ads
އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި 'ރަން ރީނދޫ' ދުވުމުގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ
ފެނަކަ އޮޑިޓް ރިޕޯޓަކީ ސިޔާސީ ރިޕޯޓެއް: އެމްޑީޕީ
ފެނަކަ ކޯޕަރޭޝަނުގެ އޮޑިޓް ރިޕޯޓު ނެރުނީ ސަރުކާރުން ގޮތް ހުވެގެން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
Advertisement

ކޮރަޕްޝަންގެ 'ހާއްޔެއް'ގެ ގޮތުގައި އޮތް ފެނަކައިގެ 2021-2023ގެ އޮޑިޓް ރިޕޯޓެއް އޮޑިޓް އޮފީހުން އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގަ އެވެ.  

މި އޮޑިޓް ރިޕޯޓާ ގުޅިގެން ފުރަތަމަ ފަހަރަށް ރަސްމީކޮށް އެއްޗެއް ބުނުމަށް, އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ރޭގަނޑު ދަންވަރުގެ ވަގުތެއްގައި މިނިވަން މުއައްސަސާއެއްގެ އޮފީސް ހުޅުވައިގެން ސިޔާސީ ބަޔަކު ލިޔެފައިވާ އޮޑިޓު ރިޕޯޓެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ޝާއިއުކުރީ ކަމަށާއި އެއީ އެ ޕާޓީން ކުށްވެރި ކުރާ ކަމެއް ކަމަށެވެ. 

އެމްޑީޕީން ބުނީ، ފެނަކައިގެ އޮޑިޓް ރިޕޯޓު ނެރުނުއިރު، އެ ކަމުގައި ޝާމިލުވި މީހުންނާއި ކުންފުނިތަކާ އެއްވެސް ސުވާލެއް ކޮށްފައި ނެތް ކަމަށެވެ. އެ ކަން އެ ގޮތަށް ކުރުމަކީ އެއީ ސިޔާސީ ރިޕޯޓެއް ކަން ސާބިތުވާ ކަމެއް ކަމަށް ވެސް ބުންޏެވެ.

އެމްޑީޕީން ބުނިގޮތުގައި، އަންނަ މަހުގެ ތިނެއްގައި އެ ޕާޓީން ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުން އަންނަ މި ދަނޑިވަޅުގައި ފެނަކައިގެ އޮޑިޓް ރިޕޯޓު ނެރުނީ އެ ހަރަކާތައް އޮތް ތާއީދު ފެނުމުންނެވެ.

އެމްޑީޕީން ތުހުމަތު ކުރި ގޮތުގައި، ސަރުކާރުން ފުލުފުލުގައި ނެރެނީ ސިޔާސީ ރިޕޯޓުތަކެކެވެ. އަދި ނެރެނީ ވެސް ސިޔާސީ ހުކުމްތައް ކަމަށް އެ ޕާޓީގެ ބަޔާނުގައި ބުންޏެވެ.

ސަރުކާރުން ފުލުފުލުގައި ސިޔާސީ ރިޕޯޓުތައް ނެރެ ސިޔާސީ ހުކުމްތައް ކުރަމުންދިޔަ ނަމަވެސް އަންނަ ހުކުރު ދުވަހު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ދިވެހި ރައްޔިތުން މަގުތަކަށް ނުކުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމްޑީޕީން ބުންޏެވެ.

އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2021 އިން 2023 އަށް ފެނަކައިން ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރި އެވެ. މީގެ ތެރެެއިން 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލަ އެވެ. އެ އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރަކަށް އަހުމަދު ސައިދު ހުންނަވައިގެން، އެ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކުރަމުންދާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން 2021 ވަނަ އަހަރު ރައީސްގެ ސަމާލުކަމަށް ގެނަ އެވެ.

އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތައް ތަހުގީގު ކޮށްފައިވާ އިރު އަނެއް ބައި މައްސަލަތަކުގެ ތަހުގީގު ކުރިއަށް ދާ ކަމަށެވެ. މި މައްސަލަތަކަށް ބަލާއިރު "ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ ކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ" ކަމަށް، ސިޓީގައި ވެ އެވެ. އެކަމަކު، ސޯލިހުގެ ވެރިކަން ނިންމައިލީ ފެނަކައިގެ ތެރެއިން ކުރި ކޮރަޕްޝަންގެ ތުހުމަތުތަކަށް ފިޔަވަޅެއް ނާޅަ އެވެ.

އޮޑިޓަ ޖެނެރަލް ނިޔާޒީ ބުރާސްފަތި ދުވަހުގެ ރޭ ނެރުއްވި އޮޑިޓް ރިޕޯޓުގައި ސައީދަށާއި ފެނަކަ އަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވީ ނަމަވެސް އެހެން މައްސަލައެއްގައި ކޮރަޕްޝަންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މިއަދު ހަވީރު ވަނީ ހަތަރު އަހަރުގެ މުއްދަތަށް ސައީދު ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް