އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް ގިނަ ގުނަ ހައްގުތަކެއް ލިބިގެންވާ މީހެކެވެ. އޭގެތެރޭގައި، އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ހައްގުތަކާއި، ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ހިމެނެ އެވެ.
ގައުމުގެ ރައްޔިތުންނަށް އެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ޒިންމާ ވެރިންގެ ބޮލުގައި އެޅިފައިވީ ނަމަވެސް، އެ ހައްގުތަށް ހޯދުމަށް ބަހާއި އަމަލުން މަސައްކަތް ކުރުމުގެ ބާރު ކޮންމެ ރައްޔިތަކަށް ވެސް ލިބެންޖެހެ އެވެ.
ރައްޔިތުންގެ ބާރުވެރިކަމަށް ޖެހިލާއިރު، ހުރިހާ ބާރަކީ ވެސް ވަކި އުސޫލެއްގެ ދަށުން ބޭނުންކުރެވޭ ބާރުތަކަކަށް ވާނެ ޖެހޭނެ ކަމަށް އެއްބަސްވާން ޖެހެ އެވެ. އެގޮތުން ބައެއް ބާރުތަކަކީ ވަކި މުއްދަތެއްގެ ތެރޭގައި ވަކި އަދަދަކަށް ބޭނުންކުރަން ލިބޭ ބާރެވެ. ނަމަވެސް، ގައުމުގެ ބޮޑެތި ކަންތައްތަކުގައި ގޮތް ނިންމުމާއި އިސްލާހީ ބަދަލުތަކަށް ބޭނުން ކުރެވޭ ބާރުތައް އިތުރު ކުރުމަކީ ރައްޔިތުންނަށާއި ގައުމަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ.
މިސާލަކަށް، މި ދަންނަވާ ފަދަ ބާރެއް ވެރިންނާ ދިގު މުއްދަކަށް ހަވާލުކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ހެއްޔެވެ؟ ވޭތުވެދިޔަ އހަަރުތަކުގައި ކަންކަން ހިނގާފައިވާ މަގަށް ބަލާއިރު އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ގަބޫލުކުރުމުގެ ޖާގައެއް ނެތެވެ.
އެހެނެއްކަމަކު އެއީ ރައްޔިތުންގެ ބާރުތައް ހަނިވެ، ވެރިންގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުމަކުން ސަލާމަތްވުމަށް މަސައްކަތްކުރުމަށް އޮތް ހުރަހެކެވެ. ވީމާ، އެ މި ދެންނެވި ގޮތަށް އެ ބާރު ދޫކޮށްލުމަކީ ރައްޔިތުންނަށް ގެއްލުން ބޮޑުވާނެހެން ކޮށޭ މަގެކެވެ.
ކަން މިހެން ހުރުމާއެކު، ތިމާގެ ހައްގުތައް ރައްކާތެރިކުރުމަށް ތިމާއަށް ލިބިފައިވާ ބާރެއް ދިގު މުއްދަތަކަށް އެހެން ފަރާތެއްގެ އަތްމައްޗަށް އެއްކޮށް ދޫކޮށްލުމަކީ އެއްވެސް މީހަކު އެދޭނެ ކަމެއް ނޫނެވެ. އޭގެ ސަބަބުން އެ ފަރާތަކުން އެ މުއްދަތުގެ ތެރޭގައި ތިމާގެ ހައްގުތަކާ މެދު އިހުމާލުވި ނަމަވެސް ތިމާ އެދޭ ގޮތާމެދު "ހޭ ވެސް" އަހާލުމުގެ ހައްގެއް ނޯންނާނެ އެވެ.
އަދި އެ ފަރާތެއްގެ އަޅުވެތިކަމުގައި ހުންނަން މަޖުބޫރުވާނެ އެވެ. ނަމަވެސް އެ މުއްދަތުގެ ވަކި ހިސާބަކުން އަލުން އެ ބާރު ބޭނުންކުރަން ލިބޭ ނަމަ، ބާރު ހަވާލުކުރި ފަރާތުގެ ކިބައިން އަނބުރާ އެ ބާރު އަތުލުމުގެ ޖާގަ ތިމާއަށް ލިބޭނެ އެވެ.
މި ދަންނަވާ ފަދަ، ރައްޔިތު މީހާގެ ބާރުތައް އިތުރުކުރުމަށް ކުރެވިދާނެ އެއް ކަމަކީ އެ ބާރު ބޭނުންކުރެވޭ މިންވަރު ގިނަ ކުރުމެވެ. ނުވަތަ އެ ބާރު ދިގު މުއްދަތެއްގެ ތެރޭގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކުރުމުގެ ފުރުސަތު ލިބުމެވެ.
އެހެންކަމުން ތިމާގެ ބާރުތަކާ މެދު ތިމާއަށް ބަސް ބުނުމުގެ ފުރުސަތު ހަނިވާ ގޮތަށް އެ ބާރުތައް އެއްކޮށް އެހެން ފަރާތަކާ ހަވާލުކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި އެ ބާރުވެރިކަން އިތުރު ކުރުމުގެ ގޮތުން އެއް މުއްދަތެއްގެ ތެރޭގައި ދެ ފަހަރު ބާރު ބޭނުންކުރަން ލިބުމަކީ ތިމާއަށް ފައިދާ ބޮޑުވާނެ ގޮތެވެ. އަދި އެއީ ތިމާގެ ހައްގުތަކާ މެދު އެހެން ފަރާތަކުން އިހުމާލުވުމުގެ ޖާގަ ކުޑަކޮށް، އެ ހައްގު ރައްކާތެރިކުރުމަށް ތިމާއަށް "އިތުރު ބާރެއް" ލިބޭނެ މަގެކެވެ.
މި މަގަށް މަސައްކަތް ކުރުމަށް އެދި ދިވެހިން "އެދޭ ރާއްޖެ" ހޯދުމަށް އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކަށް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އެދޭ ރާއްޖެ ޓީމުން އަންނަނީ ގޮވާލަމުން ނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;