ads
ހޯމް މިނިސްޓަރު އަލީ އިހުސާން މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ
ރާގު ބަދަލުވެ، ރަޝީދުގެ މަރުގައި އިހުމާލެއް ނެތް ކަމަށް ވިދާޅުވެއްޖެ
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ބެލިބެލުމުގައި ފުލުހުންގެ މައްސަލައެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ރަޝީދު މަރުވީ ފުލުހުންގެ ބަންދަށް އޭނާ ގެންދިޔަތާ ގިނަ އިރުތަކެއް ނުވަނީސް ހުވަދު އަތޮޅުގައެވެ. 2022 ވަނަ އަހަރު ފަހުކޮޅު ހިނގި މި ހާދިސާއަކީ ހުވަދު އަތޮޅުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރޭގައި ހިނގި ކަމެކެވެ. 

ރަޝީދު މަރުވީ އޭނާ މެޔަށް ތަދެއް އެރުމުން ފަރުވާ ދިނުމަށް ފުލުހުން އިންކާރު ކުރުމުން ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ. ފުލުހުންގެ ލޯންޗެއްގައި އެ ދުވަހު ގދ. މަޑަވެލީގެ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހުސާން ވިދާޅުވީ، މައްސަލައާ ގުޅިގެން ފުލުހުންގެ އޮޕަރޭޝަނަލް މައްސަލައެއް އޮތްތޯ ފުލުހުންގެ ތެރެއިން ބަލާފައިވާނެ ކަމަށާއި އެފަދަ މައްސަލައެއް ފާހަގަނުވާ ކަމަށެވެ. 

އިހުސާން މިހެން ވިދާޅުވީ، މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ. ފިރުޝާން ސުވާލު ކުރެއްވީ މި މައްސަލައިގައި ދައުވާ ކުރުން ލަސްވަނީ ކޮން ސަބަބަކާ ގުޅިގެންތޯ ބެލުމަށެވެ.

"މިހާތަނަށް ބެލި ބެލުމުން އަޅުގަނޑުމެންނަކަށް ފާހަގަވެފައެއް ނެތް ފުލުހުން އެ އޮޕަރޭޝަންގައި އެވަގުތު އަމަލު ކޮށްފައި އިން ގޮތުގެ މައްސަލަތަކެއް. އެހެންނަމަވެސް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ފާހަގަކުރާ ނަމަ ވަގުތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނަން،" އިހުސާން ވިދާޅުވި އެވެ.

އިހުސާން މިހެން ވިދާޅުވިޔަސް، ރަޝީދު ނިޔާވީ ފުލުހުންގެ އިހުމާލުން ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ނިންމައި، ފުލުހުންނާ ދެކޮޅަށް ދައުވާ ކުރަން ތައްޔާރުވެއްޖެ ކަމަށް ކުރިން ރިޕޯޓްތައް ފެތުރުނެވެ. 

ރަޝީދު މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް، ހާދިސާ ހިނގި އިރު، އެ ހާދިސާ ހިނގި ސަރަހައްދާ މާދުރު ނޫން ހިސާބެއްގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސެން ފިރުޝާންވަނީ ވިދާޅުވެފައެވެ.

ރަޝީދު ހައްޔަރު ކުރީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލައެއްގަ އެވެ. ގދ. އަތޮޅުގައި ފުލުހުން ކުރިއަށްގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހޯޑެއްދޫގެ ވަލުތެރޭ ވަޅުލާފައި ހުއްޓައި ފެނުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގުޅިގެން ހޯޑެއްދޫގެ އިތުރު ތަންތަންވެސް ފުލުހުން ވަނީ އޭރު ބަލައި ފާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް