ads
ޖަވާބުދާރީވުން މަޖުބޫރު އޮނިގަނޑަކަށް ރާއްޖެ ބަދަލު ކުރަން ޖެހޭ!
ގާނޫނު އަސާސީ އެކުލަވައިލުމުގެ ކުރިން ރާއްޖޭގައި އޮންނާނެ ނިޒާމަކާ ގުޅޭ ގޮތުން 2007 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 18 ވަނަ ދުވަހު ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސަންޓް މީހުން ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކޮށްފަ އެވެ.
Advertisement

އެއަށް ފަހު ނިމުނު 17 ވަރަކަށް އަހަރުގެ ތެރޭގައި ވެސް ނިޒާމީ ވޯޓެއްގެ ބަހުސް މަދުން ނަމަވެސް ސިޔާސީންގެ އެކި ލެވެލްގައި ދައްކަ އެވެ. މިކަމަށް އެންމެ މަރުދީ ހިފާ އެއް ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. ނަޝީދު ވަނީ އެ މަނިކުފާނު މަޖިލީހުގެ ރައީސަކަށް ހުންނެވި އިރު ވެސް ރާއްޖޭގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރަން ވަރަށް ބޮޑަށް ވަކާލާތު ކުރައްވައިފަ އެވެ.

ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމް ކުރުމަށް އަބަދު ވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި މިފަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ. އަދި ވަކި ވެރިއެއްގެ މައްސަލައެއް ނޫޅޭ ކަމަށް ވެސް ވިދާޅުވި އެވެ. 

ތެދެކެވެ. ދައުލަތާއި ސަރުކާރެއް ހިންގުމަށް ބަޔަކަށް ލިބޭ ކޮންމެ ފަސް އަހަރެއްގައި ރާއްޖެއަށް ޖެހިގެން މިއުޅެނީ އެވެނި ނުވަތަ މިވެނި މީހަކު ގޯސް ވެގެން ޖެހުނު "ބައްޔެއް" ނޫނެވެ. މުޅި ބަލީގެ އަސްލަކީ ހިންގުމުގެ ނިޒާމުގައި އޮނިގަނޑަށް ބާރު ދީފައިވާ މިންވަރެވެ. އޮނިގަނޑު ތަރުތީބު ވެފައިވާ ގޮތެވެ. މިހާރުގެ އޮނިގަނޑުން ފެންނަނީ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރާ "ވެރިއެއް" ހުރުމެވެ. ރައްޔިތުންނަކީ ވޯޓްލާ ވަގުތު ނޫން އެހެން އެއްވެސް ވަގުތެއްގައި އާރުލާ އަދި ފެންހިފޭ ފަދަ ބާރު ގަދަ ބަޔަކަށް ރައްޔިތުންނުވެ އެވެ. އޮނިގަނޑުން ބަދަލުވާން ޖެހެނީ މި ދެންނެވި ވޯޓްލާ ވަގުތު ނޫން ހުރިހާ ވަގުތަކީ އާރެއްބާރެއް ނެތް ގޮތެއްގައި ރައްޔިތުން ތިބެން މަޖުބޫރު ކުރުވާފައިވާ އޮތް މަންޒަރެވެ. 

ދިވެހި ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށްވެފައި ރައްޔިތުންގެ ބާރު އަބަދު ވެސް ރައްޔިތުންގެ އަތްމަތީގައި ދެމި އޮންނަކަން ކަށަވަރު ކުރެވޭނެ ހިންގުމުގެ އޮނިގަނޑެއް މިއަދު މުހިންމެވެ. އާ އޮނިގަނޑުގައި ޖަހަން ވާނީ ވެރިންގެ މައްޗަށް ރައްޔިތުން "ގަދަވެގަންނަ" ވިންދެވެ. ސަބަބަކީ ހަގީގަތުގައި ހޮވަނީ ވެރިއެއް ނޫން ކަމަށްވެފައި ހަގީގީ ވެރިންނަނީ ރައްޔިތުން ކަމަށްވެފައި ހޮވާ މީހާ އަދާ ކުރަނީ ރައްޔިތުންނަށް އަދާކޮށް ދޭން ޖެހޭ ޒިންމާއަކަށް ވާތީ އެވެ. އެ މީހާ އަކީ ހަގީގަތުގައި ހިދުމަތް ދޭން ހުންނަ އެންމެ އިސް ހާދިމް މީހާ އެވެ. 

ފެހި ގާނޫނު އަސާސީން ލިބުނު މަލްޓި ޕާޓީ ނިޒާމުން އުފަން ވެގެން ހުވައިކުރެއްވި ރައީސުންގެ "އެޑްމިނިސްޓްރޭޓިވް އަހްލާގަށް" ބަލާ އިރު ގައުމު ހިންގިގޮތުގެ އޮނިގަނޑުގެ ތާރީހުން ފެންނަނީ މާޔޫސް ކަމާއި "ރައްޔިތުންގެ ބާރު" ދަށް ވެފައި ވާ ތަނެވެ. ވެރިކަމުގެ އެއްބާރުން އަނެއްބާރު "ހައިޖެކް" ކޮށްފައިވާ ތަނެވެ. އެހެން ކަމުން މިއަދު "ވެރިން" ވަކި ކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް އޮންނަށް މަޖުބޫރު ކުރުވަން ވެއްޖެ ނޫން ހެއްޔެވެ..؟ 

ވެރިކަން ކުރުމުގެ ނިޒާމަށް ފާރަވެރިވެ ޒިންމާދާރު ކުރުވުމަށްޓަކައި، ތަފާތު ސިޔާސީ ފިކުރުތަކުގެ ޕާޓީތައް އުފައްދައި ހިންގުމުގެ ފުރުސަތު ތަނަވަސްވެފަ އޮތަސް އެއިން ކޮންމެ ޕާޓީއެއްގެ ވެސް އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުތައް އެކަށައެޅިފައި އަދި ވެސް އޮތީ ދިވެހިން "އެދޭ ރާއްޖެ" އާ ދިމާލަކަށް ނޫނެވެ. މިއަދު ދިވެހިން އެދޭ ގޮތަކީ ބޮޑުންގެ ގޭދޮށުގައި މުގޯލި އަޅަން ނުޖެހި ރައްޔިތުންނަށް ދިރިއުޅެވޭނެކަން ކަށަވަރުވާ ފަދަ ހިންގުމުގެ އާ އޮނިގަނޑެކެވެ.

ސީއެންއެމް އިން ގެނެސްދޭ "ނޭޝަން ޓޯކް" ޕޮޓްކާސްޓު ގައި ވާހަކަ ދައްކަވަމުން ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވީ 2008 އިން ފެށިގެން ބޭއްވުނު އިންތިހާބު ތަކުން ހޮވިގެން އައި ސަރުކާރުތަކުން، ދިވެހި ދައުލަތް ހިންގަމުން އައި ގޮތާއި ބެހޭ ގޮތުން ވަރަށް ގިނަ ރައްޔިތުންގެ މެދުގައި ނުތަނަވަސް އެބައޮތް ކަމަށާއި ވެރިކަން ހިންގުމުގެ އޮނިގަނޑުގެ އެންމެ މަތީގައި އަބަދުވެސް ތިބެންޖެހޭ ބަޔަކީ "ރައްޔިތުން" ކަމަށެވެ.

ޑރ. ސަވާދު ވިދާޅުވީ މާއްދާ 4 ގައި އެ ބުނާ މަސްދަރަކީ ރައްޔިތުން ކަމަށް ވާއިރު، އެ މަސްދަރުގައި ހިމެނޭ ބާރު ފަންކުޝަނަލް ވަނީ އިންތިހާބެއްގެ ތެރެއިން ކަން ސާފުވާ ކަމަށެވެ. އެހެން ކަމުން ހިންގުމުގެ މިހާރު ގެ އޮނިގަނޑަކަށް ބަލާއިރު ޖުމުހޫރީ، ޑިމޮކްރެޓިކް، ރިޔާސީ ނިޒާމެއްގައި ޖެނެރަލް އިލެކްޝަނަކުން އުފަންވާ ސަރުކާރަކާއި މަޖިލީހަކާއި ދައުލަތުގެ މި ދެ ގުނަވަނުގެ ތެރޭގައި ރައްޔިތުންގެ ކިހާ ބޮޑު ތަމްސީލެއް ހަގީގަތުގައި އޮވޭ ތޯ މީ މިއަދު އުފަންދަން ޖެހިފަ އޮތް އިތުރު ސުވާލެއް ކަމަށެވެ.

މި ނިމުނު 17 އަހަރުގެ ތެރޭގައި ދައުލަތެއްގެ ތެރެއިން އުފެދުނު ބޮޑެތި ސިޔާސީ ކަންތައްތައް ނުވަަތަ ކޯޅުން ތަކުގެ ތެރެއިން އުފަންވި ގާނޫނީ ދެ ބަސްވުންތަކާއި ހުސްކަމުގެ ތެރެއިން ރައްޔިތުން ބުނަމުން ދިޔައީ އެމީހުން ނުރުހޭ ކަންކަން އެބަހުރި ކަމަށެވެ. މީގެ އެއް މިސާލަކަށް ސަވާދު ނެންގެވީ ފެހި ގާނޫނު އަސާސީގެ ދަށުން މިހާތަނަށް އިންތިހާބުވި އެއްވެސް ސަރުކާރަކަށް ދެ ވަނަ ދައުރެއް ރައްޔިތުން ދީފަ ނުވާ ކަމެވެ. އަނެއްކާ ވެސް ރައްޔިތުން އިންތިހާބުތައް މިނެކިރާ ފައި ފަސް އަހަރު ފަހުން އާ މީހަކަށް ނުވަތަ އާ ސަރުކާރެއް ހޮވާ ކަމަށް ސަވާދު ފާހަގަކުރެއްވި އެވެ. 

"ހަގީގަތުގައި މި އެކުލަވާލާފައި އިން އޮނިގަނޑު އެކޮޅު ކޮޅުން މިޖެހެނީ. އޮނިގަނޑުގެ އެންމެ މަތީގައި އަސްލު ތިބެންޖެހޭ ބަޔަކީ ރައްޔިތުން. އެކަމަކު ސިޔާސީ ކުލާހުގެ ހަރުގަނޑަށް އެރުމަށް ޓަކައި ބޭނުން ކުރާ އަސައަކަށް ރައްޔިތުން މިވަނީ. މިއަދުގެ ސިޔާސީ މާހައުލުން ސާފުކޮށް އެބަ ފެނޭ މި މައްސަލަ" ރައީސް މުހައްމަދު ނަޝީދުގެ އެޑްމިނިސްޓްރޭޝަންގައި ބަންޑާރަ ނައިބުކަން ކުރެއްވި ސަވާދު ވިދާޅުވި އެވެ.

ސަވާދު އިތުރަށް ވިދާޅުވީ ދައުލަތުގެ ހިންގުމުގެ އޮނިގަނޑުގެ ވާހަކަ ދައްކާއިރު އެއަށް މިސްރާބު ހިފެން ބަލަން އޮތީ ފެހި ގާނޫނު އަސާސީގެ ތަސައްވަރެއް ގޮތަށް ފެންނަން އޮތް ޖުމްހޫރީ ވެރިކަމެއްގައި ރިޔާސީ ނިޒާމެއް ގާއިމުކޮށް އެވެރިކަން ހިނގަމުން ދާގޮތް ކަމަަށެވެ. ބާރުތައް ހިމެނިފައި އޮންނަނީ ކިހިނެއްތޯ އަޅުގަނޑުމެން ވިސްނާއިރު، ދައުލަތަކީ މަސްނޫއީ ޝަހުޝެއް ކަމަށާއި ތަބީއީ ގޮތެއްގައި ޖަމާއަތެއް އުފެދޭ ރޫހަކުން އެބައިމީހުންގެ ސިޔާދަތީ އިސްތިގުލާލް އެއީ އަސްލު ބާރު ކަމަށެވެ.

ތައުލީމީ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާ އަހްމަދު ފަޔާޒް ހަސަން "ނޭޝަން ޓޯކް" ޕޮޓްކާސްޓު ގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މީގެ 16 އަހަރު ކުރިން ގައުމުގެ ހިންގުމުގެ އޮނިގަނޑަށް ދިވެހިން ގެނެސްފައިވާ ބަދަލުތަކަކީ ސަރުކާރާއި ދައުލަތް ހިންގުމުގެ ކަންކަން ކުރަމުން އައިގޮތް ގޯސް ވެގެން ގާނޫނު އަސާސީ ބަދަލުކޮށް ދައުލަތް ހިންގުން ހަރުދަނާ ކުރުމަށް ގެނެވުނު އިސްލާހުތަކެއް ކަމަށާއި ނަމަވެސް އެ އޮނިގަނޑުން އުފެދުނު މުއައްސަސާތަކުން ރައްޔިތުން ބޭނުންވި ބާއްޖަވެރިކަން، ރައްކާތެރިކަމާ ހިމާޔަތް، އަމާންކަމާއި ސުލްހަ ދިވެހިންނަށް ނުލިބުމުން މިހާރު ރައްޔިތުން ބޭނުން ވަނީ އަނެއްކާވެސް ދައުލަތާއި ސަރުކާރު ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ކަމަށެވެ.

ފަޔާޒު ވިދާޅުވީ އެންމެންގެ ދުލުން މި އަންނަނީ ގައުމުގެ ކަންތައްތައް ހަމަ މަގުން ކައްސާލި ވާހަކަ އާއި ގައުމުގެ ކަންތައްތައް މުޅިން ބޮންސުން ލައިގެން ގޮސް ގައުމުމުގެ ހުރިހާ ކަމެއް "ގޯސް" ވާ ވާހަކަ ކަމަށެވެ. އަދި ވަކިން އިދިކޮޅުގައި ތިބެގެން އެއިރަކު އޮންނަ ސަރުކާރުގެ ވެރިންނަށް އަމާޒުކޮށް އެ ވާހަކަ ދައްކާލެއް އިތުރު ކަމަށާއި ވެރިކަން ލިބުމުން މިފަދަ ވާހަކަތައް ދެއްކުން ހުއްޓާލާ ކަމަށެވެ.  

"ރައްޔިތުންގެ ބާރު ވެރިކަން ރައްޔިތުންގެ އަތުގައި ބޭއްވޭނީ މިހާރު ހުރި ގާނޫންތައް ބަދަލު ގެނެސްގެން" މިފަދަ ބަދަލުތައް ގާނޫނު ތަކަށް ގެނެވޭނީ ސިޔާސީ މަސައްކަތްތެރިން ވެސް "އެދިގެން" ކަން ފާހަގަކުރައްވާ ފަޔާޒު ވިދާޅުވި އެވެ.

ގައުމެއްގެ ތައުލީމީ މީހުން ކަމެއްގައި ފަހަތަށް ޖެހިއްޖެ ނަމަ އެގައުމެއްގެ ކަންތައްތައް ދާނީ ވަރަށް ބޮޑަށް ގޯހުން ގޯހަށްކަން ފާހަގަ ކުރައްވާ ފަޔާޒު ވިދާޅުވީ އާ އޮނިގަނޑެއްގައި އިންތިހާބީ މީހާ ރައްޔިތުންގެ ގައުމީ މަސްލަހަތު ކުރިޔަށް ނެރެގެން މަސައްކަތް ނުކުރެވެއްޔާ އެމީހުން ދުރުކުރެވޭނެ ނިޒާމެއް ގާނޫނުގައި އޮންނަން ޖެހޭ ކަމަށާއި އަދި މަޖިލިސް މެންބަރުންނަކީ އަމިއްލަ އަށް މުސާރަ ކަނޑައަޅާ ބަޔަކަށް އޮންނަ އޮތުން ވެސް ބަދަލުވާން ޖެހޭ ކަމަށެވެ. 

އަދި ވިދާޅުވީ ތައުލީމީ މީހުން ސިޔާސި ކަންކަމުގައި ނޫޅެނިއްޔޭ އަދި ސިޔާސީންގެ ތެރޭގައި އިހުލާސްތެރިން ނެތިއްޔޭ މިހެން ކިޔަކިޔާ ތިބެވޭކަށް ނެތް ކަމަށާއި ހާލަތު ބަދަލު ކުރެވޭނީ ދައުލަތާއި ސަރުކާރު ހިންގުމުގެ އާ އޮނިގަނޑުން ބަދަލުތަކެއް ގެނެވިގެން ކަމަށެވެ.

ތެދެކެވެ. ދިވެހި ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށްވެފައި ރައްޔިތުންގެ ބާރު އަބަދު ވެސް ރައްޔިތުންގެ އަތްމަތީގައި ދެމި އޮންނަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް އެކަށައަޅައި، ރައްޔިތުންގެ ކަންކަމާ ހަވާލުވާ މީހާ، މި ހަވާލު ވަނީ ރައްޔިތުންނަށް އަދާކޮށްދޭން ޖެހޭ ޒިންމާއެއް އޮތް ކަން، އެ މީހާގެ ސިކުޑި އާއި ހިތުގައި އަބަދު ވެސް ބިންވަޅު ނެގި އަދި އެ އިހްސާސް ކުރެވޭނެ ހިންގުމުގެ އޮނިގަނޑެއް މިހިނދަށް މުހިންމު ވެއްޖެ އެވެ.
އެހެންކަމުން ދިވެހިން މިހާރު ތަޖުރިބާ ކުރަމުން މިދާ ހިންގުމުގެ އޮނިގަނޑު ބަދަލުކޮށް، ބޮޑުންގެ ގޭދޮށުގައި މުގޯލި އަޅަން ނުޖެހި ދިރިއުޅެވޭނެކަން ކަށަވަރުވާ ފަދަ ހިންގުމުގެ އާ އޮނިގަނޑެއް ވާހަކަ ދައްކަން ޖެހިއްޖެ ކަމަށް ގަބޫލު ކުރާ ދިވެހިން ގިނަވެ އެ ވާހަކަ ރަށުތެރޭ ގޮވަން ފަށައިފި އެވެ. 

އެގޮތުން ދެހާހުގެ އަހަރު ތަކުގެ ތެރޭގައި ރާއްޖެއަށް އާ ގާނޫނު އަސާސީ ގެންނަން ހިންގި "މިނިވަން ބަހުސް" ނުވަތަ އިސްލާހީ ރިފޯމްގެ ވާހަކަތައް އަލުން ވަރަށް ބޮޑަށް ދައްކަން ވެއްޖެ އެވެ. މަންދޫބުން ފޮނުވައިގެން ގައުމު ހިންގަމުންދާ ހިންގުމުގެ އޮނިގަނޑުން ލިބުނު ގެއްލުން ބިލިއަނުން ގުނާލެވޭވަރަށް ވުރެ ބޮޑު ވެއްޖެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް