
ދައުރުން ބޭރުން މިދިޔަ އަންގާރަ ދުވަހު ހަވީރު ބޭއްވި މަޖިލީހުގެ ޖަލްސާ އިން ބިލު ފާސްކުރީ 60 މެންބަރުންގެ ވޯޓާ އެކު އެވެ.
މި ބިލު ތަސްދީގު ކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ގާނޫނަކަށްވެ، އެ ގާނޫނަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފަ އެވެ.
އެހެންވެ މިއަދުން ފެށިގެން ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނާއި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ "މޯލްޑިވްސް މީޑިއާ ކައުންސިލް" އާއި ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ "މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން" އުވި އެ ތަންތަނުގެ މަސައްކަތްތައް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" އަށް ބަދަލުވީ އެވެ.
ބިލް ތަސްދީގު ނުކުރައްވަން ނޫސްވެރިންގެ ޖަމިއްޔާ އިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން ރޭ ވަނީ އެދިފަ އެވެ. އަދި ބިލު ތަސްދީގުނުކުރައްވަން އެދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވެސް ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒަށް ރޭ ސިޓީއެއް ފޮނުވައިފަ އެވެ.
ރައީސް އޮފީހުން ބުނީ މީޑިއާ ކޮންޓްރޯލު ކުރާ ގާނޫނާ އެކު ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ތަރައްގީކޮށް ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓޭނެ ކަމަށެވެ.
އާ ގާނޫނު ތަސްދީގު ކުރުމާ އެކު ބްރޯޑްކޮމް އާއި އެމްއެމްސީ އުވުނުއިރު، އާ ކޮމިޝަން އެކުލަވާލެވެންދެން އުވުނު ދެ އިދާރާއިން ކުރި މަސައްކަތްތައް ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ 5 މެންބަރުންގެ ކޮމެޓީއެއް އުފައްދާނެ އެވެ.