
ރައީސް މުއިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު ހަތަރު އަތޮަޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެލިދޫއަށް ވަޑައިގަތް އެރަށު ރައްޔިތުންނާއި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ އަމިއްލަ ވިޔަފާރިވެރިން ބާޒާރުގައި ތަކެތީގެ އަގު ބޮޑުކުރީ ގަސްދުގައި ރާވައިގެން ސިޔާސީ ބޭނުމަކަށްކަމަށެވެ. އަދި އެކަން ކުރީ ސީދާ ރައްޔިތުންނަށް ދެރަ ދިނުމުގެ ބޭނުމުގައިކަމަށް ރައީސް މުއިއްޒު ވަނީ ތުހުމަތުކުރައްވާފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ވިޔަފާރިވެރިން ކުރާ އެކަހަލަ ކަންކަމަށް ޖާގަ ދޭން ލޯމަރާލައިގެން މި ސަރުކާރުން ނުތިބޭނެކަަމަށެވެ. އެގޮތުން މީ ރައްޔިތުންގެ ފަޅީގައި އޮންނަ ސަރުކާރެއްކަމަށް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.
ބާޒާރުގައި މޭވާއާ ތަރުކާރީ އަގު ބޮޑުވުމުން 23 ބާވަތެއްގެ މުދާ އެސްޓީއޯ މެދުވެރިކޮށް ރާޢްޖެ އެތެރެކޮށް ވިއްކުމަށް އެ ކުންފުންޏާއި ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. އަދި އަންނަމަހުގެ 15 ދުވަހުން ފެށިގެން އެ ބާވާތްތައް އަގު ހެޔޮކޮށް ރާއްޖޭގެ ބާޒާރުން ލިބެން ފަށާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.