ads
އެއްވެސް ބައެއްގެ އުނގަށް ނުވެއްޓި އިގްތިސާދީ ހާލަތުން ސަލާމަތްވެވޭނެ: ސައީދު
އެއްވެސް ގައުމެއްގެ އުނގަށް ނުވެއްޓި ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ އިގްތިސޯދީ ހާލަތުން ސަލާމަތްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ދުބާއީގައި ބާއްވާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމް ފެށުމުގެ ކުރިން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. ނަމަވެސް އެ ހާލަތުން އަރައިގަތުމަށް އެއްވެސް ބައެއްގެ އުނގަށް ވެއްޓެން ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް 100 ޕަސެންޓް ފުލީ ޔަގީންކަން އެބައޮތް އެއްވެސް ބައެއްގެ އުނގަށް ނުވެއްޓި ސަލާމަތްވާނެ ކަން، އެކަން އަޅުގަނޑުމެން މި ކުރަނީ. މިކަމުގައި އެންމެންގެ އެއްބާރުލުން އަޅުގަނޑުމެން ބޭނުންވޭ، އިގްތިސާދެއް ވެސް އޮންނާނީ ގައުމެއް އޮވެގެން." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިގްތިސާދު ނަގަހައްޓަން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކުގެ ފުރަތަމަ މަރުހަލާތައް ނިމިފައިވާ ކަމަށާއި، ސަރުކާރުން އިއުލާންކޮށްފައިވާ އެސްއީޒެޑްގެ ބޮޑެތި މަޝްރޫއުތަކުގެ މަސައްކަތްތައް ވެސް މާ ގިނަ ދުވަހެއް ނުވެ ފެށޭނެ ކަމަށެވެ.

"ފްރީ ޒޯން އޭރިއާއެއް ހަދައި އެކަމަށް ކުންފުންޏެއް ވެސް މިހާރު އެ އޮތީ، އެ ކުންފުންޏަށް އިހަވަންދިއްޕޮޅުން ބޮޑު ދެ ފަޅެއް އެ އޮތީ ދީފައި، ދެތިން މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމަށް އަޅުގަނޑުމެން މި ދަނީ ތައްޔާރުވަމުން." މިނިސްޓަރު ވިދާޅުވި އެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ބަންކަރިންގެ ހިދުމަތްތައް ދިނުމާއި މުދާ ގެނެސް ބަހައްޓާ ގުދަން ކުރާ ޖާގަ ދިނުމަށް ބޭނުންވާ ތަންތަން ވެސް ހެދިގެން ދާނެ ކަމަށް މިިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މީގެއިތުރުން ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު ކަންކަން ވެސް ކުރަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެކަމުގައި ބޮޑެތި ފަންޑުތަކުގެ އެހީއަށް އެދޭއިރު މާލީގޮތުން ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅުން މުހިއްމު ކަމަށެވެ. އަދި ރޭޓިން އެނމެ ރަނގަޅު ނޫން ކަމުގައި ވިއަސް ބޭންކުތަކުގެ ފުރިހަމަ އެއްބާރުލުން ލިބުމަކީ ފެހި ސިގްނަލެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް