ads
އެމްއެމްއޭ ގަވަރުނަރު އަލީ ހާޝިމް———
މިއަދުވެސް ގަވަރުނަރު ހާޒިރެއްނުވި، މާދަމާ އަށް ދައުވަތު ފޮނުވައިފި
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން މަސައްކަތް ފެށުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވާން ގަވަރުނަރަށް އަންގައިފައިވަނިކޮށް، މިއަދު ވެސް ކޮމިޓީއަށް ހާޒިރު ނުވެވޭނެކަމަށް އަންގައިފި އެވެ.
Advertisement

ކޮމިޓީގެ މުގައްރިރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ، އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ބައްދަލުވުމަށް ވެސް ވަޑައިނުގެންނެވޭ ކަން އަންގަވާފައިވާ ކަމަށެވެ. ކޮމިޓީ މިއަދަށް ޝެޑިއުލްކުރީ، އިއްޔެ ހާޒިރުނުވެވޭނެ ކަން އެންގެވުމުންނެވެ.

ގާސިމް ހުށަހެޅުއްވީ، މާދަމާ ވެސް ކޮމިޓީ ބައްދަލުވުމެއް ބާއްވައި ގަވަރުނަރަށް ދައުވަތު ދެއްވުމަށެވެ. އެ ހުށަހެޅުއްވުމަށް މެމްބަރުން ތާއީދުކުރެއްވި އެވެ.

"އަޅުގަނޑުގެ ސަޖެޝަންއެއް އެބައޮތް. ތިން ވަނަ ދުވަހެއް، މާދަމާ އަނެއްކާ ވެސް 11:00އަށް ދަންނަވާފައި، ދެން ވަޑައިނުގެންނެވިއްޖެއްޔާ ރިޕޯޓުގެ މައްޗަށް ބަލާފައި އަޅުގަނޑުމެން ނިންމުމެއް ނިންމުން،" ގާސިމް ވިދާޅުވި އެވެ.

އެ ހުށަހެޅުމަށް ތާއީދުކޮށް، ކޮމެޓީން ފާސްކުރީ މާދަމާ 11:00 ޖަހާއިރު ކޮމެޓީއަށް ހާޒިރުވާން ގަވަރުނަރަށް އެންގުމަށެވެ.

އިތުރަށް ކިޔާލަން: ސަރުކާރެއް އަންނަ ގޮތަށް ގަވަރުނަރު ބޭރުކުރުން ؛ މިވަނީ ކިހިނެއް؟

އަލީ ހާޝިމް، ގަވަރުނަރުގެ ޒިންމާ އަދާނުކުރައްވާ ކަމަށް ތުހުމަތު ކުރެއްވީ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެވެ. އެއީ ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގެ ބަހުސްގެ ތެރެއިންނެވެ. 

ނާޒިމް ވިދާޅުވީ، ބޭންކުތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ވެސް ނުސީދާ ގޮތެއްގައި ހިފަހައްޓައި، ބޭންކްތަކުގެ ރިޒާވް އެއްވަރެއްގައި ހިފަހައްޓަން ހާޝިމް ލަފާދެއްވާފައިވާ ކަމަށާއި އެ ކަމުގެ ސަބަބުން އިގުތިސާދުގައި ދައުރުވާ ފައިސާ މަދުވެފައިވާ ކަމަށެވެ.

އަދި ސަރުކާރުން ވެސް މިހާރު ޑޮމެސްޓިކް މާކެޓުން ފައިސާ ހޯދާއިރު އެ މާކެޓު ރަނގަޅަށް ރެގިއުލޭޓު ކުރާތަން ނުފެންނަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ކޮމިޓީއަށް ހާޒިރުވެވަޑައި ނުގެންނެވި ނަމަވެސް، ހާޝިމް ވަނީ އޭނާއަށް ޒިންމާ އަދާނުކުރެވޭނެ ކަމަށް މަޖިލީހުން ފާހަގަަކުރި ކަންކަމަށް ޖަބާވުދާރީވެ، މަޖިލީހަށް ލިޔުމުން ޖަވާބެއް ފޮނުއްވާފަ އެވެ.

އެގޮތުން ރާއްޖެ އިގުތިސާދީ ކާރިސާއަކަށް ދިޔަ ނުދިނުމަށްޓަކައި މަރުކަޒީ ބޭންކު، އެމްއެމްއޭ އާއި އެހެން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދެމުންދިޔަ އިރުޝާދުތަކާއި ލަފާތަކަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން އަހަމިއްޔަތުކަން ދީފައި ނުވާ ކަމަށް ހާޝިމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް