް އާންމުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ އަމަލުތަކަކީ ގަތުލު އާންމުތަކާ ގުޅޭ މުއާހަދާއާ ހިލާފު އަމަލުތަކެއް ކަން ސާބިތު ކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް މައްސަލަ ހުށައެޅީ ދެކުނު އެފްރިކާ އިންނެވެ. ވަރަށް ގިނަ ގައުމުތަކުގެ ތާއީދު އެ ހުށައެޅުމަށް ލިބުނެވެ.

އެ ހުށައެޅުމާ ގުޅިގެން ކޯޓުން އިއްޔެ ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި ޔަހޫދީ އިޒްރޭލުން ހިންގަނީ ހަނގުރާމައިގެ ކުށްތަކެއްކަން ފާހަގަ ކޮށްފައިވެ އެވެ. އެކުށްތައް ތަކުރާރު ކުރުން ހުއްޓުލާ ފަލަސްތީނަށް އެހީގެ މަގު ތަނަވަސް ކޮށްދޭން ވެސް ވަނީ އަމުރުކޮށްފަ އެވެ،

އެ އަމުރުގައި އަމުރުގައިވާ ކަންކަން ތަންފީޒު ކުރުމަށް އިޒްރޭލުން ކުރާ ކަންކަން މަސް ދުވަހުގެ ތެރޭގައި ރިޕޯޓެއް ތައްޔާރުކޮށް ހުށައެޅުމަށް ވެސް އަންގާފައިވެ އެވެ.

އައިސީޖޭގެ ނިންމުމާއެކު އެ ނިންމުމަށް މަރުހަބާ ވިދާޅުވެ، ޒަމީރު ރޭ އެކްސްގައި ވިދާޅުވީ ކޯޓުގެ ނިންމުމުން ބައިނަލްއަގުވާމީ ގާނޫނުގެ ބާރު ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޔަހޫދީ އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖޭން ގޮވާލައި ގޮވާލުން ތަކުރާރުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަނީ މި އަމަރު ނިސްބަތްވާ ހުރިހާ ފަރާތްތަކުން މި އަމުރަށް ފުރިހަމައަށް ތަބާވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

17 ފަނޑިޔާރުންގެ ބެންޗެއް މިމައްސަލަ ބެލުމަށް ތިއްބެވިއިރު، އިސް ފަނޑިޔާރު، ޑޮނޯގް ވަނީ މިމައްސަލައިގައި އިސްރާއީލާއި ދެކޮޅަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާކަމަށް ބުނެ މައްސަލަ ބޭރު ނުކުރެވޭނެ ކަމަށް ނިންމާފައެވެ.

ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކާއި ހަވާލާދީ ޑޮނޯގް ވިދާޅުވީ، އިސްރާއީލުން ގާޒާގައި ހިންގި އަސްކަރީ އޮޕަރޭޝަންގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުން ޝަހީދުވެ، ޒަހަމްވުމުގެ އިތުރުން އެތަކެއް ބައެއްގެ ގެދޮރު ގެއްލި، އާބާދީގެ ބޮޑު ބައެއް ގަދަކަމުން އެމީހުން ދިރިއުޅޭ ގެތަކުން ބޭރުކޮށްލައި، މަދަނީ އަދި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ކޯޓުން ވަނީ އިސްރާއީލުން ހިންގި ގަތުލު އާންމުގެ ތެރެއިން އިސްރާއީލުގެ އިސް އޮފިޝަލުން ދައްކާފައިވާ ބައެއް ވާހަކަތައް ވެސް ފާހަގަ ކޮށްފައެވެ.

ހާއްސަކޮށް ފާހަގަ ކޮށްފައިވަނީ އިސްރާއީލުގެ ދިފާއީ ވަޒީރު، ޔޮވް ގަލަންޓް "ގާޒާ ވަށާލުމަށް" އަމުރުކޮށް، އިންސާނުންނާއި ދިމާލަށް "ޖަނަވާރުންނަށް" ގޮވައި ދައްކާފައިވާ ވާހަކަތަކެވެ.

އައިސީޖޭގެ އަމުރަށް ފަލަސްތީނުގެ ހާރިޖީ ވަޒީރު ރިޔާދު އަލް-މާލިކީ ވަނީ ވަގުތުން މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، ކޯޓުގެ ފަނޑިޔާރުން ނިންމެވީ އިންސާނިއްޔަތާއި ބައިނަލްއަގުވާމީ ގާނޫނާ އެއްކޮޅަށް ކަމަށެވެ.

އައިސީޖޭގެ ނިންމުންތަކަށް އަމަލުކުރުން ލާޒިމެވެ. ނަމަވެސް އެ ނިންމުންތައް ތަންފީޒުކުރާނެ ނިޒާމެއް ނެތުމުން، ޔަހޫދީ އިޒްރޭލަށް މިއަދުގެ އަމުރަށް އަމަލުނުކޮށް ވެސް އޮވެވިދާނެ އެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީން ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 26000 ފަހަނަ އަޅާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް