
ހ. މީޓާޒް ފުރަޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 18 ވަނަދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި 10 ދުވަހު ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މެލޭޝިޔާއަށް ގެންދިޔައީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
ޔުމްނުގެ ބޭސްފަރުވާއަށް ސަރުކާރުން ބައެއް ހަރަދުކުރި އިރު ބޮޑެ ބައެއް ހޯދާފައިވަނީ އާއްމުންގެ އެހީތެރިކަމާއި އެކު އެއްކުރި ފައިސާއިންނެވެ.
ޔުމްނުގެ އާއިލާއިން ވަނީ އޭނާގެ ބޭސްފަރުވާއަށް މިހާތަނަށް ކުރި ބައެއް ހަރަދުތަކުގެ ތަފްސީލު އާއްމުކޮށްފައެވެ. އެގޮތުން ބިލްތަކާއި ފައިސާ ޓްރާސްފާކުރި ސިލިޕްތައް ވަނީ އާއްމުކޮށްފައެވެ.
އާއިލާއިން ހާމަކުރި ތަފްސީލުތަކަށް ބަލާއިރު ޔުމްނު މެލޭޝިޔާއަށް ގެންދިޔުމަށް އެއާލިފްޓަށް 143،0005 (އެއް ލައްކަ،ސާޅީސް ތިންހާސް، ފަސްރުފިޔާ) ވަނީ ހަރަދުކޮށްފައެވެ. މި ފައިސާ 'އޭސް އޭވިއޭޝަން ސާވިސަސް' އަށް ދެއްކި ސިލިޕް އާއިލާއިން ވަނީ އާއްމުކޮށްފައެވެ.
މީގެއިތުރުން ޔުމްނު މޭލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ފަރުވާ ދެމުން އަންނަ ހޮސްޕިޓަލެއް ކަމަށްވާ 'އެމްޕީ ޕަންޓައި ހޮސްޕިޓަލް' އަށް އެޑްވާންދެ ގޮތުގައިވެސް ވަނީ ގިނަ އަދަދެއްގެ ފައިސާ ދައްކާފައެވެ. ހޮސްޕިޓަލަށް ވަނީ 583،153.87 (ފަސްލައްކަ އަށްޑިހަ ތިންހާސް އެއްސަތޭކަ ފަންސާން ތިން ރުފިޔާ އަށްޑިހަ ހަތް ލާރި) ދައްކާފައެވެ. މި ތަފްސީލުތައް އާއިލާއިން ހިމަނާފައިވަނީ ރާއްޖޭގެ ބޭންކު ފައިސާ ދެއްކި ސްލިޕްތަކާއި މެލޭޝިޔާގެ ތަންތަނަން އެގައުމުގެ ފައިސާއިން ދެއްކި ބިލްތަކެވެ.
ޔުމްނު ހޭ އެރުމަށްފަހު ފުރަތަމަ ފަހަރަށް ވާހަކަ ދެއްކުން އޭނާގެ އާއިލާއިން ވަނީ ޔުމްނު ދެއްކި ބައެއް ވާހަކަތައް މީޑިއާ ހިއްސާކޮށްފައެވެ. އެގޮތުން އަމިއްލަށް ވެއްޓުނީ ނޫންކަމަށް ޔުމްނު ބުނިކަމަށް އޭނާގެ ދައްތަ ވަނީ ބުނެފައެވެ. އަދި ޔުމްނު ވެއްޓުނު ރޭ އެތަނުގައި ރައުދު ޒިލާލް ގެ އިތުރުން ޖުމްލަ ހަތަރު މީހުން ތިބިކަމަށް ޔުމްނުގެ އާއިލާއިން ވަނީ ޔުމްނާއި ހަވާލާދީ ބުނެފައެވެ.