ads
ރައީސް މުއިއްޒު ހދ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުން
ސިޔާސަތުތައް ކަނޑައެޅުމުގައި ރައްޔިތުންގެ އަޑު އެހުން މުހިއްމު: ރައީސް
ޑިމޮކްރަސީ ދުވަހާ ގުޅިގެން، ނިންމުންތައް ނިންމުމުގައި ހުރިހާ ދިވެހީންގެ އަޑުތައް އަހައި، އެންމެން ބައިވެރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރެސީ ދުވަހުގެ މުނާސަބާއިގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ، މުޖުތަމައުގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ނިންމުންތައް ނިންމުމުގައި ހުރިހާ ރައްޔިތުންގެ އަޑު އަހައިގެން ކުރިއަށް ދިއުމުގައި ދެމިތިބެން ޖެހޭ ކަމަށެވެ. 

"އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރަން ކުރާ މަސައްކަތުގައި ދެމިތިބެން ޖެހޭ، ހުރިހާ ހިސާބަކުން ނިންމާ ނިންމުންތަކުގައި ވެސް ހުރިހާ ދިވެހީންގެ އަޑުއަހާނެކަން ޔަގީންކުރަންޖެހޭ،" އެ މަނިކުފާނު ލިޔުއްވާފައިވެ އެވެ.

ފަލަސްތީނުގެ ގާޒާގައި ހިނގަމުންދާ ގަތުލުއާންމާ ގުޅޭ ބައްދަލުވުމަކަށް ގަތަރުގައި މިވަގުތު ހުންނެވި ރައީސް ވަނީ ޑިމޮކްރަސީގެ އަސާސްތައް ކަށަވަރު ކުރުމަށް މިއަދު މަސައްކަތް ކުރާއިރު ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ހައްގުތައް ކަށަވަރުކޮށް، އަމިއްލަ ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތުގައި އެ ރައްޔިތުންނާ އެކު ދެމި ހުންނެވިކަން ހާމަކުރައްވައިފަ އެވެ.

ބައިނަލްއަގްވާމީ ގޮތުން ޑިމޮކްރެސީ ދުވަހެއް ފާހަގަކުރުމަށް އދ. އާންމު މަޖިލީހުން ނިންމާފައިވަނީ 2007 ވަނަ އަހަރު އެވެ. މި ދުވަސް ފާހަގަކުރަން ނިންމާފަވަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހު އެވެ. މި ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ގައުމުތަކުގެ ޑިމޮކްރެސީއަށް ކުރާ މަސައްކަތް ބަލައި، އެ މަސައްކަތް ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަށެވެ.

ނިންމުންތައް ނިންމުމުގައި ހުރިހާ ދިވެހީންގެ އަޑުތައް އަހައި، އެންމެން ބައިވެރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލެއްވިއިރު, ރާއްޖެ ހިންގުމުގެ އޮނިގަނޑު ބަދަލު ކުރަން ޖެހޭ ކަމަށް ބުނެ "އެދޭ ރާއްޖޭ" ހަރަކާތްތުން ވަނީ ވެރިކަން ހިންގުމުގެ ކޮންމެ ނިޒާމެއް އޮތް ނަމަވެސް ރާއްޖޭ ހިންގަން ހަވާލުވާ މީހުން އަމިއްލައަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވާން މަޖުބޫރުވާ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމާއި ގުޅޭ ގޮތުން ސަރުކާރާއި ރައްޔިތުންގެ މަޝްވަރާއަށް ގޮވާލާފަ އެވެ.

އެގޮތުން "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް އިސްލާހް ތަކެއް ހުށައަޅާ ރައްޔިތުންގެ ހިޔާލަށް ކަރުދާހެއް ދޫކޮށްލައިފަ އެވެ.

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. 

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ފެހި ގާނޫނުއަސާސީން ތަސައްވުރުކުރި ރާއްޖެ ނުލިބި، ރައްޔިތުންގެ ބާރު ގެއްލުމުގެ ސަބަބުން އަލުން ރައްޔިތުން އެދޭ ރާއްޖެއަށް ދިއުމަށްޓަކައި ރައްޔިތުންގެ ހަރަކާތަކަށް މަގުފަހި ކުރުމެވެ. އިޖުތިމާއީ އަދި ސިޔާސީ ނިޒާމުން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާ ފަސާދައަކީ އާންމުވެފައިވާ އަދި އާދައިގެ ކަމަކަށް ވަމުންދާތީ އެކަން ހުއްޓުވުމަށް ރައްޔިތުން ބާރުވެރި ކުރުވުމެވެ.

މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީ ތަސްދީގުކޮށް އަމަލު ކުރަން ފަށާފައި ވަނީ، މީގެ 17 އަހަރު ކުރިން 7 އޮގަސްޓު 2008ގަ އެވެ. 

އެގޮތުން "އެދޭ ރާއްޖެ" ހަރަކާތުން ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ކަށަވަރު ކުރުމަށް ގާނޫނުއަސާސީގައި ހިމެނުމަށް ގޮވާލާ ކަންކަމަކީ:

  • ރައްޔިތުންގެ ބާރު
  • ރައްޔިތުންގެ މަޖިލީސް ތަރުތީބު ކުރުން
  • ގާނޫނު އަސާސީން ރައްކާތެރިކަން ލިބިފައިވާ ގައުމީ ތަސައްވުރަކާއި ގައުމީ ތަރައްގީގެ ދިގުރާސްތާގެ ޕްލޭނަކަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ކުރުން
  • އަތޮޅު ހިންގުމަށް މިހާރަށްވުރެ އިތުރަށް ބާރުތައް ދޭން ލިޔުން
  • އަދުލު އިންސާފުގެ ދާއިރާ އިތުރަށް މިނިވަން ކުރެވޭނެ ގޮތެއް ގާނޫނުއަސާސީގެ ތެރެއިން ހޯދުން
  • އިންތިހާބީ ނިޒާމު މިހާރަށްވުރެ ވަރުގަދަ ކުރުން
  • އަތޮޅު ހިންގުން ރައްޔިތުންގެ ޝާމިލުވުން އިތުރުކުރުން
  • ދައުލަތް ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބު ކުރުން
  • މިނިވަން ބަންޑާރަ ނައިބެއް ހޯދުން
  • ސިޔާސީ ޕާޓީތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރުން
  • ދައުރު މެދުން މިޑްޓާމް އިންތިހާބު ބޭއްވުމުގެ އިންތިޒާމެއް ހަމަޖެއްސުން 
  • ސަރުކާރު ރޯލް ސާފުކޮށް ލިޔުން
  • ގާނޫނުއަސާސީ އާ ހިލާފުވާ ދައުލަތުގެ އިސް ހިންގުންތެރިން ކަމަށްވާ ހުވާކޮށްގެން މަގާމާ ހަވާލުވާ މީހުންނަށް ހާއްސަ އަދަބެއް ކަނޑައެޅުން
  • ސިޔާސީ މަގާމަށް މީހުން އައްޔަނު ކުރެވޭނެ އަދަދު ކަނޑައެޅުން
  • ދައުލަތް ޖަވާބުދާރީ ކުރުމުގެ ނިޒާމު އަލުން ތަރުތީބުކޮށް، ސަރުކާރާއި މުޅިން ވަކިން މިނިވަންކަމާއިއެކު ދައުލަތުގެ އެސެޓްތައް ހާމަކޮށް ބަލަހައްޓާނެ ނިޒާމެއް އެކުލަވާލުން
  • ހިންގުން ހަރުދަނާވާނެ އޮނިގަނޑެއް ގާނޫނުއަސާސީން ބާރު ލިބިގެން އުފެއްދުން

މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ދައުވަތު އަރުވާ ކަމަށް "އެދޭ ރާއްޖެ" އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. 

އަދި މި ދެންނެވި ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ގޮތުން ރައްޔިތުންގެ ޝާމިލުވުން އޮވެގެން ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް "އެދޭ ރާއްޖެ" ހަރަކާތުން މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ބުނެފައި އެވެ. 

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. 

"މިއީ ފަޅި ސިކުންތަކަށް އޮތް ބާރު 5 އަހަރަށް ހޯދުމަށް ރައްޔިތުން ހިންގާ ހަރަކާތެކެވެ" ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް ދައުލަތުގެ އޮނިގަނޑު ފުރޮޅާލުމަށް ހުށައަޅާ ކަރުދާހަށް ތިޔަ އެންމެ ބޭފުޅުންގެ ހިޔާލަށް ހުޅުވާލަމެވެ. 

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް