ads
އެކްސިޑެންޓްގައި ޒަހަމްވި މީހަކަށް ފަރުވާދޭން ގެންދަނީ / ފޮޓޯ: ސޯޝަލް މީޑިއާ
ބާރު ސްޕީޑުގައި ދުއްވުން: ސަޅިކަމެއް ނޫން، އެއީ ބަލި މަޑުކަމެއް!؟
" އައްދައްޔޯތް..! ކޮށްކޯ ކިހިނެއްތަ ތިހެދީ!؟.. ދައްތަގެ އަތޭތި ބިންދާލީ..! ތަންކޮޅެއް ބަލާލައިގެން، މަޑުން ދުއްވަބަލަ..!، އެހެން މީހުންނަށްވެސް ބަލާލައިގެން ސައިކަލް ދުއްވަބަލަ..! މިއީ އުމުރުން ދުވަސްވީ ދައްތައެއްގެ ރުއިމާއި ވޭނީ އާދޭހުގެ އަޑެވެ. މަގުގެ އެއްފަރާތުން، ދުވާރުމަތިން ރީތިކޮށް ހިނގާލާފައި ދިޔަ ދައްތަކެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން ޖައްސާ އެ ދައްތަ މަގުމައްޗަށް ވައްޓާލުމުން ރޮއެ ގިސްލަމުން، ކީ ބަނދިވަރުތަކެކެވެ.
Advertisement

މުއްގަނޑު ފެލާލާފައި، ދުއްވާ ވެހިކަލްތަކަކީ މިއަދު މި ގައުމުގެ ރައްޔިތުންނަށް އޮތް ބޮޑު ނާމާންކަމަށާއި ބިރުވެރިކަމަކަށް މިވަނީ ވެފަ އެވެ. މަގުތައް މައްޗަށް އަމާންކަމާއި އެކު ނިކުމެލެވެން ނެތްއިރު، ސަލާމަތުން އެނބުރި ގެއަށް ވަދެވޭނޭ ކަމާއި މެދުވެސް މިވަނީ ސުވާލު އުފެދިފަ އެވެ. 

ތުއްތު ދަރިފުޅު ގޮވައިގެން ހަވީރު ފިންޏަށް ހިނގާލަން، ބުރުޖަހާލަން ނިކުމެ، ސަލާމަތުން އެނބުރި ގެއަށް އާދެވޭނޭ ކަމުގެ އެއްވެސް އުންމީދެއް ނޯވެ އެވެ. ދަރިފުޅު ސްކޫލަށް ލާން ގޮސް އެނބުރި ގެއަށް އާދެވޭނޭ ކަމުގެ އެއްވެސް އުންމީދެއް، ޔަގީންކަމެއް ނޯވެ އެވެ. ގައުމުގެ ރައްޔިތުން އުޅެން ޖެހިފައި މިވަނީ މިފަދަ ބިރުވެރި، ނާމާކަމުން ފުރިގެންވާ ވެއްޓެއްގަ އެވެ.

"ހުޅުމާލޭގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރަކުން ޖެހި މީހަކު މަރުވެއްޖެ އެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ސައިކަލެއްގައި ޖެހިގެންނެވެ. ރޭ ދަންވަރު ހިނގި މި އެކްސިޑެންޓްގައި މަރުވެފައިވަނީ ސައިކަލް ދުއްވަން އިން މީހާ އެވެ. މި އެކްސިޑެންޓްގައި އަނިޔާވި މިހާ މަރުވެފައިވަނީ އެކްސިޑެންޓް ހިނގުމުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގަ އެވެ."
"މިދިޔަ ބުދަދުވަހުގެ ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި އަނިޔާވި 21 އަހަރުގެ ޒުވާނާއަށް ފަރުވާ ދެމުންދަނިިކޮށް މަރުވެއްޖެ އެވެ. ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްގައި ޒަހަމްވެ ފަރުވާދެމުން ދަނިކޮށް މަރުވި އުމުރުން 21 އަހަރުގެ މުހައްމަދު ލީވާން އެވެ. ލީވާން އަކީ މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ޒުވާނާ އެވެ. ލީވާން މަރުވީ އެކްސިޑެންޓަށް ފަހު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ."

މަތީގައި މި ފާހަކޮށްލީ ދާދި ފަހުން ވަރަށް ގާތްގާތުގައި ހިނގާދިޔަ ނުރައްކާތެރި، ދެ އެކްސިޑެންޓްގެ ވާހަކަ އެވެ. ދެ ޒުވާނެއްގެ ފުރާނަ ގެއްލިގެން ދިޔަ ހިތާމަވެރި ހާދިސާގެ ވާހަކަ އެވެ. އުންމީދުން ފުރުގެންވާ ދެ ޒުވާނުންނެވެ. މުސްތަގުބަލުގައި ކުރި ފޮނި އުންމީދުތަކުގެ ކުލަވަރު ނުޖެހެނީސް، "ބާރު ސްޕީޑު"ގެ ސިކާރައަކަށްވެ މި ފަނާވަނިވި ދުނިޔެއާ އަލްވަދާއުކިޔަން ޖެހުނީ އެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.

މިފަދަ އެކްސިޑެންޓް ތަކުން ގެއްލެނީ ހަމައެކަނި ފުރާނައެއް ނޫނެވެ. ދިރިތިބި އެތަކެއް އާއިލާއެއް ބިކަވެ، ނިކަމެތިވެގެންވެސް ދެއެވެ. ބަލިމަޑުކަމުގައި ބާރު ސްޕީޑުގައި، މުއްގަނޑު ފެލާލާފައި، ،މަގުތަކުގެ ހޭބޯ ނާރާ ދުއްވުމުގެ ސަބަބުން، އިއްޔެ މެންދުރު ގަދަވެ ސަލާމަތުން ތިބި އެތައް ބައެއް މިއަދު ބަލި އެނދުގައި، އަނެއްބަޔަކު އަސާގަނޑުގެ އެހީގައި، އަނެއް ބަޔަކު ފުރޮޅުލީ ގޮނޑީގައި ތިބޭމަންޒަރު ފެންނަނީ މަދެއްކޮށެއް ނޫނެވެ.

ތަފާސްހިސާބިތައް ދައްކާ ގޮތުގައި މިފަދަ އެކްސިޑެންޓްތައް ގިނައިން ހިނގާފައި ހުންނަނީ ނޫކަށި ފުރައިގެ ޒުވާނުންގެ "ބާރު ސްޕީޑު"ގެ އިހުމާލުންނެވެ. ބާރަށް ވެހިކަލް ދުއްވުމުގެ ސަބަބުން ހިނގާ މިފަދަ އެކްސިޑެންޓުތަކުގައި ހައްޔަރުކުރެވި އަދަބު ދެވިފައި ހުންނަނީ ވެސް ގިނައިން ޒުވާނުންނަށެވެ. 

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލައިރު، މި އަހަރުގެ މިހާތަނަށް، ޖުމުލަ 1951 ޓްރެފިކް އެކްސިޑެންޓް ހިނގާފައިވެ އެވެ. އެއީ ނިމިދިޔަ 2023 ވަނަ އަހަރު ހިނގި އެކްސިޑެންޓް ތަކަާއި އަޅާ ބަލާއިރު، އެތައް ގުނައެއް އިތުރު އަދަދެކެވެ. އޭގެ ތެރެއިން ގިނަ އެކްސިޑެންޓު މާލެ ސަރަހައްދުގައި ހިނގިއިރު 125 މީހަކަށް އަނިޔާވެ، ފަސް މީހަކު މަރުވި އެވެ.

މި އަހަރު އެންމެ ގިނަ އެކްސިޑެންޓް ހިނގާފައި ވަނީ މާޗު މަހު އެވެ. އެ މަހު އެކަނި 300 އަށް ވުރެ ގިނަ އެކްސިޑެންޓެއް ރާއްޖޭގައި ހިނގި އެވެ. އެހެން މަސްތަކުގައި އެވްރެޖްކޮށް 200 އަށް ވުރެ ގިނަ އެކްސިޑެންޓް ވަނީ ހިނގައިފަ އެވެ. ގިނަ އެކްސިޑެންޓުތައް ހިނގަން މެދުވެރިވެފައިވަނީ ގަވާއިދާއި ހިލާފަށް "ބާރު ސްޕީޑު"ގައި ދުއްވުމުގެ ސަބަބުންނެވެ.

your imageއެކްސިޑެންޓްވި ކާރެއް: ޓްރެފިކް ގަވައިދުތައް ތަންފީޒުކުރަން ގިނަ އަދަދެއްގެ ފުލުހުންނާއި ވަގުތު އެކަމަށް ބޭނުންވޭ

ރާއްޖޭގައި އެކްސިޑެންޓް ތައް ހިނގުމަށް ދިމާވާ އެންމެ މައިގަނޑު ސަބަބަކީ ސްޕީޑް ބާރުކޮށް ވެހިކަލް ދުއްވުމެވެ. އެއީ އެންމެންވެސް ގަބޫލުކުރާނެ ހަގީގަކެވެ. ދެން އުފެދޭ ސުވާލަކީ އާންމު މިންގަނޑުތަކާއި ހިލާފަށް ސްޕީޑް ބާރުކޮށް ދުއްވައިގެން ކުށްވެރިވެގެން ގާނޫނުގެ ކުރިމައްޗަށް ގެންނަ މީހާއަށް އެއްވެސް އަދަބެއް ނުލިބި، އަނެއް ދުވަހު ހަމަ އެއަށްވުރެ ބާރަށް ދުއްވަން ފުރުސަތު ލިބެނީ ކީއްވެބާވަ އެވެ.

"މިހާރު އުޅޭ ޒުވާނުން ދުވާލުދާ ހަތަރު ދަމު ނިދާފަ އިރު އޮއްސޭއިރު ހޭލައިގެން ސައިކަލައް އެރޭ އިރު ހުންނަނީ ވަގުތު ކުޑަތަން ވެފަ ރައްޓެއްސަކައް ގުޅާފަ ބުނާނެ ކައެ ކޮންތާކު؟؟ ކޮފީއެއް ބިންދާލެވޭކައް ނެތްތަ؟؟ކޮފީ ލިބޭނެކަން ޔަގީން ވުމުން ސައިކުގެ މުއްގަންޑު އިރާފަ ދުއްވާނީ. ގަވާއިދުން މިހާރުވެސް ދުއްވާފަ ދާއިރު ބާރަށް ދުއްވާފަ ނުބައިފަޅިން އަރާމީހުން ވަގުތުން ބިޑި އަޅުވާ ޖަލައް 50 ދުވަހައް ލެވޭ ގޮތައް ގާނޫނަށް ބަދަލު ގެނެސް ތަންފީޒު ކުރުން ލަސް ވެއްޖެ.. .؟" 
" ބޭބެއަށް އެނގޭތަ އަސްލު މިވާގޮތް. ވަރަށް ފަހުން ދޯ ދެ އެކްސިޑެންޓް ހިނގާ ދެ ޒުވާނަކު އެ މަރުވީ. މިހާރު ޕޮލިހުން އެ އުޅެނީ މަގުތަކަށް ނުކުމެ ބާރަށް ދުއްވާ މީހުން ހޯދާށޯ..ހެހެހެ.. މީ ދެން ޖޯކެއްދޯ. ފުއްޕާފަ އުޅޭނެ ދުވަސްކޮޅެއް ވަންދެން ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވަން. ދެން ތި މައްސަލައިގަ ބަންދުކުރި މީހުންވެސް ފެންނާނީ ދޫކޮސްލާތަން، ފުލުހުންވެސް ނޫޅޭނެ މަގުމައްޗަކު. މީ ނޫންތޯ މި ގައުމުގައި ކަންތައް ހިނގާ ގޮތަކީ.؟"
" ކޮށްކޮއަށް އެނގޭތަ. މަގުތަކުގައި ބާރުބާރަށް ކާރާއި ސައިކަލް ތި ދުއްވާ މީހުންނަކީ ހަމަ އެއް ބައެއް. އެމީހުން ތިބެނީ ފާޑެއްގެ ބަލިމަޑުކަމެއްގެ ތެރޭގަ. ދެން ހެޔޮ މީހެއްގެ ފުރާނަ ދިޔަސް، ރަންބުއްދިވެގެން ދުއްވާ ނަގާނެ."

މިއީ ރާއްޖޭގައި މި ހިނގާ އެކްސިޑެންޓާއި ގުޅޭ ގޮތުން މަގުމަތިން ކޮށްލި ސުވާލަކަށް ބައެއް އާންމުން ދީފައިވާ ޖަވާބެވެ. ބާރު ސްޕީޑުގައި ދުއްވުން، ކަމާބެހޭ އިދާރާތަކުން ހުއްޓުވައި ދިނުމަށް މިއަދު ވަރަށް ގައުމު އެދެއެވެ. އަދި ބާރު ސްޕީޑުގައި ދުއްވުމަކީ ތިމާ އާއި އެހެން މީހުންނަށް ވެސް ހުރި ނުރައްކަލެއްކަން ގަބޫލުކޮށް، އަމިއްލަ ޒިންމާ އަދާކުރުމަށް ގައުމުގެ ދުލުން އެދި އެބަ ގޮވަ އެެވެ.

your imageހުޅުމާލޭގައި ޓްރެފިކް ބަލަހައްޓަން ފުލުހަކު ހަރަކާތްތެރިވަނީ: އެކްސިޑެންޓްތައް އިތުރުވާން ފެށުމުން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައި --- ފޮޓޯ/ޕޮލިސް

ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދުގައި އެންމެބާރުމިނުގައި އުޅަނދު ދުއްވޭނީ ކިހާ ބާރު ސްޕީޑެއްގައިކަން ކަނޑައެޅި ބަޔާންވެގެންވާއިރުވެސް، އެވަރަކުން ނުފެދެ އެވެ. ޒުވާނުންނަށް ސްޕީޑު ބަރުކޮށް ދުއްވުމަށް އެއްވެސް ލިމިޓެއް ބޭނުން ނުވާކަހަލައެވެ.

އެކަމުގެ ނަތީޖާއެއްގެ ގޮތުން އެކްސިޑެންޓުތައް ގިނަވެ، އެތައް ބައެއްގެ ފުރާނަ ގެއްލި، އެތަކެއްގެ ބައެއް ދާއިމީ ނުކުޅެދުންތެރިކަމަށް ގޮސްފައިވަނީ މަދަކުން ނޫނެވެ.

އެކްސިޑެންޓުތަކުގައި އުޅަނދު ދުއްވާ މީހުން ކަމާއިބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ނުވަތަ ހައްޔަރަށް ގެނެވުނު ނަމަވެސް ގިނަފަހަަރަށް ހެއްކާއި ގަރީނާ ނެތި ބާރު ސްޕީޑުގައި ދުއްވި ޑްރައިވަރަށް ދައުވާ އެއް ކުރެވޭނެ ފުރުސަތެއް ނެތި ދޫކޮށްލެވޭތަން އަންނަނީ މަދެއްކޮށެއް ނޫނެވެ. މިހެންވުމުގެ ސަބަބުން އަނެއްކާ ވެސް އެފަދަ މީހުން އުޅަނދުތަކަށް އަރައި، ބާރު ސްޕީޑުގައި މަގުތަކުގައި ދުއްވަނީ އެވެ. 

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސްޕީޑު ބާރަށް ސައިކަލް ދުއްވުމަކީ އާދައިގެން ވިސްނުމެއްގައި ހުރެ އެއްވެސް މީހަކު ކޮށްފާނޭކަމެއް ނޫނެވެ. ހަމަ ބުއްދީގެ ނަޒަރަކުން ވިސްނާލައިފި ނަމަ، އެއީ މުޅިން އެހެން ކަމެއްގެ އަލާމާތެއްކަަށް ވުން ގާތެވެ. ބައެއް މީހުން ހީކުރާ ގޮތުގައި މުއްގަނޑަށް ފެލާލާފައި ބާރަށް ދުއްވުމަކީ އެއީ ގަޓުވުމެކެވެ. ނުވަތަ މޮޅު ކަމެކެވެ. އެފަދަ މީހުންނަށް އެހެން ހީވިޔަސް އެއީ ގަޓުވުމެއް ނޫނެވެ. އަދި ކިއެއްތަ އެއީ މޮޅުކަމެއްވެސް ނޫނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ ބޮޑު ބަލިމަޑުކަމެއްގެ އަލާމާތެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް