ads
މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 124 ބިލިއަން ރުފިޔާގައި
ފާއިތުވި 2023 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 124 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނިމުނުއިރު އޮތް 124 ބިލިއަން ރުފިޔާގެ ދަރަނީގައި ދައުލަތުން ގެރެންޓީ ދީފައިވާ 14 ބިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.

މިދިޔަ އަހަރު ފެށުނުއިރު 114 ބިލިއަން ރުފިޔާގައި ހުރި ދަރަނީގެ އަދަދަށް، އަހަރު ނިމުނުއިރު ވަނީ 10 ބިލިއަން އިތުރުވެފަ އެވެ. އަދި އޭރު އެތެރޭގެ ދަރަނި 65 ބިލިއަން ރުފިޔާގައި ހުރިއިރު، ބޭރު ގައުމުތަކުން ނަގާފައިވާ ލޯނުތަކުގެ އަދަދު ހުރީ 49 ބިލިއަން ރުފިޔާގަ އެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ނިމުނު އިރު އެތެރޭގެ ދަރަނީގެ ގޮތުގައި 73 ބިލިއަން އަދި ބޭރުގެ ދަރަނީގެ ގޮތުގައި 51 ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 68 އިންސައްތައިގައި ދައުލަތުގެ އެތެރޭގެ ދަރަނި ހުރި އިރު، އެ ނިސްބަތުން ބަލާއިރު ބޭރުގެ ދަރަނި ހުރީ 48 އިންސައްތައިގަ އެވެ.

މީގެއިތުރުން މިދިޔަ އަހަރު އެމްއެމްއޭއިން 8.7 ބިލިއަން ރުފިޔާ ނަގާފައި ވާއިރު، އެތެރޭގެ ދަރަނީގެ ތެރެއިން 59 ބިލިއަން ރުފިޔާއަކީ ޕެންޝަން އޮފީހާއި ކޮމާޝަލް ބޭންކުތަކުން ނަގާފައިވާ ފައިސާ އެވެ. މިދިޔަ އަހަރުގެ އެތެރޭގެ ދަރަނި ދެއްކުމަށް ހޭދަކޮށްފައިވަނީ 458 މިލިއަން ރުފިޔާ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދައުލަތުގެ ދަރަނި އަންނަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ.

ދައުލަތުގެ ދަރަނި އިންތިހާ ދަރަޖައަށް އިތުރުވަމުން ދާއިރު، 2026 ވަނަ އަހަރު ދައުލަތުން 15.4 ބިލިއަން ރުފިޔާގެ ބިޔަ ދަރަންޏެއް އަދާކުރަންޖެހެ އެވެ. އެ ކަމަށްޓަކައި ސޮވަރިން ފަންޑު މެދުވެރިކޮށް 9.8 ބިލިއަން ރުފިޔާ ބޭނުން ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް