ads
ޗައިނާ ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފޮޓޯ: އެމްއޭސީއެލް
އަހަރުގެ މިހާތަނަށް 70000 އަށްވުރެ ގިނަ ޗައިނާ ފަތުރުވެރިން
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 70000 އަށްވުރެ ގިނަ ޗައިނާ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި ޗައިނާއަކީ ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ޑެއިލީ އަޕްޑޭޓް ރިޕޯޓުން ދައްކާ ގޮތުގައި މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 71136 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ. މިއީ މި އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 10.9 އިންސައްތަ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތައް:

ޗައިނާ: 71136

ރަޝިއާ: 65898

އިނގިރޭސިވިލާތް: 65731

އިޓަލީ: 60709

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 650404 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 572748 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 13.6 އިންސައްތައިގެ އިތުރުވުމެކެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6570 ފަތުރުވެރިން އަންނަ ކަމަށާއި، ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް ހަފްތާއެއް ހޭދަކުރާ ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެ އެވެ.

ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް ފަތުރުވެރިކަމުގެ އާ ރެކޯޑެއް ގާއިމްކުރުމަށެވެ. އަދި މި އަމާޒު ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓް ކުރުމަށްޓަކައި މިއަހަރުތެރޭ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް