ads
ރައްޔިތުން މަޖލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ނާޒިމް
ފެންނަނީ ވެރިން ނުހައްގުން މުއްސަނދިވެ، އެކަން ފޮރުވާ މަންޒަރު: ނާޒިމް
މިހާރު ފެންނަނީ މުއައްސަސާތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ނުހައްގު މުއްސަނދިކަން ހޯދައި އެ މުއްސަނދިކަން ފޮރުވާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނާޒިމް މި ގޮތަށް ވިދާޅުވީ، ޖަލު އަދަބާއި ބޮޑެތި ޖޫރިމަނާތައް ކުރާ ގޮތަށް ޓެކްސް ގާނޫނު ހަރުކަށި ކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދުކުރައްވައި، ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުން ނުހައްގު މުއްސަނދިކަން އެކި ފަށަލަތަކަށް ބަހައި، އާއިލާގެ މެމްބަރުންނަށް ވެސް އެ މުއްސަނދިކަން ފަތުރަމުންދާ ކަމަށެވެ.

އަދި، މިދިޔަ ސަރުކާރުގައި ވެސް ރިސޯޓުތަކަށް ދައްކަން ޖެހޭ ކުލި ނުދައްކައިގެން ރިސޯޓުތައް ހިންގާ ކުންފުނިތަކުން ދައްކަން ޖެހިފައިވާ ޖޫރިމަނާ ފަސްކޮށްދީފައިވާ ކަމަށާއި އެކަން ކުރީ އިގުތިސާދު ކުރިއެރުވުމަށާއި ރަށްރަށް ހެދުމަށް މަގުފަހިކުރުމަށް ކަމަށް ވިޔަސް އެކަން ކުރީ ދެފުށް ފެންނަ އުސޫލަކުން ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މިހާރު ފެންނަނީ، ފެންނަމުންދަނީ މުއައްސަސާތަކުގެ އިސްވެރިންނާއި އަދި މިނިވަން މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވެސް ނުހައްގު މުއްސަނދިކަން ހޯދައި، ފަށަލަކޮށް ފޮރުވައި، އާއިލާގެ މެންބަރުންގެ އާއިލާގެ މީހުންގެ މައްޗަށް ވެސް އެ މުއްސަނދިކަން ފަތުރާ ތަން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، މި އިސްލާހުގެ ސަބަބުން ޓެކްސް ދައްކަން ޖެހޭ ފަރާތްތަކަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތާއި ޓެކްސް ދައްކަން ޖެހޭ ގޮތާއި ހިމަނަން ޖެހޭ މައުލޫމާތު ސާފުވާނެ ކަމަށެވެ. އަދި ވިދާޅުވީ މީރާގެ ގާނޫނަށް ގެންނަ އިސްލާހާ އެކު، އެފަދަ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރަން މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ނުހައްގު މުއްސަނދިކަން ހޯދައި އެ މުއްސަނދިކަން ފޮރުވާ މަންޒަރު ފެންނަ ކަމަށް ނާޒިމް ވިދާޅުވިއިރު ދައުލަތް ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބު ކޮށް މިނިވަން މުއައްސާތަކުގެ މިނިވަންކަން އިތުރަށް ކަށަވަރު ކުރުމަށް "އެދޭ ރާއްޖޭ" ނަމުގައި ހަރަކާތެއް ފަށައި، އެ ހަރަކާތުން ވަނީ ގައުމީ ޑައިލޮގްއަކަށް ގޮވާލާފަ އެވެ.

ގޯހެއް ހިނގައިފިއްޔާ ދައުލަތާއި ސަރުކާރު ޖަވާބުދާރީވެ ޒިންމާ އުފުލަން ޖެހޭނެ އެވެ. މިއީ ހަގީގީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އާއްމުކޮށް ކަން ހިނގާ އުސޫލު ކަމަށް ވިޔަސް ރާއްޖޭގައި މި އޮތީ އޭގެ ދިމާ އިދިކޮޅެވެ. ދައުލަތް ދަރުވާލިޔަސް ޒިންމާ ނަގަން ނުޖެހި ދައުލަތާއި ސަރުކާރުގެ އިސް ހިންގުންތެރިން ތިއްބަވަނީ މިނިވަންކޮށެވެ. ހާސްކަމަށް ވެއްޓެނީ ދައުލަތާއި ރައްޔިތުން ނެވެ. ގައުމު ހިންގުމާ ހަވާލުވެ ހުންނަ އެންމެ އިސް ހިންގުންތެރިޔާ އާއި އޭނާގެ ޓީމާއި އޭނާގެ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ދަރާ ވިކެނީ ދައުލަތާއި ރައްޔިތުންނެވެ. ސަރުކާރު ނިމިދާއިރު ދައުލަތާއި ރައްޔިތުން ދަރާ ވިކި ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ޖެހިފައި އޮތަސް ގައުމު ހިންގުމާ ހަވާލުވެ ހުރި އެންމެ އިސް ހިންގުންތެރިޔާ އާއި އޭނާގެ ކެބިނެޓަށް ކަމެއް ވީހެން ވެސް ހީ ނުވެ އެވެ.

މިކަންކަން ހައްލުކޮށް ސިޔާސީ ބޮޑުން ހިތުހުރި ގޮތަކަށް ކަން ކޮށްފައި ހަމަޖެހިލައިގެން ނު ތިބެވޭނެ ގޮތް ހެދުމަށް ދައުލަތާއި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބު ކޮށް ރައްޔިތުންގެ މަސްލަހަތުގައި ދައުލަތާއި ސަރުކާރު ހިންގުމަށް އެދޭ ރާއްޖޭ ކަރުދާހުން ހުށައަޅާ ހައްލުތަކަކީ:

1. މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ ދައުރު މުރާޖައާކޮށް ފުށުއެރުން ހައްލުކުރުން. އަދި މުއައްސަސާތަކުގެ މަސައްކަތް މުރާޖައާކޮށް، އެއްކޮށްލަން ޖެހޭ މުއައްސަސާތައް އެއްކޮށް، ދައުލަތް ޖަވާބުދާރީ ކުރުވުމަށް އިތުރަށް ބޭނުންވާ އިދާރީ އޮނިގަޑު އެކަށައަޅާ ތަންފީޒުކުރުން.

2. އިދާރާތައް އަލުން ތަރުތީބު ކުރާއިރު ރައްޔިތުންގެ ޝަކުވާ ތަކަށް ހައްލު ހޯދުމަށް އޮމްބަޑްސްޕާސަން އޮފީހެއް އުފެއްދުން.

3. މިނިވަން މުއައްސަސާތައް އަލުން ތަރުތީބު ކުރާއިރު، ސަރުކާރާއި މުޅިން ވަކިން މިނިވަންކަމާއިއެކު ދައުލަތުގެ އެސެޓްތައް ހާމަކޮށް ބަލަހައްޓާނެ ނިޒާމެއް އެކުލަވާލުން.

4. މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށް، ގާނޫނީ ޒިންމާ އަދާކުރާކަން ޔަގީން ކުރުމަށްޓަކައި އެކަށޭނެ މާލީ ވަސީލަތް ފޯރުކޮށްދިނުން

5. އިލެކްޝަންސް ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން، ސިވިލް ސާވިސް ކޮމިޝަން ފަދަ މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގައި ރައްޔިތުންގެ މަޖިލީހުގަ ހިމެނޭ ޕާޓީތަކުން ހުށަހަޅާ މަންދޫބުން ހިމެނުން.

މިކަންކަން މި މަގުން ތަރުތީބުވެ ތަންފީޒުވާން ފެށުމުން ނިކުންނާނެ ނަތީޖާ އަކީ ދައުލަތާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އަދާކުރުމަށް އުފައްދާފައިވާ މުއައްސަސާތަކުގެ ޒިންމާ ފުރިހަމައަށް އަދާ ކޮށް އަދުލު އިންސާފު ތަފާތުކުރުމެއްނެތި ގާއިމްކުރެވި، ދައުލަތާއި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރެވި، ކޮރަޕްޝަނަށް މިހާރު ހުޅުވިފައި ހުރި ދޮރުތައް ބަންދު ކުރެވި، ދައުލަތުގެ އެންމެ އިސް މަސްލަހަތަކީ އޭރެއްގެ ސަރުކާރު ހިންގާ ފަރާތުގެ "ސިޔާސީ މަސްލަހަތު" ކަމުގައި ވުމުގެ ބަދަލުގައި ރައްޔިތުންގެ މަސްލަހަތުކަން ޔަގީން ކުރެވިގެން ދިއުމެވެ.

އެހެން ކަމުން ރައްޔިތުންގެ އިހުސާސްތަކަށް އިހުތިރާމްކޮށް، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުން މަތިން އަބަދުމެ ހަނދާން ކުރަން މަޖުބޫރުކޮށް، ދައުލަތާއި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބު ކުރުމަށް ގާނޫނޫ އަސާސީ އިސްލާހު ކުރުމަށް އެދޭ ރާއްޖެ ޓީމުން ވަނީ ގޮވާލާފަ އެވެ.

މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންގެ ހިޔާލާއި މަޝްވަރާއަށް އެދޭ ރާއްޖެ ޓީމުން ގޮވާލަ އެވެ.

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް