މިދިޔަ ހޯމަ ދުވަހު ހަސީނާ އިސްތިއުފާ ދެއްވީ މީގެ މަސް ދުވަސްކުރިން ދަރިވަރުން، ސިވިލް ސާވިސް ވަޒީފާގެ ކޯޓާގެ މައްސަަލައިގައި ފެށި މުޒާހަރާތައް ހޫނުވަމުން ގޮސް މުޅި ގައުމުގައި ހަމަނުޖެހުން އުފެދުނު ފަހުންނެވެ. ހަސީނާ ގައުމު ދޫކޮށް ފިއްލެވީ މުޒާހަރާގެ ބައިވެރިން ހަސީނާގެ ގެކޮޅަށް ވަންނަން ދިމާކޮށްލުމުންނެވެ.
އަސްކަރީގެ ބެލުމުގެ ދަށުން ވަގުތީ ސަރުކާރެއް އެކުލަވާލައި މިހާރު ވަނީ މުޅި ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި ބަންގްލާދޭޝްގައި 15 އަހަރު ވަންދެން ވެރިކަންކުރި ޝައިހު ހަސީނާގެ ވެރިކަން ނިމުމަކަށް ގެނައުމާ އެކު ދެ ވަނަ ފަހަރަށް ގައުމު މިނިވަން ވެއްޖެ ކަމަށާއި ނަސްރުގެ ދުވަހެއް ވެސް ދެ ވަނަ ފަހަރަށް ލިބިފައިވާ ކަމަށް ވިދާޅުވެ ވަގުތީ ސަރުކާރުގެ ވެރިޔަކަށް މިހާރު ހުންނެވީ މުހައްމަދު ޔޫނުސް އެވެ.
ހަސީނާ ކުއްލިގޮތަކަށް އިންޑިޔާއަށް ވަޑައިގެންނެވުމުގެ ކުރިން އޭނާ އިސްތިއުފާ ދެއްވާފައިވާ ކަން އިއުލާނު ކުރެއްވީ އަސްކަރިއްޔާގެ އިސް ކޮމާންޑަރު, ޖެނެރަލް ވާކިރު އަލް-ޒަމާނެވެ.
ބަންގުލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީން ގާނުންހަދާ މަޖިލީސް އުވާލެއްވި ނަމަވެސް، ހަސީނާ އަކީ އަދިވެސް އެ ގައުމުގެ ބޮޑުވަޒީރު ކަމަށް ހަސީނާގެ ފިރިހެން ދަރިކަލުން ސަޖީބު ވަޒީދު ޖޯއީ އަންނަނީ ވިދާޅުވަމުން ނެވެ.
ބަންގުލަދޭޝްގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އިސްތިއުފާ ދެއްވަން ހަސީނާ ވިސްނެވި ކަމަށް ދަރިކަލުން ސަޖީބު ވިދާޅުވި އެވެ. އެކަމަކު އިސްތިއުފާގެ ލިޔުން ތައްޔާރުކުރުމުގެ ކުރިން މުޒާހަރާކުރި މީހުން ރިޔާސީ ގަނޑުވަރަށް ވަދެގަތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހަސީނާ އަކީ ގާނޫނީ ހަމަތަކުގެ މަތިން ބަންގުލަދޭޝްގެ ބޮޑުވަޒީރުކަން ކޯޓުގައި ވެސް ސާބިތުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާބާދީ 170 މިލިއަނަށްވުރެ ބޮޑު ބަންގްލާދޭޝްގެ ވެރިކަމުން 76 އަހަރުގެ ހަސީނާ އިސްތިއުފާ ދެއްވުމަށް ފަހު ހަސީނާ މިހާރު އިންނެވީ އިންޑިއާގައި، އަސްކަރީ ހިމާޔަތުގަ އެވެ. ހަބަރުތައް ބުނާ ގޮތުން ހަސީނާގެ ވިސްނުމަކީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދެވުމެވެ.
ބަންގްލަދޭޝްގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ހަސީނާ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ހެލިކޮޕްޓަރެއްގައި ފުރާވަޑައިގަތީ އެ ގައުމުގައި މުޒާހަރާ ކުރާ މީހުން ރިޔާސީ ގަނޑުވަރާ ހަމައަށް ކައިރިވެ ގަނޑުވަރަށް ގާއުކަން ފެށުމުން ގޮތް ހުސްވެގެންނެވެ.
ބަންގްލާދޭޝްގައި އެތައް އަހަރެއް ވަންދެން ވެރިކަމުގައި ހުންނެވި ޝައިހު ހަސީނާގެ ވެރިކަން ނިމުމަކަށް ގެނައުމަށް މުޒާހަރާކުރި މީހުން އެ ގައުމުގެ އުއްތަމަ ފަނޑިޔާރު އުބައިދުލް ހަސަންގެ އިސްތިއުފާ އަށް ގޮވާލައި މުހުލަތެއް ދިނުމާ އެކު މަގާމު ދޫކޮށްލެއްވުމަށް އެއްބަސްވެވަޑައިގެންފަ އެވެ.
އެތައް މިލިއަން ބަޔަކު މުޒާހަރާގައި ބައިވެރިވި އިރު ގިނަ މީހުން ސުލްހަވެރިކަމާ އެކު ތިބި ނަމަވެސް ހަމަނުޖެހުން ހިންގި މީހުން ހަސީނާގެ ރަސްމީ ގެކޮޅުގެ އިތުރުން އޭނާގެ ޕާޓީ އަވާމީ ލީގުގެ އޮފީހަށް ވެސް ވަދެ އެތަނަށް ވެސް ވަނީ ގެއްލުން ދީފަ އެވެ. އަދި ޕޮލިސް ސްޓޭޝަންތަކުގައި ވެސް ހުޅުޖެހި އެވެ.
ހަސީނާ އާއި އަވާމީ ލީގަށް ތާއީދުކުރާ ކަމަށް ބެލެވޭ މީސްމީހުންގެ ފިހާރަތަކާއި ގެތަކަށް ވެސް ގެއްލުން ދީފައިވެ އެވެ.
ސިވިލް ސާވިސްގެ ވަޒީފާ ދިނުމުގައި ގެންގުޅޭ އުސޫލާ ދެކޮޅަށް ފެށި މުޒާހަރާތައް ހޫނުވެ، މުޒާހަރާގައި މަރުވި މީހުންގެ ޖުމްލަ އަދަދު 300 އަށް ވަނީ އަރައިފަ އެވެ.