އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ފެނަކަ ކޯޕަރޭޝަންގެ 2021-2023 އަހަރުގެ މާލީ މުއާމަލާތްތަކާ ގުޅޭ އޮޑިޓް ރިޕޯޓުން ވަރަށް ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާކަން ވަނީ ފަޅާއަރާފަ އެވެ.
2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް ފެނަކަ ހިންގާފައިވާ ގޮތާއި ގުޅޭ ގޮތުން އޮޑިޓް އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ފެނަކަ އަށް އެ މުއްދަތުގައި 127 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައި ވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 112 މިލިއަން ރުފިޔާގެ ގެ އަޑީތެޔޮ ގަތީ ސިރިއަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެއީ 19 ވަނަ މަޖިލީހުގެ މެމްބަރު އަނދުން ހުސައިންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
ފެނަކައިން އެ ކުންފުނި އަތުން އެހާ ގިނަ އަދަދަކަށް އަޑީތެޔޮ ގަނެފައި ވާއިރު، އަޑީތެލަކީ ދައުލަތުގެ ދެ ކުންފުނި ކަމަށްވާ އެމްޓީސީސީ އާއި ސްޓެލްކޯ އިން ވެސް އެތެރެކުރާ އެއްޗެކެވެ. އަދި ފެނަކައަށް ވެސް އެ ދެ ކުންފުނި އަތުން ކޮންމެވެސް މިންވަރަކަށް އަޑީތެޔޮ ގަނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.
ވާދަވެރި ބީލަމަށް ހުޅުވައި ނުލައި އެގޮތަށް ވަކި ކުންފުންޏެއްގެ އަތުން އަޑީތެޔޮ ގަތުމަކީ އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައި ދިނުމަށް މަގުފަހިވާނެ ކަމެކެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރަކަށް އަހުމަދު ސައިދު ހުންނަވައިގެން، އެ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން 2021 ވަނަ އަހަރު ރައީސްގެ ސަމާލުކަމަށް ގެނަ އެވެ.
އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތައް ތަހުގީގު ކޮށްފައިވާ އިރު އަނެއް ބައި މައްސަލަތަކުގެ ތަހުގީގު ކުރިއަށް ދާ ކަމަށެވެ. މި މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ ކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ" ކަމަށް، ސިޓީގައި ވެ އެވެ. އެކަމަކު، ސޯލިހުގެ ވެރިކަން ނިންމައިލީ ފެނަކައިގެ ތެރެއިން ކުރި ކޮރަޕްޝަންގެ ތުހުމަތުތަކަށް ފިޔަވަޅެއް ނާޅަ އެވެ.
ފެނަކައިގެ ބޮޑު ވައްކަމާއި ގުޅޭ އޮޑިޓް ރިޕޯޓެއް މިހާރު ނެރެފައިވާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަންފަދަ ދައުލަތުގެ އެހެން މިނިވަން މުއައްސަސާތަކުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ. މީގެތެރެއިން ބައެއް މައްސަލަތައް ތަހުގީގުކޮށް، ފެނަކައިގެ ކުރީގެ ބަައެއް ވެރިންނަށް ދައުވާ ކުރުމަށް ވަނީ ކޯޓަށްވެސް ފޮނުވާފަ އެވެ. އަދި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފަ އެވެ. އޭގެތެރޭގައި ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުވެސް ހިމެނެ އެވެ.