ސަންޑޭޓައިމްސް އިން ބުނީ ރާއްޖޭގެ އިގްތިސާދީ ގޮންޖެހުންތަކާއި އެކު ބޭރުގެ ދަރަނީގެ ރިސްކް ބޮޑުވުމުން ހާރިޖީ ސިޔާސަތުގައި އިސްކަންދޭ ކަންކަން އަލުން ވަޒަން ކުރަން މަޖުބޫރުވެފައިވާކަމަށެވެ.
އިގްތިސޯދީ ގޮންޖެހުންތައް ކުރިމަތިވެ ސަރަހައްދީ ބާރެއް ކަމަށްވާ އިންޑިއާއާ އޮންނަ ގުޅުމަށް ރާއްޖެއިން އަލުން ސަމާލުކަން ދޭން ޖެހިފައިވާކަމަށް ސަންޑޭ ޓައިމްސްއިން ބުނެ އެވެ. އެގޮތުން ދާދިފަހުން އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރިއަށް ދިޔަ ދިފާއި މަޝްވަރާތަކަކީ ދެގައުމުގެ ގުޅުމަށް ބޮޑު ބަދަލެއް އައި ކަމެއްކަމަށް އެ ނޫހުން ފާހަގަކުރި އެވެ.
އިންޑިއާއިން ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން އަނބުރާ ގެންދިޔަ ފަހުން ފުރަތަމަ ފަހަރަށް ބޭއްވި މަޝްވަރާތަކުން އެމީހުންގެ ސްޓްރެޓެޖިކް ޕާޓްނަޝިޕްގެ މުހިންމުކަން ހާމަވެގެން ދިޔަކަމަށް ސަންޑޭޓައިމްސް އިން ބުނެ އެވެ. އަދި ދިފާއީ މަޝްވަރާތައް އަލުން ފަށާފައި މިވަނީ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން ރަނގަޅު ނޫން ދަނޑިވަޅެއްގައިކަމަށްވެސް އެ ނޫހުން ބުންޏެވެ.
ރާއްޖޭގެ ސްޓްރެޓެޖިކް ލޮކޭޝަނާއި އެކު ބޭރުގެ ނުރައްކާތެރިކަން ކުރިމަތިވުމަކީ އިންޑިއާއަށް ރާއްޖެ މުހިންމު ބައިވެރިއަކަށް ވެގެންދާނެކަމެއްކަމަށް ވެސް އެ ނޫހުން ފާހަގަކުރެ އެވެ. އެގޮތުން ރާއްޖެއާ އެކު އޮންނަ ދިފާއީ ގުޅުން ބަދަހިކޮށްގެން އިންޑިއާގެ ސަލާމަތީ މަސްލަހަތު ސަރަހައްދުގައި ކަށަވަރު ކުރެވޭނެ ކަމަށްވެސް ސަންޑޭޓައިމްސްއިން ފާހަގަކުރެ އެވެ.
އަދި އިންޑިއާއާއި ރާއްޖެއާ ދެމެދު މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ މަގްސަދަކީ ކުރިން އެދެފަރާތުގެ ގެ ގުޅުމުގެ ސިފައެއް ގޮތުގައި އޮތް އިތުބާރާއި އެއްބާރުލުން އަލުން ބިނާކުރުންކަމުގައި އެ ނޫހުން ބުންޏެވެ.
ރާއްޖޭއިން ބޭރު ގައުމުތަކަށް ދަރަނި ދެއްކޭނެކަމުގެ ގާބިލްކަން ދުވަހެއް ދުވަހަކަށް ޔަގީންކަން ނެތޭއިރު ރާއްޖޭގެ އިގްތިސާދާއި އިންޑިއާއާ އޮންނަ ގުޅުމަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ބެލެވޭކަމަށް ވެސް ވަނީ ބުނެފަ އެވެ.
އިންޑިއާ ސަރުކާރުން ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ގާތުން ބަލަމުން ގެންދާއިރު ރާއްޖެއަށް އެގައުމަށް އެހީތެރިވުމަށް އިންޑިއާއިން އިތުރު މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހިދާނެ ކަމަށް ސަންޑޭ ޓައިމްސްއިން ބުނެ އެވެ. އަދި އެކުގައި މަސައްކަތްކޮށްގެން އިންޑިއާ އާއި ރައްޖެއަށް އަށް ގުޅުން ބަދަހިކޮށް މިހާރަށްވުރެ ރައްކާތެރި އަދި ތަނަވަސް މުސްތަގުބަލެއް ބިނާކުރެވޭނެ ކަމަށް ސަންޑޭ ޓައިމްސްއިން ރިޕޯޓް ކުރެއެވެ.
- އިތުރަށް ކިޔާލަން: އިންޑިއާ އަކީ ރާއްޖޭގެ ގާތް އެކުވެރިޔެއް، އަދި އަގު ނުކުރެވޭ ބައިވެރިއެއް: ރައީސް
ރައީސް މުއިއްޒުގެ ވެރިކަމުގެ އެންމެ ކުރީކޮޅު ރާއްޖެ އާއި އިންޑިއާގެ ގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވި ނަމަވެސް މިހާރު ވަނީ އެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ. ދާދިފަހުން ރައީސް މުއިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމުގެ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާއަށް ވެސް ވަޑައިގެންފަ އެވެ. މިއީ އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.
އެ ދަތުރުފުޅުގައި ދެ ބޭފުޅުން ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރެއްވި އެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ގުޅުން ރަނގަޅު ކަމަށާއި އެ ގުޅުން އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށް ދެ ގައުމުގެ ސަރުކާރުން ވެސް ވަނީ އޭރު ބުނެފަ އެވެ.