ads
ފަތުރުވެރިންތަކެއް ވީއައިއޭގައި - ފޮޓޯ: އެޓޯލް ޓައިމްސް
500،000 ފަތުރުވެރިންނާއެކު މި އަހަރުގެ ޓާގެޓުގެ %25 ހާސިލްވެއްޖެ
މި ހަފްތާގެ ބުދަވަހުގެ ނިޔަލަށް 500،000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށް، މި އަހަރަށް ކަނޑައަޅާފައިވާ ފަތުރުވެރިންގެ ޓާގެޓުގެ 25 އިންސައްތަ ހާސިލްވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 524،339 ފަތުރުވެރިން އައިސްފައިވާ ކަމުގަ އެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓޫރިޒަމް ޓާގެޓުގެ 25 އިންސައްތަ މިހާރު ހާސިލްވެފައިވާ ކަމަށާއި، މި ކާމިޔާބު ހާސިލްވީ ކުރިން ލަފާކުރި ވަރަށް ވުރެ އަވަހަށް ކަމަށެވެ.

"މިއީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ކުރިއަށް އޮތް ތަނުގައި ވެސް ފަތުރުވެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 6،600 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ކަމަށެވެ. މި އަހަރުގެ މާޗު މަހުގެ 1 އިން 19 އަށް 114.562 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 113،484 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 5 ގައުމު

  • ޗައިނާ
  • ރަޝިއާ
  • އިޓަލީ
  • އިނގިރޭސި ވިލާތް
  • ޖަރުމަނު

ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް ފަތުރުވެރިކަމުގެ އާ ރެކޯޑެއް ގާއިމްކުރުމަށެވެ.

އަދި މި އަމާޒު ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓް ކުރުމަށްޓަކައި މިއަހަރުތެރޭ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް