ads
މީގެ 17 އަހަރު ކުރިން ގާނޫނުއަސާސީ ރައީސް މައުމޫނު ތަސްދީގު
17 އަހަރު ވި ފެހި ގާނޫނު އަސާސީން ރާއްޖެ ހަދާލީ ވައްކަމާއި ކްރޮޕްޝަނުގެ ހާއްޔަކަށް!؟
މިހާރުގެ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށިތާ މިއަދަށް 17 އަހަރު ފުރުނީ އެވެ. މަގުމަތިން ހޯދި ކަމަށް ދިވެހިން ބުނާ "ފެހި ގާނޫނޫ އަސާސީ" މިހާރު އޮތީ މަގުމަތިވެފަ އެވެ. އޭގައިވާ މާއްދާތައް ވަނީ "ހަވަރައް" ދެވިފަ އެވެ. މީގެ 17 އަހަރު ކުރިން ދިވެހިނަށް މޮޅެއް ލިބޭނެ ކަމަށް ގާނޫނު އަސާސީން ތަސައްވަރު ކުރި އެއް ވެސް ކަމެއް މިއަދު ހާސިލް ނުވި ކަމަށް ބުނާ އަޑު މާގަދަ އެވެ. ދިވެހިން މިއަދު މިތިބީ "ގާނޫނުއަސާސީގެ ދިފާއުގައި" އަނެއްކާވެސް ނިކުންނަން ޖެހޭ ހިސާބުގައި އެވެ
Advertisement

ގާނޫނު އަސާސީގެ ދުވަސް ފާހަގަ ކުރާއިރު މިއަދުގެ އެންމެ ބޮޑު އެއް ބަހުސަކީ ގާނޫނު އަސާސީ ގައި ދައުލަތުގެ ބާރުތައް ފެށިގެން އަންނާނީ ރައްޔިތުންގެ ކިބައިން ކަމަށާއި ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައި ކަމަށް ބުނެފައިވާއިރު، މިހާރު ރާއްޖޭގައި އެކަން ހިނގަމުން ދަނީ އެ ގޮތަށްތޯ އުފެދޭ ސުވާލެވެ.

ރައްޔިތުން ވޯޓުލައިގެން މީހަކު އިންތިހާބު ކުރިއަސް ހޮވުމާއި އެކު އެމީހާ ގެއްލިދެ އެވެ. ދެން ވެސް ފެންނަނީ އިންތިހާބަކުން ނެވެ. ރައްޔިތުންނަށް ވީ ވައުދާއި ދައުލަތަށް ކިތަންމެ ބޮޑު ގެއްލުމެއް އޭނާގެ ފުށުން ފެނުނަސް ހެދޭނެ ގޮތެއް ނެތެވެ. ވޯޓުން ހޮވޭ މީހާ ވޯޓުން ބޭރު ކުރެވޭކަށް ނެތެވެ.

ގާނޫނުއަސާސީ ގައި ބަޔާން ކުރާ އަސާސީ ހައްގުތަކުގެ ބާބު ގައި އެއްވެ އުޅުމުގެ މިނިވަން ކަމާއި ބަސް ބުނުމުގެ މިނިވަންކަން ކަށަވަރު ކޮށްދީފައި ވިޔަސް، އަބުރުގެ ގާނޫނެއް ގައި ތާށިވެ، މިނިވަން ބަހުސް ކުރުމާއި ހިޔާލު ފާޅުކުރުމުން މަގާމާއި ވަޒީފާ އަދި ދިރި ހުރުމުގެ ހައްގު ގެއްލޭ ގޮތް މިއަދު ވަނީ ވެފަ އެވެ. ރައްޔިތުންނަށް ބުނެވޭ ބަހަކުން ނުވަތަ ކުރެވޭ ކަމަކުން އަސާސީ ހައްގުތަކުން މަހްރޫމްވެ ސަރުކާރެއްގެ ދަށުވާން މިއަދު އޮތީ އިހުނަށްވުރެ ބޮޑަށް ފަހިކޮށްފަ އެވެ.

މިހެން ވާން ޖެހުނީ 7 އޯގަސްޓް 2008 ގައި އަމަލު ކުރަން ފެށި، ގާނޫނު އަސާސީ ދިވެހިން ބަލައިގަތީ ފޮނި އުންމީދު ތަކަކާ އެކު ނަމަވެސް، އޭގެ ތެރެއިން މިއަދު ތަންފީޒު ކުރަމުން ދަނީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ބާރުތައް ލިބޭ މާއްދާ ނުވަތަ ގާނޫނު އަސާސީގެ 115 މާއްދާ އެކަނި ކަމުގައި ބުނުމުގެ ފުރުސަތު އޮތް ކަމަށް ބުނުމުގެ ޖާގަ ތައްމިނަށް ހުޅުވިފަ އޮތުމުން ނެވެ. މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުގެއިން ވެސް އިވެނީ "ރޖ" އެއްގެ ވާހަކަ އެވެ.

ބާރުތައް ވަކިކޮށް، މިނިވަން މުއައްސަސާތައް ހެދި ނަމަވެސް އެތަން ތަން މިނިވަންވީ ނަމެއްގައި އެވެ. ގާނުނު އަސާސީން އެތަންތަނަށް ދިން މިނިވަންކަމުން ހޯދީ ބޮޑާކަމާއި ވެރިންނަށް މޮޅުގޮތް ހޯދައި ދިނުމުގެ ސަގާފަތެވެ. ރާއްޖޭގައި ގާނޫނުތައް ލިޔަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި މުއްސަނދި އަދި އެންމެ ވަސީލަތްތައް ހުރި ގައުމުތަކުގެ ފެންވަރުގަ އެވެ. ނަމަވެސް އެ ގާނޫނު ތަކުން ރައްޔިތުންނަށް ލިބޭ ރައްކާތެރިކަމަށްވުރެ ބޮޑަށް ގިނަ ފަހަރު ލިބެނީ ގެއްލުމެވެ. އަދި ގާނޫނު ތަންފީޒުކުރަން ތިބި މީހުން ވަނީ ހެއްލުމެއްގައި ޖެހި ގެއްލިފަ އެވެ.

ތިން ބާރު ވަކިވެފައިވާ ހިންގުމުގެ ނިޒާމެއްގެ ވާހަކަ އާއި ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގަންޖެހޭނެކަމަށް ބުނެފައިވާ މާއްދާތަކުން ލިބުނު މާ ބޮޑު މޮޅެއް ނެތެވެ. ރައީސްކަމުގެ ހުވާ ކުރުމާއެކު ދައުލަތުގެ އަނެއް ދެ ބާރުކަމަށްވާ ފަނޑިޔާރުގެ އާއި މަޖިލިސް ރައީސަށް ލިބެ އެވެ. އަދި މިނިވަން މަޖިލިސް ލިބުމާ އެކު ދައުލަތް ހިންގުމަށް އެކަށައަޅާފައިވާ ހުރިހާ މުއައްސަސާއެއް ރައީސަށް ކޮންޓްރޯލުވެ، ރައީސްގެ ބޭނުންތަކަށް ދީއްލާލާ ކަމުގެ ޝަކުވާ އާއި އަޑު މިހާރު ދަނީ ގަދަވަމުންނެވެ. 

ނަތީޖާއަކަށްވެގެން ގޮސްފައިވަނީ މީގެ 17 އަހަރު ކުރިން ރާއްޖެ ހިންގި ގާނޫނު އަސާސީއާ ތަފާތު ގާނޫނު އަސާސީއަކަށް ނުވުމެވެ. ގާނޫނު އަސާސީގައި ލިޔެފައިވާ ލިޔުންތައް ތަފާތު ވިޔަސް ރައީސް ހުވާ ކުރުމުން ގާނޫނު އަސާސީގައި ދެން ބުނާ ހުރިހާ މާއްދާއެއްގެ ބޭނުން ކެނޑިދާ ކަހަލަ އެވެ. ރައީސް ހުވާ ކުރުމުން މަޖިލިސްގެ ކޮންޓްރޯލް ނެގުމުގެ ފުރުސަތު ތައްމިނަށް ހުޅުވެ އެވެ. އެ ފުރުސަތުގެ ބޭނުން ހިފުމުން މުޅި ގައުމުގެ ކޮންޓްރޯލް ރައީސް ނަންގަވަ އެވެ. 

މަޖިލީސްގެ ކޮންޓްރޯލް ލިބުމުން ރައްޔިތުންނަށް ކުރެވޭނެ އެއް ކަމެއް ވެސް ނެތެވެ. ގާނޫނު އަސާސީ ދަންނަނީ ރައީސް ޖަވާބުދާރީ ކުރުވަން ޖެހޭނީ މަޖިލީހުން ކަމަށެވެ. ނަމަވެސް ޖަވާބުދާރީ ކުރުވުމުގެ ޒިންމާ މަތިކޮށްފައިވާ ގެ އިން އެކަން ނުކުރެވޭ ހިސާބަށް ދުއްވާލައިގެން ރާއްޖެ ހިންގާތާ 16 އަހަރު ވަރަކަށް އަހަރު ވެއްޖެ އެވެ. ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުން ގާނޫނު އަސާސީން މިނިވަންކަމަށް ބުނި ނަމަވެސް ހަގީގަތުގައި ވެސް އެ ވެސް ވަނީ ޖަލަށް ލާފަ އެވެ.

ތަހުޒީބު ގާނޫނު އަސާސީއެއް ލިބިގެން އުފާ ނަގަމުން ދިޔަ އިރު މިއަދު މި ދެކެނީ އެ ދުވަހު ތަސައްވަރު ކުރި ގޮތްތައް ބާއްވަ އެވެ. ގާނޫނު އަސާސީގައި ހުރި އުނި ކަންކަމުގެ ސަބަބުން ރާއްޖެ ދިޔައީ ފަހަތަށެވެ. ވައްކަމާއި ކްރޮފްޝަން ދިޔައީ އިންތިހާއަށް އިތުރުވަމުން ކަމަށް ހަބަރުތައް ކިޔާލުމުން އިނގެ އެވެ. ނުހައްގު މުއްސަނދިކަން ހޯދާ މީހުން ގިނަ ވެއްޖެ އެވެ. އަމަން އަމާންކަން ނުލިބިގެން ކުރާ ޝަކުވާ ބޮޑެވެއްޖެ އެވެ. މިފަދަ ކިތަންމެ ޝަކުވާއެއްގެ ލިސްޓެއް އަދިވެސް ލިޔެވިދާނެ އެވެ. ނަމަވެސް ކޮންމެވެސް ވަރެއްގެ މިނިވަން ކަމެއް ލިބިފައިވާކަމުގެ އިހްސާސް އެއް ބަޔަކު ކުރި ނަމަވެސް މުޅި ގާނޫނު އަސާސީން ފެތުރުނީ ނުހަލާލުކަންކަން ކަމަށް ބުނެ އެ ވާހަކަ ދައްކާ އަޑު ރަށުތެރޭ މާ ގަދަ އެވެ.

ވަގުން ގިނަވެ ނުހައްގު މުއްސަދިކަމުން ދައުލަތަށް ބުރަ ބޮޑު ވެއްޖެ އެވެ. އިންސާފުގެ މައްޗަށް ނާއިންސާފު ގަދަ ބަސް ބުނާ ކަހަލަ އެވެ. ގޯސް ރަގަޅަށްވެ ފައިސާ ލިބޭ ގޮތް އަހާލެއް މަދުވެ ކޮންމެ ގޮތެއް ވަރިހަމަ ވެއްޖެ އެވެ. ހަލާލެއް ހަރާމެއް ބެލުމެއްނެތި ދައުލަތުގެ ތިޖޫރީ ސިޔާސީންގެ ހިސޯރެއްގައި ބަންދު ވެއްޖެ އެވެ. 

މި ގާނޫނުއަސާސީގެ ހަޔާތުން 17 އަހަރު ފުރިގެން ދާއިރު، މިއަދު ދިވެހީން މިތިބީ މިގާނޫނު އަސާސީ ވެސް އިސްލާހު ކުރަން ޖެހޭކަމަށް ވާހަކަ ދެއްކުމުގަ އެވެ. އެގޮތުން "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް އިސްލާހް ތަކެއް ހުށައަޅާ ރައްޔިތުންގެ ހިޔާލަށް ކަރުދާހެއް ދޫކޮށްލައިފަ އެވެ.

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. 

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ފެހި ގާނޫނުއަސާސީން ތަސައްވުރުކުރި ރާއްޖެ ނުލިބި، ރައްޔިތުންގެ ބާރު ގެއްލުމުގެ ސަބަބުން އަލުން ރައްޔިތުން އެދޭ ރާއްޖެއަށް ދިއުމަށްޓަކައި ރައްޔިތުންގެ ހަރަކާތަކަށް މަގުފަހި ކުރުމެވެ. އިޖުތިމާއީ އަދި ސިޔާސީ ނިޒާމުން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާ ފަސާދައަކީ އާންމުވެފައިވާ އަދި އާދައިގެ ކަމަކަށް ވަމުންދާތީ އެކަން ހުއްޓުވުމަށް ރައްޔިތުން ބާރުވެރި ކުރުވުމެވެ.

ރައީސް މައުމޫން ވިދާޅުވާ ފަދައިން މީގެ 17 އަހަހރު ކުރިން ދައުލަތް ހިންގުމުގެ ނިޒާމަށް ގެނާ ބޮޑު ބަދަލަކީ، ހަމައެކަނި ބޭރުފުށުން ރީތިވެލުމަށް ގެނާ ބަދަލެއް ނޫނެވެ. މި ގެންނަ ބަދަލާއި އިސްލާހަކީ، ދިވެހިންގެ އަމާޒުތަކާއި، ގައުމުގެ އުންމީދުތަކާއި، ރައްޔިތުންގެ ހުވަފެންތައް، ހަގީގަތަކަށް ހަދާ، ދަމަހައްޓާ، ވަރުގަދަކުރުމަށް ގެންނަ ގިނަ ބަދަލުތަކަކާއި ހެޔޮ އިސްލާހުތަކެވެ. ނަމަވެސް މިއަދުގެ ހަގީގަތް ބުނެދެނީ މިހެނެތް ނޫނެވެ. ލިބުނު މިނަވަން ކަމުން ގެއްލުނީ ދިވެހި ދައުލަތާއި ރައްޔިތުންގެ މިނިވަންކަމާއި އަސާސީ ހައްގުތަކެވެ.

މިހެން މިވީ ގާނޫނުއަސާސީއެއް އެކުލަވައިލައި ނިމި، ތަސްދީގުވެ ހިންގަން ފެށި، ދިގު މަރުޙަލާތަކެއްގެ ނިމުން ކަމަށް ވިޔަސް، ހަގީގީ މަސައްކަތް ނުކުރެވި އޮތުމެވެ. އެއީ މި ގާނޫނުއަސާސީއަށް ފުރާނަދީ، ދިރުން ދިނުމުގެ. ނިޒާމުތައް އިސްލާހު ނުކުރެވުމެވެ. އަދި ގާނޫނީ އުސޫލުތައް މުގުރާލާ މީހުން ކަނޑައެޅި އަދަބުތައް ނުދެވުމެވެ.

"މި އަދަކީ ދައުލަތް ހިންގާ ފަރާތްތަކުން ރައްޔިތުންނަށް ފުރިހަމައަށް ޖަވާބުދާރީވެ، ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަބަދުމެ ރައްކާތެރިވެ، ދައުލަތް ހިންގުމުގެ ބާރުތައް މިނިވަން މުސްތަގިއްލު ފަރާތްތަކެއްގެ މައްޗަށް ހަމަހަމައަށް ބަހާލެވިގެންވާ، ރައްޔިތުންގެ ފުރިހަމަ ތަމްސީލުވުން ހިމެނޭ ވެރިކަމެއްގެ ސިއްކަ، ރާއްޖޭގައި ޖެހޭ ދުވަސް. "މީގެ 17 އަހަރު ކުރިން ގާނޫނުއަސާސީ ތަސްދީގު ކުރުމުގެ ދަރުބާރުގައި ރައީސް މައުމޫން ވިދާޅުވި އެވެ.

 ގާނޫނުއަސާސީއަށް 17 އަހަރު ފުރުމުގެ މުނަސަބަތުގައި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވީ މިއަދު ފެންނަނީ ގާނޫނުއަސާސީގެ އޮނިގަނޑު ރޫޅާލައި އެއީ ކުޅޭކުޅޭ އެއްޗަކަށް ހަދާފައިވާ ކަމަށެވެ.

ގާނޫނުއަސީގެ އޮނިގަނޑު ރޫޅާލާފައިވާ ކަމަށް އޭނާއަށް ގަބޫލު ކުރެއްވޭ ސަބަބުތައް ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ހިމެނުއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަކީ ގާނޫނުއަސާސީ ލާޒިމުކުރާ ކަމަކަށް ވާއިރު، ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ ގާނޫނުއަސާސީގެ 8 ވަނަ ބާބުގެ ބާރު ކަނޑުވާލުން

  • ފަނޑިޔާރު ގޭގެ ބާރު ކަނޑުވާލައިފި

  • ދައުލަތުގެ މާލިއްޔަތު ހިންގުމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފުވެއްޖެ

"ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި ގާނޫނުއަސާސީގެ ހަމަތައް ނެގެހެއްޓުމަށް ލިބޭ ފަހު ފުރުސަތުގެ ބޭނުން ހިފަން ޖެހޭ. އެއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު،"

ގާނޫނޫ އަސާސީން މިއަދު ވެސް ކުލަ ނުޖެހުނު ހަގީގަތަކީ އިންސާނެއްގެ މިނިވަންކަމާއި، ފުދުންތެރިކަމަކީ، ވަކި މީހެއްގެ، ނުވަތަ ވަކި ސަރުކާރެއްގެ، ނުވަތަ ވަކި ދައުލަތެއްގެ އޯގާތެރިކަމުން ލިބިދޭ ކަންކަމެއް ކަމަށް ރައްުޔިތުންނަށް އަދި ވެސް ގަބޫލުނުކުރެވި އޮތް އޮތުމެވެ.

މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ދައުލަތުގެ ބާރުތައް އެއްކޮށް، ހުދުމުހުދާރު ނިޒާމެއްގެ ތެރެއިން ވެރިކަން ކުރެވޭ ގޮތަށް ބައްޓަން ކޮށްފައި އޮތް ނޫ ގާނޫނުއަސާސީ އަށް އަމަލުކުރި ދުވަސްވަރަށްވުރެ މިއަދުގެ ހާލަތު ގޯސްވެއްޖެ ކަމަށް ބުނާ އަޑު ގަދަވެއްޖެ އެވެ.

ތެދެކެވެ. މިއަދު ފެހި ގާނޫނު އަސާސީ އަށް 17 އަހަހު ފުރުނިއިރު އެ ގާނޫނު އަސާސީން ލިބުނު މިނިވަންކަމުން ލިބުނީ "މިނިކާ ވަގުން" ނެވެ. ފެހި ގާނޫނު އަސާސީން ރާއްޖެ ހަދާލީ ވައްކަމާއި ކްރޮޕްޝަނުގެ ހާއްޔަކަށެވެ!؟ މި ކަމަށް އަވަސް ހައްލެއް ބޭނުމެވެ. ނޫނީ ގައުމަށާއި ރައްޔިތުންނަށް ލިބޭން ހުރި ދެރަ އަދި ވެސް ވާނީ އިތުރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް