މިކަން ހާމަ ކުރީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެއްގައި ދިވެހި ބަހާއި ތަރިކައާ ގުޅޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އެވެ.
މިނިސްޓަރު ވިދާޅުވީ ގައުމީ ދިދަ އާއި ދައުލަތުގެ ނިޝާނަށް ވެސް ގާނޫނީ ހިމާޔަތް ބޭނުންވާ ކަމަށެވެ.
މިހާތަނަށް އައިއިރު ވެސް ދައުލަތުގެ ނިޝާނަށް އިންތަކާއި މިންތަކާއި ހަމަތަކެއް ލިޔެވި ގާނޫނެއްގެ ސިފަ އެކަން ކުރެވިފައި ނެތް ކަމަށާ އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ދިވެހި ދިދަ އަށް ހުރިހާ ގޮތަކުން ހިމާޔަތާއި ރައްކާތެރިކަން ދިނުން ހިމެނޭ ކަމަށާއި އަދި ދައުލަތުގެ ނިޝާނާއި ދިވެހިންގެ އިއްޒަތާއި ގުޅިފައި ހުރި މިފަދަ ހުރިހާ މީގެތެރެއިން އަންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ނިންމެވި ކަންކަމުގެ ތެރޭގައި ސަރުކާރުގެ ރަސްމީ އޮފީސްތަކާއި އިދާރާތަކުގައި 24 ގަޑިއިރު ދިވެހި ގައުމީ ދިދަ ނަގައިފައި ބެހެއްޓުން ހިމެނެ އެވެ.
އަދި ވަޒީރުންގެ ގެ އާއި އެ ބޭފުޅުން ބޭނުންކުރައްވާ ކާރުތަކުގައި ވެސް ދިވެހި ގައުމީ ދިދަ ނަގާފައި ބަހައްޓަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ފަހުރުވެރި ދިވެހި ދިދައަކީ ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއި ދުވާލު 24 ގަޑިއިރު ޝަރަފާއި އިއްޒަތާ އެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާންގެ ގޮތުގައި ރައީސް މުއިއްޒު ވަނީ ދިވެހި ގައުމީ ދިދަ ސިފަކުރައްވާފަ އެވެ.